އުތުރު ތިލަ ފަޅު

ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއު ފުށިދިއްގަރުފަޅަށް ބަދަލުކޮށްފި

ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީންކުރަން އުތުރުތިލަފަޅުގައި ފަށަން ނިންމި މަޝްރޫއު ފުށިދިއްގަރުފަޅަށް ބަދަލުކޮށްފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ފުށިދިއްގަރުފަޅު ބޭނުންކުރަން ނިންމީ އެމްއެންޑީއެފްގެ ޑޮކްޔާޑެއްގެ ގޮތުގައެވެ. އޭރު އިންޑިއާ ބަޔަކާ ހަވާލުވކޮށްގެން އެތަން ތަރައްގީކުރުމުގެ މަސައްކަތްތަކެއްވެސް ކުރި އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ނިންމެވީ ރާއްޖޭގައި ފުޑް ސެކިއުރިޓީ ޔަގީން ކުރުމަށްޓަކައި އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއެއް ފެށުމަށެވެ.

އެގޮތުން އުތުރު ތިލަފަޅަކީ ރާއްޖޭގެ ފުރަތަމަ އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް)ގެ ގޮތުގައި ހަމަޖައްސައި އެ ތަން ތަރައްގީކުރުމަށް ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެކު މިދިޔަ މާޗް މަހު އެއްބަސްވުމެއްވެސް މިސަރުކާރުން ހެދި އެވެ. އަދި މިމަޝްރޫއު ކުރިއަށް ގެންދިއުމަށް އެސްޓީއޯގެ ދަށުން ހިންގާ ގޮތަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީ) ވެސް އުފެއްދި އެވެ.

އެސްޓީއޯގެ އޮފިޝަލަކު މިއަދު ވިދާޅުވީ އުތުރު ތިލަފަޅުގައި ކުރިއަށް ގެންދަން ނިންމާފައި އޮތް ދަނޑުވެރިކަމުގެ މަޝްރޫއު ފުށިދިއްގަރުފަޅަށް ބަދަލުކުރަން ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ. އެކަމަކު މި ބަދަލު ގެނައި ވަކި ސަބަބެއް ވިދާޅުވެފައެއް ނުވެ އެވެ.

ރައީސް މުއިއްޒު މީގެކުރިން ވިދާޅުވި ގޮތުގައި އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި 200 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންތާ ކުރީކޮޅު އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ މަޝްރޫއުއެއް ކުރިއަށް ގެންދަން ނިންމުމުން އޭރު އިންޑިއާ އިން އެކަމުގައި ކަންބޮޑުވުންތަކެއްވެސް ދިވެހި ސަރުކާރާ ހިއްސާކުރި އެވެ. އަދި ރައީސް ޑރ. މުއިއްޒު މިދިޔަ އޮކްޓޫބަރު މަހު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އުތުރުތިލަފަޅުގައި ޑޮކްޔާޑް މަޝްރޫއު އަލުން ކުރިއަށް ގެންދިއުމަށްވެސް އިންޑިއާ އިން މަޝްވަރާކޮށްފައިވެ އެވެ.

ފުށިދިއްގަރުފަޅަކީ އެ ފަޅު ހިއްކައިގެން "ރަސްމާލެ"ގެ ނަމުގައި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ތަރައްގީކުރުމަށް ނިންމާފައިވާ އެންމެ ޒަމާނީ ސިޓީ އެކެވެ. ރަސްމާލެ އަކީ ރައީސް މުއިއްޒު ގެންގުޅުއްވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި ހިމެނޭ އެންމެ މުހިއްމު ތަނެވެ.