( 31 ޑިސެމްބަރ 2023 އާ ގުޅޭ )
"މެރީ ކުރާ ދުވަހަށްތަ އިޒީކިއަލް އަންނާނީ. އެހާތަނަށް އަހަރެން އެކަނިތަ އުޅެންވީ. އެ ގެއަކީ އިޒީކިއަލް މެރީކޮށްގެން އުޅޭން ގަސްދުކޮށްފައިވާ ގެ ކަންނޭނގެ. އިޒީކިއަލްގެ ފެމެލީ ކޮބާބާ؟. އެކަކުވެސް ނުފެނޭ. ފެމެލީއާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނުބުނޭ. އަހަރެންގެ އެކަކުވެސް ނެތްކަން އެނގޭނެ. އިޒީކިއަލްގެ ޒާތީ އެއްވެސް ކަމެއް އަހަރެންނާ ޝެއަރކޮށްފައެއް ނެތް... އަދި ކިޔާދޭން ބޭނުންނޫނީ ކަންނޭނގެ. އަހަރެމެން ދިމާވިތާ އަދި ވީ އެންމެ ދެ ދުވަސް. ޓްރަސްޓްކޮށް ގުޅުން ބަދަހި ކުރާން ވަގުތު ނަގާނެ. އަހަރެން ވެސް ކެތްތެރިވާން އެބަޖެހޭ." މިޔާ ކޮންމެ ވާހަކައެއް ދައްކަމުން ދިޔައީ އަމިއްލަ ނަފްސާ އެވެ. އޭނާ ދަތުރު ފަށާފައި އެވަނީ މުޅީން އާ މަންޒިލަކާ ދިމާއަށެވެ. އުފާވެރިކަމާއި ހިތްހަމަޖެހުންވީ ނަސީބެއްގެ ފެށުންކަމުގައި މިޔާއަށް ޤަބޫލު ކުރެވެ އެވެ. އާ ދިރިއުޅުމާ ބައްދަލުކުރާން އެދެނީ ޔަގީންކަމާއެކީ އެވެ.
* * * * *
މޫދަށް ނަޒަރު ހުއްޓާލައިގެން ތޮށިގަނޑުމަތީ ހުރެފައި މިޔާ ހިނގައިގަތީ ހިލްމީ އަންނާށޭ ބުނުމުންނެވެ. އޭރު އެ ދިމާއަށް ޕްރައިވެޓް ކާރެއް އައިސް މަޑުކޮށްލަނީ އެވެ. ހިލްމީ އެ ކާރުގެ ފަހަތު ދޮރުފަތް ހުޅުވާލުމާއެކު މިޔާއަށް ބަލާލި އެވެ. ހިލްމީ ނުބުންޏަސް އެ ކާރަށް އަރަންވީކަން އޭނާގެ ހަރަކާތުން މިޔާ ދެނެގަތެވެ. ކާރަށް މިޔާ އެރުމުން ދޮރުފަތް ލައްޕާލާފައި ހިލްމީ ގޮސް އެރީ ކާރުގެ ކުރީ ސީޓަށެވެ. އޭނާ އެރުމާއެކު ޑްރައިވަރު ވާހަކަދައްކަން ފެށި އެވެ. އެ ދެމެދުގައި ބީރައްޓެހިކަމެއް ނެތެވެ.
"ބޮޑުމީހާ ވެސް އަންނާނޭ ކަމަށް ހީކުރީ." ޑްރައިވަރު ބުންޏެވެ. އެހިނދު ކާރުގެ ލޯގަނޑުކޮޅުން ފަހަތު ސީޓުގައި އިން މިޔާއަށް ހިލްމީ ބަލާލި އެވެ. މިޔާގެ ސަމާލުކަން އެ މީހުންގެ ވާހަކައަށް ދެވިފައިވާތީ ހިލްމީ ދުށްޓެވެ.
"ކަމެއް ދިމާވީ. ދެތިން ދުވަހެއްގެ ތެރޭ މިކޮޅަށް ދުރުވާނެ." ހިލްމީ ބުންޏެވެ.
އިޒީކިއަލްއާ ބެހޭ އިތުރު ސުވާލެއް ޑްރައިވަރު ކުރިމަތި ކުރުމުގެ ކުރީން ހިލްމީ ވާހަކައިގެ މިސްރާބު އަނބުރާލައިފި އެވެ. އެއާއެކު މިޔާގެ ސަމާލުކަން ދޮރުފަތުގެ ބިއްލޫރިގަނޑުން ރަށުތެރެއަށް އަމާޒުވެގެން އައެވެ. އިރުއޮއްސުމާ ކައިރިވެފައިވާއިރު ރަށުތެރޭގައި ހޭލަމޭލަވާ މީހުން މަދެއްނޫނެވެ. ކޮންމެ ދިމާލަކުން ތަރައްޤީގެ ކުލަވަރު ފާޅުވޭވޭ ހުއްޓެވެ. މަންޒިލާ ހަމައަށް ކާރު ދަތުރު ކުރަމުން އައިއިރު އެއީ ކައިރި ހިސާބެއްނޫންކަން ދަތުރުގެ ދިގުކަމުން މިޔާއަށް ވިސްނުނެވެ.
ކާރު މަޑުކޮށްލީ ތިންބުރިއަށް ނަގާފައިވާ ގެއެއްގެ ކުރިމަތީ އެވެ. ހިލްމީ އައިސް ދޮރު ހުޅުވަންދެން މިޔާ ކާރުގައި މަޑުކުރި އެވެ. އޭނާ ކާރުން ފައިބާ ގެއާ ދިމާއަށް ބަލާލި އެވެ. ދޮރޯށި ހުރީ ހިޔާވާނޭ ގޮތަށް މަގަށްވުރެ އެތެރެއަށް ވާނޭހެން ބަހައްޓާފަ އެވެ. ކަނީރުމަލާއި ބޯގަންވިލާގެ ދެ ކުލައެއް ބޭރު ފާރުމަތިން މަގުމައްޗަށް ބޯދީގެން ތިބިތަން ފެނެ އެވެ. ދޮރޯށީގެ ކަނާއަތް ފަރާތު ފާރުގައި ހަރުކޮށްފައިވާ ބޯޑުގައި "ލެގޫން ވިލާ" ޖަހާފައި އޮތެވެ. ޑްރައިވަރާ ވާހަކަދައްކާފައި ހިލްމީ އައިސް ދޮރޯށި ހުޅުވާލި އެވެ. އޭނާގެ ފަހަތުން މިޔާ ވަންނަން އައެވެ.
ދޮރޯށިން ވަނުމާއެކު މޫނުޖެހޭ ދިމާގައި ހުރީ އެކި ކަހަލަ ގަސް މުށިތަކެވެ. އެތަނުގައި ފޭރުގަހެއް ވެސް ހުއްޓެވެ. ކަނާއަތްފަރާތުގައި ލަކުޑިން ފަރުމާކުރެވިފައިވާ ބޮޑު އުނދޯލިގެއެއް ހުއްޓެވެ. ގޯތިތެރެ އަލި ކުރުމަށް ޓަކައި ތިރިކޮށް ހުރި ބޮކިދަނޑިތަކެއް ފާރު ކައިރީ ޖަހާފައި ހުއްޓެވެ. ވައަތްފަރާތުގައި މައިދޮރު ހުރިއިރު އެ ދިމާގެ ބައެއްގައި އޮތީ މުށި ޖަހާފަ އެވެ. އެހެން ހުރިހާ ދިމާއެއްގައި އޮތީ ދޮންވެލި ލާފަ އެވެ. މަޑު ހިނގުމެއްގައި ހިލްމީއާއެކު އައިސް މައިގެއަށް މިޔާ ވަނެވެ. އިޒީކިއަލްގެ ޕެންޓްހައުސް އިން ފެންނަ މުއްސަނދިކަމެއް އެތާކު ނުވެ އެވެ. އެކަމަކު އާދައިގެއޭ ބުނާވަރަށްވުރެ ތަނަވަހެވެ. މިޔާއަށް ސިފަކުރެވުނީ "ވެކޭޝަން ހޯމް"އެއްގެ ގޮތުގަ އެވެ. ގޭގެ ތިރީބައިގައި ހުރީ ބޮޑު ސިޓިންރޫމަކާއި ބަދިގެއާއި ކާގޭގެ އިތުރުން ދެން އޮތް ހުސް ޖާގައިގައި ވަނީ "ޕޫލް" ކުޅޭ މޭޒެއް ބަހައްޓާފަ އެވެ.
"ނަފީޒާ." ހިލްމީ ގޮވާލި އެވެ. އެއާއެކު ބަދިގެ ފަރާތުން ހަލުވި ހިނގުމެއްގައި ނުކުމެގެން އަންނާތީ ފެނުނީ ކަޅުހެދުމާއި ކަޅުކުލައިގެ ބޮޑު ބުރުގާއެއް އަޅާފައި ހުރި ފަންސާހުން މައްޗަށް ގޮސްފައިވާ އަންހެނެކެވެ. އޮޅަލި ހަންގަނޑަކާއި މެދުމިނުގެ އިސްކޮޅެކެވެ. ހިކިވެފައި ތެދު ހަށިގަނޑެކެވެ. ވަރުބަލި ދެ ލޮލެވެ.
"ހިލްމީތޯ... ކޮބާތޯ އެ ސޮރު." ނަފީޒާގެ ލޯ ކޮޅުކޮޅަށް ދަތުރުކޮށްލި އެވެ.
"ފަހުން އަންނާނީ. ކޮޓަރި ތައްޔާރުތަ؟." ހިލްމީ އަހާލި އެވެ.
"ލައްބަ. އޭރު ގުޅާފައި އަންނަ ވާހަކަ ބުނީމާ އެކަން އެންމެ ފުރަތަމަ ވެސް ކުރީ. ހުރިހާ އެއްޗެއް ބަދަލުކޮށްފައި ހުންނާނީ." ނަފީޒާ ބުންޏެވެ.
"މީ މިޔާ. އިޒީކިއަލް އިންނަން އުޅޭ ކުއްޖާ... މިޔާ. މިގެ ބަލަހައްޓާ މީހަކީ ނަފީޒާ. ގޭތެރޭގެ ކޮންމެ ކަމެއްގައި ނަފީޒާ ކައިރީ ބުނީމަ ރަނގަޅުވާނެ." މިޔާއާއި ނަފީޒާ އެކަކުއަނެކަކަށް ތަޢާރުފު ކޮށްދޭ ފަދައިން ހިލްމީ ބުންޏެވެ.
ނަފީޒާއަށް ބަލާލަމުން މިޔާ ހިނިތުންވުމެއް ދިނެވެ. ނަމަވެސް ނަފީޒާގެ މޫނުން އަސަރެއް ފާޅުނުވި އެވެ. އޭނާގެ ބެލުމުގައި މިޔާއާ މެދު ގަޔާނުވާފަދަ ގޮތެއް ހުރިހެން މިޔާއަށް އިޙްސާސް ކުރެވުނީ ކީއްވެކަމެއް ނޭނގެ އެވެ.
"މީތަ އޭނައަކީ... މާކުރިން ފޮށިތައް މިކޮޅަށް އަތުވެއްޖެ." މިޔާގެ ފުރިހަމަ އިސްކޮޅަށް ނަޒަރު ހިންގާލަމުން ނަފީޒާ ބުންޏެވެ. އެ އަޑުގައި ހިތްހެޔޮ ގޮތެއް ނެތެވެ. ފުރަތަމަ ފެނިލުމުން ވެސް ނަފީޒާއަށް މިޔާ ކަމުނުދިޔައީ ކަންނޭނގެ އެވެ.
"ހިނގާ ކޮޓަރި ދައްކާނަން." ނަފީޒާ ބުނި އެއްޗަކަށް އަޅާލުމެއްނެތި މިޔާއަށް ބަލާލަމުން ހިލްމީ ބުންޏެވެ.
ކަނާއަތްފަރާތުގައި ހުރި ސިޑިން ހިލްމީ މައްޗަށް އަރަން ފެށި އެވެ. ދެވަނަ ފަންގިފިލާއަށް މަޑުކުރުމެއްނެތި އޭނާ މިޔާ ގޮވައިގެން އެރީ ތިންވަނަ ފަންގިފިލާއަށެވެ. އެތަނުގައި ވަނީ ގޭގެ މާސްޓަރ ބެޑްރޫމެވެ. ބޮޑު ފާޚާނާއަކާއި ނިދާ ކޮޓަރިއާ ގުޅިފައި ހުރި ފުޅާ ތަނަވަސް ބެލްކަންޏެކެވެ. "ލަގްޒަރީ ސޫޓް"އެއް ފަދަ އެވެ.
"މީ ސަރގެ ބެޑްރޫމް. މިތާ މިޔާ ބެހެއްޓުމަށް ބުނީ. މިޔާއަށް ބޭނުންވާނޭ ހުރިހާ އެއްޗެއް އަލަމާރިތަކުގައި ހުންނާނެ. އިތުރަށް އެއްޗެއް ބޭނުންވާނަމަ އަހަރެން ކައިރީ ބުނެލީމަ ހޯދާ ދޭނަން. މިރޭ ކާގަޑި ޖެހުނީމަ ގޮވާލަންދެން މިތާ އަރާމުކޮށްލާ." ހިލްމީ ބުންޏެވެ. އަދި މިޔާ އެއްޗެއް ބުނޭތޯ މަޑުކޮށްލާފައި އޭނާ އެތަނުން ނުކުތީ އެވެ.
ބެލްކަންޏަށް މިޔާ ނުކުމެ ލަކުޑި ރެއިލިންގައި ހިފަހައްޓާލައިގެން މަޑުކޮށްލި އެވެ. ހިތްހަމަޖެހުން ލިބިދޭ ހަށިހިމޭން ކުރުވާ ފަދަ މާޙައުލެކެވެ. އެތަނުގައި ހުންނައިރު ދެވަނަ ފަންގިފިލާގެ ބެލްކަނިން ބަޔަކާއެކީ އުނދޯލިގެ ހުރި ދިމާ ގޯތިތެރެ އެއްކޮށް ފެނެ އެވެ. ހަށިފުރާ ފުން ނޭވާއެއް މިޔާ ދޫކޮށްލި އެވެ. އިޒީކިއަލް އަންނާނީ ކޮންއިރަކުންބާއޭ އޭނާގެ ހިތަށް އަރަ އެވެ. ކައިވެނި ކުރެވެން އުޅޭއިރު އެފަދަ ޚާއްޞަކަމެއް މިޔާއަށް އިޙްސާސެއް ނުކުރެވެ އެވެ. ހިސާބެއްގެ ހިތްނުތަނަވަސްކަމެއް މިޔާއަށް ލިބިފައިވަނީ އެހެންވެ އެވެ.
ނަފީޒާގެ ސުވާލުތައް ހިލްމީއާ އަމާޒުވި އެވެ. މިޔާއާ ބެހޭ ގޮތުންނެވެ. އިޒީކިއަލް ކުއްލިއަކަށް ކައިވެންޏެއް ކުރާން ނިންމި ނިންމުމަކީ ނަފީޒާއަށް ވެސް ސިހުން ލިބުނު ޚަބަރެކެވެ. މިޔާއަކީ ކޮންގެއަކު ކާކުގެ ދަރިއެއްތޯ އަދި އެއީ އިޒީކިއަލްއާ އެކަށީގެންވާ ފަދަ އަންހެންކުއްޖެއްތޯ ބަލަން ނަފީޒާ އުޅޭ ކަހަލަ އެވެ. ހިލްމީއަކީ އިޒީކިއަލްގެ ނިންމުންތަކާ ބެހޭ ގޮތުން ބޭކާރު ވާހަކަތަކެއް ދައްކާނޭ މީހެއް ނޫނެވެ. އިޒީކިއަލް ނިންމާ ނިންމުމާ ސުވާލު ކުރެވޭނެ މީހަކު ހުންނާނޭ ކަމަށް ހިލްމީ ޤަބޫލެއް ނުކުރެ އެވެ. އޭނާއާއި ނަފީޒާއަކީ އިޒީކިއަލްގެ ވަޒިފާގައި ތިބި ދެ މުވައްޒަފުންނެވެ. ވީއިރު އިޒީކިއަލްގެ ޒާތީ ދިރިއުޅުމުގެ ހުރިހާކަމެއް އެ މީހުންނަށް އެނގޭން ޖެހޭނެކަމަށް ހިލްމީ ޤަބޫލެއް ނުކުރެ އެވެ.
"އިޒީކިއަލް ނިންމާނީ ރަނގަޅަށް." ނަފީޒާގެ ސުވާލުތަކަށް ހިލްމީ ޖަވާބު ދިނެވެ.
ސުވާލު ކުރުން ހުއްޓާލަންވީކަން ހިލްމީގެ ޖަވާބުން ނަފީޒާއަށް ވިސްނިއްޖެ އެވެ. އޭނާ ދެން ފެށީ ގެއަށް ބޭނުންވެފައި ހުރި އެއްޗެހީގެ ވާހަކަ އެވެ. އިޒީކިއަލް އެ ގޭގައި ދިރިއުޅޭން ގަސްދުކުރާ މުއްދަތެއް އެނގިފައި ނުވާތީ އެކަން ނަފީޒާ ފާހަގަ ކުރި އެވެ. ކުރީން ހުހަށް ހުރި ގެއެއް ސާފުކުރާން ގިނަބަޔަކު ބޭނުންނުވިޔަސް ބަޔަކު ދިރިއުޅޭން ފެށީމާ އެކަކު އެކަނި ގޭތެރެ ފޮޅާ ސާފުކުރާން ދަތިވާނޭކަން ނަފީޒާ ފާހަގަ ކުރި އެވެ. އެކަންކަމާ އިޒީކިއަލްއާ ވާހަކަދައްކާނަން ކަމުގައި ހިލްމީ ބުންޏެވެ. ނަފީޒާގެ ދެބެންގެ ދެދަރި ކުއްޖަކު ގެއަށް ގެންނަން އޭނާ ވަނީ ބޭނުންވެފަ އެވެ. އޭނާގެ ވިސްނުން ހުރީ މިހާރު އޭނާއާއެކު ގޭގައި މަސައްކަތް ކުރާ ސަމީނާ ބޭރުކޮށްލާފައި އެ ފުރުޞަތު ހޯދައިދިނުމަށެވެ. ނަސީބު ރަނގަޅުކަމުން އިޒީކިއަލް ކުރަން އުޅޭ ކައިވެންޏާއެކީ ނަފީޒާ އެދިއެދި ހުރި ފުރުޞަތު ލިބިއްޖެ އެވެ. ހިލްމީ ކައިރީ ބުނުމަކީ އިޒީކިއަލް ގާތުގައި ބުނުން ފަދަކަން ނަފީޒާއަށް އެނގެ އެވެ.
"އަހަރެން ވާހަކަދައްކާނަން." ހިލްމީ ބުންޏެވެ. އެއާއެކު ނަފީޒާގެ ހިތުގައި އޮތް އެއްޗެއް ހާމަކޮށްފި އެވެ. އިޒީކިއަލް ޤަބޫލުވެއްޖެނަމަ ނަފީޒާ މީހަކު ހޯދާނަން ކަމުގައި ބުންޏެވެ. އޭނާއަށް އެނގޭ ރަނގަޅު ކުއްޖަކު އެބަހުރިކަން ބުނެލީ ދުރުދުރުންނެވެ.
"ވޯކިން ވާޑްރޯބް" ތެރޭ މިޔާ ހުއްޓިލައިގެން ހުރީ އަޖައިބުވެފައިވާ މީހަކު ފަދައިންނެވެ. ހިލްމީ ބުނީ ތެދެއްކަން އޭނާއަށް އެ ހުރީ ފެންނާށެވެ. ލާނޭ ހެދުމެއް ނެތިގެން އުޅޭކަށް ދެން ނުޖެހޭނެ އެވެ. އަރާނޭ ބޫޓެއް ފައިވާނެއް ނެތިގެން ނޫނި އަތްދަބަހެއް ނެތިގެން އުޅޭކަށް ނުޖެހޭނެ އެވެ. އެ ހުރިހާ އެއްޗަކީ ޚުދު މިޔާއަށް ޓަކައި އިޒީކިއަލް ހޯދައިފައިވާ އެއްޗެހިކަން ޤަބޫލުކުރާން ދަތިވާވަރު ވެއެވެ.
"ފުރަތަމަ ނަޒަރުން ލޯބިވެވުނީތަ؟." މިޔާއަށް އަހާލެވުނެވެ. ހަމައެހިނދުން އޭނާގެ މޫނުކޮޅު ރަތްވެގެން އައެވެ. އިޒީކިއަލްގެ ފުށުން ގާތްކަމެއް އިޙްސާސް ނުވެޔޭ ހީވިޔަސް އޭނާ ކޮށްދޭ އެފަދަ ކަންކަމުން، މިޔާގެ ހިތަށް ވެރިވާ ނުތަނަވަސްކަން ފިލާދެ އެވެ. އިޒީކިއަލް އޭނާއާމެދު އަޅާލާވަރު އެކަންކަމުން ސާބިތުވެޔޭ މިޔާއަށް ޤަބޫލުކުރެވޭތީ އެވެ.
* * * * *
ތިން ދުވަސް ފާއިތުވީއިރު މިޔާ ގޭގައި އިނީ ވާނުވާ ނޭނގިފަ އެވެ. އިޒީކިއަލްގެ ޚަބަރެއް ނުވެ އެވެ. ހިލްމީ ކައިރީ އަހާލުމުން ލިބެނީ އެއް ޖަވާބެކެވެ. ވަގުތުވީމާ އިޒީކިއަލް ގުޅާނޭ ކަމެވެ. އިޒީކިއަލްގެ ނަންބަރު ލިބިދާނޭތޯ މިޔާ އެހުމުން ހިލްމީ އެކަމާ އިންކާރު ކުރީ އެވެ. އޭނާގެ އަތުގައި އޮންނަނީ ޚާއްޞަކޮށް އޭނައަށް ދީފައި އޮތް ނަންބަރަކަށްވާތީ އެ ނަންބަރު އެހެން މީހަކަށް ދެވެން ނެތީކަން ހިލްމީ ބުންޏެވެ. އަބަދު ގޭތެރޭގައި ހުންނަންވުމުން މިޔާއަށް ބަންދުވެފައި ހުރި މީހެއްގެ ގޮތުގައި އިޙްސާސް ކުރެވެ އެވެ. އެކަމަކު އޭނާ ގޮވައިގެން ބޭރަށް ނުކުމެލާނޭ މީހަކު ނެތެވެ. ނަފީޒާއާ ވާހަކައެއް ދައްކާލަން ނުކެރެނީ އޭނާ ފުސްމޫނު ހަދައިގެން ހުންނަހެން ހީވާވަރުންނެވެ. އަދި ޚުދު އޭނާ ވެސް މިޔާއާ ގުޅުން ބަދަހިކުރާން މަސައްކަތް ނުކުރާތީ އެވެ.
"މިހެން ހުންނަންވީމަ ފޫހިވޭ. ބޭރަށް ނުކުމެލަން ބޭނުން." ސިޓިންރޫމު ސޯފާގައި އިން ހިލްމީއަށް ބަލާލާ މިޔާ ބުންޏެވެ.
"ސަރ ނާންނަނީސް ބޭރަށް ނުކުމެ އުޅުން ރަނގަޅެއް ނުވާނެ." ހިލްމީ ވަގުތުން ބުންޏެވެ.
"އިޒިކް އަންނާނޭ ދުވަހެއް ނޭނގޭ." ހިސާބެއްގެ ފޫހި ރާގެއްގައި މިޔާ ބުނެލި އެވެ.
"އިޒިކް..." ހިލްމީ ކިޔާލި އެވެ. އިޒީކިއަލްއަށް މިޔާ ނަމެއް ހެދުމުންނެވެ.
"ހޫމް... ހިލްމީގެ ސަރ. އިޒީކިއަލް." ބުނި އެއްޗެއް ސާފުކޮށްލަ ދޭ ފަދައަކުން މިޔާ ބުންޏެވެ.
"ސަރ އަންނާނެ. ޔަޤީން ކުރޭ." ހިލްމީ ބުންޏެވެ.
އެ ދެމެދުގައި އިތުރަށް ވާހަކައެއް ނުދެކެވުނެވެ. ބޭރަށް ނުކުންނާކަށް ހުއްދައެއް ވެސް ނުލިބުނެވެ. އެހެންވެ މިޔާ ނުކުތީ ގޯތި ތެރެއަށެވެ. އޭނާ އައިސް އުނދޯއްޔަށް އަރައި ހެއްލަން ފެށި އެވެ. މިޔާގެ "ޕްލޭލިސްޓުން" ލަވައެއް ޖަހާލުމާއެކު ފައިކައިރީ އުނދޯލީގައި ފޯނު ބާއްވާލި އެވެ.
ދުނިޔެމަތި އަނދިރިވާންދެން މިޔާ އުނދޯލީގައި އިނދެފައި ގޭތެރެއަށް ވަނެވެ. އޭނާ އައީ ކޮޓަރިއަށެވެ. ބެލްކަނީގައި ހުރި ދެ މީހުންނަށް އިށީނދެވޭނެ މޭޒުދޮށުގައި އިށީނދެލައިގެން މިޔާ އިނީ ފޫހިވެފަ އެވެ. ނުހަނު ބޮޑަށް އިޒީކިއަލްގެ މަތިން ހަނދާންވެފަ އެވެ. އޭނާއަށް ނާދެވިގެން އުޅޭ ސަބަބެއް ބުނެލާނެނަމައޭ އަމިއްލަ ހިތާ މިޔާއަށް ޝަކުވާކުރެވެ އެވެ. ފޯނުން ގުޅާނުލެވޭހާ ނޫނީ މެސެޖެއްހާ ހިސާބު ވެސް ނުފޮނުވޭހާ އިޒީކިއަލް އަވަދިނެތި އުޅެނީ ކޮންކަމެއްގައިބާއޭ މިޔާގެ ރުޅިވެރި ޖަޒުބާތު ހިތާއި ސުވާލު ކުރެ އެވެ. ކައިވެންޏަށްފަހު ވެސް މިޔާއަށް އިޒީކިއަލްގެ ގާތްކަމެއް ނުލިބޭނެބާއޭ ޟަމީރާ ސުވާލު ކުރެވެންފެށުނެވެ.
ގޮނޑިއަށް ދެފައި ނަގައިގެން މެޔާ ދެކަކޫ ކައިރިކޮށްލައިގެން މިޔާ އިނީ ޚިޔާލުތަކުގައި ނިކަން ވަރުގަދައަށް ޖެހިފަ އެވެ. ދޭތެރެއަކުން އޭނާއަށް ތުންފިއްތާލެވެ އެވެ. އަނެއްބައި ފަހަރު އިދިކީލަ ޚިޔާލުތަކުން މިންޖުވުމަށް ހަށިފުރާ ފުންނޭވާއެއް ދޫކޮށްލަ އެވެ. އެގޮތުގައި އޭނާ ވަނިކޮށް ކޮޓަރިއަށް މީހަކު ވަންކަމެއް މިޔާ ނުދެނަ ހުއްޓެވެ. އޭނާ އިނީ ވެސް ކޮޓަރިތެރެ ނުފެންނާނޭ ހެންނެވެ. ބެލްކަންޏަށް ނުކުމެވެން ހުރި ބިއްލޫރި ދޮރު އެ މީހާ ހުޅުވީ ނިކަން ސިއްރުންނެވެ. އަދި މިޔާއާ ގާތަށް އޭނާ ފިޔަވަޅު އަޅަމުންދިޔައީ ލަސްކޮށެވެ.
(ނުނިމޭ)