ރައީސް އޮފީސް

ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމަށް ތައްޔާރުވަނީ

ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމުގެ މަޝްވަރާ މިއަދު ކެބިނެޓްގައި ކުރެވޭނެކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން މިއަދު އާންމުކުރި ވީޑިއޯއެއްގަިއ ރައީސް ވިދާޅުވީ މިއަދުގެ ކެބިނެޓްގައި ވަރަށް މުހިއްމު ކަންތައްތަކަކާ މެދު މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށެވެ

"މީގެތެރޭގައި ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމުގެ މަޝްވަރާ ކުރުން އެބައޮތް. އަދި އޮންލައިން ޕޭމަންޓްތައް ޕްލެޓްފޯމްތައް ބޭނުންކޮށްގެން ޕޭ ކުރުމުގައި ހުރި ހުރަސްތައް ނައްތާލުންވެސް ހިމެނޭ. ދެން ފަތުރުވެރިކަމުގެ ދާއިރާ އާއި ސޯޝަލް ހައުސިން ކެޓަގަރީއެއް ތައާރަފް ކުރުމުގެ ވާހަކައާއި މުހިއްމު އެތައް ވާހަކަތައް އެބަހުރި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މީޑިއާތަކަށް ހާއްސަކޮށްގެން މީޑިއާ ވިލެޖް ތައާރަފް ކުރުމާ ގުޅޭ މަޝްވަރާތައްވެސް މިއަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމުގެ މަޝްވަރާ މިއަދު ކެބިނެޓްގައި ފަށާއިރު ރައީސް ޑރ. މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި މިއަދު ޗައިނާއަށް ވަޑައިގެން ރާއްޖޭގެ ތަރައްގީއާއި އިގްތިސާދާ ގުޅުންހުރި މަޝްވަރާތަކެއް އެ ގައުމުގެ އެންމެ އިސްވެރިންނާ އެކު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ރައީސް މުއިއްޒުގެ ޗައިނާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި މި ދަތުރު ނިންމާލާނީ މި މިމަހުގެ 12 ވަނަ ދުވަހު އެވެ.