އިނގުރައިދޫ

މެންބަރު ހަސަންޓޭވެސް ޕީއެންސީއާ ގުޅިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު (ހަސަންޓޭ) ވެސް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އާ ގުޅިވަޑައިގެންފި އެވެ.

ހަސަންޓޭ ޕީއެންސީއަށް ސޮއިކުރެއްވުމަށްފަހު އެކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ހަސަންޓޭ ވިދާޅުވީ މިއަދުން ފެށިގެން އޭނާ ކުރިއަށް ވަޑައިގަންނަވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކުގައި ކަމަށެވެ. އަދި ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ޕީއެންސީއާ އެކު ދެމިހުންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މަޖިލީހުގެ އެމްޑީޕީ ތަމްސީލް ކުރި 13 މެންބަރަކު މިދިޔަ މަހުގެ 28 ވަނަ ދުވަހުވެސް ޕީއެންސީއަށް ސޮއިކުރައްވާފައިވެ އެެވެ.

ހަސަންޓޭ ޕީއެންސީއާ ގުޅިވަޑައިގަތުމާއެކު ޕީއެންސީގެ މަޖިލިސް މެންބަރުންގެ އަދަދު 16 އަށް އިތުރުވެ އެ ޕާޓީ ވަނީ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ބަދަލުވެފަ އެވެ. އަދި މަޖިލީހުގައި ހިމެނޭ ޕީޕީއެމްގެ ދެ މެންބަރުންނާ އެކު ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މެންބަރުންގެ އަދަދު 18 މެންބަރުންނަށް ވަނީ އިތުރުވެފަ އެވެ.

މަޖިލީހުގައި މިހާރު ހިމެނޭ އެމްޑީޕީގެ މެންބަރުންގެ އަދަދު މިއަދަށްފަހު 42 މެންބަރުންނަށް މަދުވެގެން ދިޔައިރު ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ 13 މެންބަރުން މަޖިލީހުގައި އެބައިތިއްބެވި އެވެ.