ދިރާގު

ގައުމީ ބިލްޑް އެކްސްޕޯ 2024ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ނެޝަނަލް ބިލްޑް އެކްސްޕޯ 2024ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.

މި އެކްސްޕޯ އަކީ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އާއި މީޑިއަމް އިވެންޓްސް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން ބާއްވާ އިވެންޓެކެވެ.

މި އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް އަލިއަޅުވާލާއި އެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް ހިއްސާކުރެވޭނެ ފަދަ ޕްލެޓްފޯމެއް ފޯރުކޮށްދިނުމެވެ.

ނެޝަނަލް ބިލްޑް އެކްސްޕޯ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 އިން 14 ވަނަ ދުވަހުގެ ނިޔަލަށް، ހުޅުމާލެ ސެންޓްރަލް ޕާކް ގައެވެ. މިއީ މި އިވެންޓްގެ ތިންވަނަ އެޑިޝަނެވެ.

އިމާރަތްކުރުމުގެ ސިނާއަތުގެ 70 އަށް ވުރެ ގިނަ އެގްޒިބިޓަރުން އެ ފަރާތްތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް އެކްސްޕޯގައި ދައްކާލުމަށް ހަމަޖެހިފައި ވެއެވެ. މީގެތެރޭގައި އިމާރާތްކުރުމާއި ގުޅުންހުރި ތަފާތު ތަކެއްޗާއި ބޮޑެތި މެޝިނަރީ ހިމެނެ އެވެ.

މި އެކްސްޕޯ މެދުވެރިކޮށް ރާއްޖޭގެ އިމާރާތްކުރުމާއި އުމްރާނީ ތަރައްގީއާ ގުޅޭ ގޮތުން މި ސިނާއަތުގެ މުހިއްމު ފަރާތްތަކާއި ސްޓޭކްހޯލްޑަރުންނާ ބައްދަލުކޮށް، ނެޓްވޯކްކޮށް، ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ދިރާގުން ދަނީ ދިވެހިރާއްޖޭގެ އެކި ދާއިރާތައް އިތުރަށް ތަރައްގީކޮށް، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މުސްތަގުބަލު މުއްސަނދިކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށާއި އިނީޝިއޭޓިވްތަކަށް އަބަދުވެސް އެއްބާރުލުންދެމުންނެވެ.