ފުށިދިއްގަރުފަޅުގައި ތަރައްގީކުރަން ނިންމާފައިވާ ރަސްމާލެ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ. ނަމަވެސް މިމަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ހައެއްކަ މަސް ފަހުން ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށިއިރު ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރަނީ ކޮން ބައެއް ކަމެއް އެޗްޑީސީ އަކުން ނުބުނެ އެވެ.
އެޗްޑީސީ އިން ބުނީ ރަސްމާލެ މަޝްރޫއަށް އަލުން ބިން ހިއްކަން ފެށުމަކީ މުޖުތަމައުގެ ތަރައްގީ އާއި ކުރިއެރުމަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށެެވެ.
ރަސްމާލެ މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދަން ނިންމާފައިވާ އެންމެ ބޮޑު މަޝްރޫއެވެ.
ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް މެނިފެސްޓޯގައި ހިމަނާފައިވާތީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހު އެވެ. މިމަޝްރޫއު ފެށީ އަށް މަސް ދުވަސް ތެރޭގައި ބިން ހިއްކާ ނިންމާލުމަށް އަމާޒު ކަނޑައަޅައިގެން ކަމަށްވީ ނަމަވެސް މިމަޝްރޫއުގެ ހުރިހާ ތާރީހެއް މިހާރު ވަނީ ކައްސާލާފަ އެވެ.
ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުން ކުރިން ހަވާލުކޮށްފައި އޮތީ ނެދަލެންޑްސްގެ ބޮސްކާލިސްއާ ގުޅިފައިވާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އަށެވެ. އެ ކުންފުންޏާ އެކު ހަދާފައިވާ އޮތް އެއްބަސްވުން ސަރުކާރުން ބާތިލްކުރީ އެ ކުންފުނިން ފައިސާ ހޯދައިގެން ރަސްމާލެ ހިއްކާތީ މާލެ ސަރަހައްދުން ބިންތަކެއް ދޭން އެއްބަސްވެފައި ވަނިކޮށް ސީއެމްސީއަށް އެއްބަސްވުމާ އެއްގޮތަށް މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދިފައި ނުވާތީ އެވެ.
ސީއެމްސީ އިން ފުށިދިއްގަރު ފަޅު ހިއްކުމާ ހަވާލުވީ އެތަނުން 70 ހެކްޓަރު އަދި ހުޅުމާލެ އިން 10 ހެކްޓަރުގެ ބިން އެ ކުންފުންޏަށް 99 އަހަރަށް ލިބޭ ގޮތަށެވެ. އޭރުން މިމަޝްރޫއަށް ދައުލަތުން އެއްވެސް ހަރަދެއް ކުރާކަށް ނުޖެހެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިވިސްނުމުގައި ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ފެށީ މިއަހަރުގެ ބަޖެޓްގައި ފުށިދިއްގަރުފަޅު ހިއްކުމަށް ބޭނުންވާ 400 މިލިއަން ރުފިޔާ ހިމަނައިދިނުމަށް ނިމިދިޔަ 19 ވަނަ މަޖިލީހުގައި އެދުމަށްފަހު އެވެ. ނަމަވެސް އޭރު އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޭރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ އެ ބަޖެޓް އުނިކޮށްފަ އެވެ.
ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް އަމާޒުކޮށް ރަސްމާލޭގައި އެކަނިވެސް އެކިކަހަލަ 30،000 ހައުސިން ޔުނިޓް އަޅައި 11،900 ގޯތި ދޫކުރާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. ރައީސްގެ ވިސްނުމަކީ ރަސްމާލޭގައި ގޯއްޗާއި ފްލެޓް ހިމެނޭހެން ޖުމްލަ 65،000 ހައުސިން ޔުނިޓް އެޅުމެވެ.
ރައީސް ޑރ. މުއިއްޒު މިއަހަރު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ވަނީ ރަސްމާލޭގައި 30,000 ހައުސިން ޔުނިޓް އިމާރާތް ކުރުމާ ގުޅޭ އެމްއޯޔޫއެއްގައި ޗައިނާ ސަރުކާރާ އެކު ސޮއިކޮށްފަ އެވެ. އެކަމަކު ހައުސިން ޔުނިޓްތަކަށް ފައިސާ ހަރަދުކުރަން ނިންމާފައިވާ ގޮތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.