ވާހަކަ

މިލްކުވާނެބާ

(6 ޖަނަވަރީ 2024 އާ ގުޅޭ )

ގޮނޑިއަށް ދެފައި ނަގައިގެން މެޔާ ދެކަކޫ ކައިރިކޮށްލައިގެން މިޔާ އިނީ ޚިޔާލުތަކުގައި ނިކަން ވަރުގަދައަށް ޖެހިފަ އެވެ. ދޭތެރެއަކުން އޭނާއަށް ތުންފިއްތާލެވެ އެވެ. އަނެއްބައި ފަހަރު އިދިކީލަ ޚިޔާލުތަކުން މިންޖުވުމަށް ހަށިފުރާ ފުންނޭވާއެއް ދޫކޮށްލަ އެވެ. އެގޮތުގައި އޭނާ ވަނިކޮށް ކޮޓަރިއަށް މީހަކު ވަންކަމެއް މިޔާ ނުދެނަ ހުއްޓެވެ. އޭނާ އިނީ ވެސް ކޮޓަރިތެރެ ނުފެންނާނޭ ހެންނެވެ. ބެލްކަންޏަށް ނުކުމެވެން ހުރި ބިއްލޫރި ދޮރު އެ މީހާ ހުޅުވީ ނިކަން ސިއްރުންނެވެ. އަދި މިޔާއާ ގާތަށް އޭނާ ފިޔަވަޅު އަޅަމުންދިޔައީ ލަސްކޮށެވެ.

* * * * *

ތޫލި ހަޅޭކެއްގެ އަޑު ފަޒާގައި ގުގުމައިގަތެވެ. ގޮނޑިން ވެއްޓުނު މިޔާ ކައްޓެއްހެން ތެދުވި ގޮތަށް ދުރަށް ދެމިގަތެވެ. އެވަރަށް އޭނާ ސިއްސައިގެން ދިޔައީ ނުވިސްނާ އިންދާ ކަނާއަތް ފަރާތު ކޮނޑާ ދިމާގައި އެއްޗެއް ހޭކިލި ހިނދު ކައިރިއަށް އެޅިގެންދިޔަ ބޮޑު ހިޔަނިންނެވެ. މިޔާ އިން މޭޒު ކައިރީ އެމީހަކު ހުއްޓިލައިގެން ހުރުމަށްފަހު ކައިރިޔައަށް ދެތިން ފިޔަވަޅު އަޅާލި އެވެ. އޮރެންޖު ކުލައިގެ ފަނޑުއަލިކަމުގެ ތެރެއިން އެ ޒުވާނާގެ ސޫރަ ފެނުމާއެކު މިޔާގެ ތެޅިތެޅި އޮތް ހިތް ހިމޭންވާން ފެށި އެވެ. ހިނދުކޮޅަކަށް އޭނާގެ ނަފްސު ހިޞާރުކުރި ބިރުވެރިކަން ފަޅިސުކުންތެއްގެ ތެރޭ ނެތިގެން ހިނގައްޖެ އެވެ. މިޔާގެ ބޮޑުވެފައިވި ދެ ލޮލުން ހާސްކަން ފިލައި ޝައުގުވެރިކަމުގެ ވިދުމެއް ފާޅުވެލައިފި އެވެ. އުންމީދުން ފުރިގެންވީ ފަދަ ލުއި ހިނިތުންވުމެއް މިޔާގެ ތުންފަތުގައި ކުޅެލި އެވެ. އެމީހަކު ދުށުމަށް މިޔާ ކެތްމަދުވެފައިވާ ޒުވާނާ އެ ހުރީ އޭނާގެ ކުރިމަތީގަ އެވެ.

"އިޒީކިއަލް." ވައި އަޑުން ކިޔާލީ ފަދައަކުން މިޔާގެ ދުލުން އެ ނަން ކިޔާލި އެވެ. އިޒީކިއަލްގެ އަތުގައި އޮތް ހުދުކުލައިގެ ބޮޑު މާބޮނޑި މިޔާއަށް ފާހަގަވެއްޖެ އެވެ. އޭނާގެ ގައިގާ ހޭކުނީ އެ މާބޮނޑިކަން މިޔާއަށް ނަގައިގެންނަން ދައްޗެއްނުވި އެވެ.

"ހާދަ ބިރެއް ތިގަތީ؟. ތަދުވިތަ؟." އިޒީކިއަލް އަހާލި އެވެ. ރަކިވެގެން އިސްޖަހާލަމުން މިޔާ ދެފަރާތަށް ބޯ ހޫރާލި އެވެ.

"ސޮރީ އަވަހަށް ނާދެވުނީމަ." މިޔާގެ ގާތަށް އައިސް މާބޮނޑި ދިއްކޮށްލަމުން އިޒީކިއަލް ބުނެލި އެވެ.

"އިޓްސް އޯކޭ." ޝަކުވާކުރާން ބޭނުންވިޔަސް އިޒީކިއަލް ފެނުމާއެކު ހިތުގައިވީ އުދާސްތައް ފިލައި ދިޔައީ ކިހިނެއްކަމެއް މިޔާއަކަށް ނޭނގެ އެވެ. އެހާ ރީތި މާބޮނޑިއަކާއެކު އިޒީކިއަލް މަޢާފަށް އެދުމުން ކަމަށްވެދާނެ އެވެ. މިޔާ ކަމަކަށް ނުހަނު ބޮޑަށް އުންމީދުކުރިކަމާއި އަދި އެފަދައިން ކަންތައް ނުވުމުން މާޔޫސްވީކަން އިޒީކިއަލްއަށް ވެސް އެނގޭކަން އޭނާގެ އެ ޢަމަލުން މިޔާއަށް ބުނެދީފިކަމުގައި ޤަބޫލު ކުރެވުނެވެ.

"އިށީންނަންވީނު." މިޔާ އިހު އިން މޭޒަށް އިޝާރާތްކޮށްލަމުން އިޒީކިއަލް ބުންޏެވެ. އަދި ދެ މީހުން އައިސް އެ މޭޒުގެ ދޮށުގައި އިށީނެވެ.

"ކަމުދޭތަ؟." ފަރުވާތެރިކަމާއެކު މޭޒުމަތީ މިޔާގެ އަތުގައި އޮތް މާބޮނޑި ބާއްވާލި ގޮތް ފެނި އިޒީކިއަލް އަހާލި އެވެ.

"ހޫމް... ވަރަށް ރީތި." ލުއި ހިނިތުންވުމަކާއެކު މިޔާ ބުނެލީ މާބޮނޑީގައިވާ މަލެއްގެ ފިޔަތަކާއި ކުޅެމުންނެވެ. އެ މާބޮނޑި ތައްޔާރުކޮށްފައި އޮތީ ތަފާތު ވައްތަރުގެ ރީތި މާތަކުންނެވެ. އެންމެ ޚާއްޞައީ މުޅީން ވެސް ހުދު މަލުން އެކުލަވާލެވިފައިވާ ގުސްދަސްތާއަކަށް ވީކަމެވެ. މިޔާގެ ސިކުނޑިއަށް ސިފަވެގެން އައީ ބައްޕަގެ ހަނދާނެވެ. މަޢާފަށް އެދެންވެއްޖެނަމަ އޭނާއަށް ގެނެސްދޭ ހުދު ކުލައިގެ ފިނިފެންމާ މަތިންނެވެ. އިޒީކިއަލްގެ ފުށުން އެ ސިފަ ފެނުންވީ މިޔާގެ ހިތަށް ތަފާތު އަސަރެއް ކުރުވި ކަމަކަށެވެ. އެ ހިތުގައި ފޯދެންފަށާފައިވާ ޖަޒުބާތުތައް މޫލާން މެދުވެރި ކުރުވި ސަބަބަކަށް ފުދުނެވެ.

"މިޔާ." އަމިއްލަ ދުނިޔެއްގައި މިޔާ އިންހެން ހީވެ އިޒީކިއަލް ގޮވާލި އެވެ. އޭނާ ދައްކަން ގަސްދުކުރާ ވާހަކައަށް މިޔާގެ ސަމާލުކަން ހޯދީ އެވެ. މާބޮނޑިއަށް ހުއްޓިފައިވީ މިޔާގެ ނަޒަރު އިޒީކިއަލްއަށް ދަތުރުކޮށްލި އެވެ.

"މާދަމާ ރޭ ކައިވެނިކޮށްދޭ މީހުން އަންނާނެ. އަށަކާއި އަށްގަޑި ފަނަރައާ ދޭތެރޭ އެމީހުން އަންނާނެ ކަމަށް ވަނީ. އެހެންވީމަ އަށެއް ޖަހަންވާއިރަށް ތައްޔާރުވެލައިގެން ހުންނާތި. އިތުރު ހަދިޔާއެއް އެނދުމަތީ އޮންނާނެ. އެއީ މާދަމާ ރޭ މިޔާ ބޭނުންކުރަން." އިޒީކިއަލް ބުންޏެވެ.

ލިބުނު ޚަބަރުން މިޔާއަށް އެއްޗެއް ބުނަން ނޭނގި އިނދެވުނީ އެވެ. އޭނާ އިނީ އިޒީކިއަލް އައިމަ ކައިވެނީގެ ކަންކަމުގައި މަޝްވަރާ ކުރާން ވިސްނައިގެންނެވެ. ނަމަވެސް އޭނާގެ ޚިޔާލެއް އެކަމުގައި ބޭނުންނުވާކަން އިޒީކިއަލްގެ ވާހަކައިން މިޔާއަށް ދޭހަވެއްޖެ އެވެ. ހުރިހާކަމެއް އިޒީކިއަލް އެވަނީ ރާވައި ނިންމާފަ އެވެ. އަމިއްލަ ޟަމީރު އެކަމާ ހިސާބަށް ހައިރާންވެ ސުވާލު އުފެއްދި އެވެ.

"މިކޮޅުގައިތަ މެރީ ކުރަނީ؟. ބަޔަކަށް ދަޢުވަތު ނުދެންތަ؟... މިބުނީ... އިޒީކިއަލްގެ ގާތް މީހުން ބައިވެރިވާނެތަ؟." ޖެހިލުންވެ އިނދެ މިޔާ ވާހަކަދެއްކި އެވެ. ހިލްމީ ފަރާތުން އެނގިފައިވީ ނަމަވެސް އިޒީކިއަލްގެ ދުލުން ބުނާއަޑު އަހަން މިޔާ ބޭނުންވާ ކަހަލަ އެވެ.

"މި ގޭގައި މިޔާ ހުންނާނީ. އެހެންވެ މިކޮޅުގައި ކުރަން ނިންމީ. މާލެއަށްވުރެ ފަސޭހައިން މިކޮޅުގެ ކޯޓުން ވާން އޮތީ. ދެން އަންނަ މީހުން ދޯ... ކައިވެނިކޮށްދޭން ކޯޓުން އަންނަ މީހުން ފިޔަވައި އިތުރު ބަޔަކު ނާންނާނެ. އެމީހުންނަށް ގޭގައި ސަޔެއް ދޭގޮތަށް ނިންމީ. އެކަން ހިލްމީ ހަމަޖައްސާނެ. އޭނާއަށް އެހީވާން ނަފީޒާ ހުންނާނެ. ގޭތެރޭގެ ހުރިހާކަމެއް ބަލަހައްޓާނީ ވެސް އޭނާ. ކައިވެނި ކުރާތީ ބޮޑު ޙަފުލާއެއް ބޭއްވުން އެއީ ބޭކާރު ޚަރަދަކާއި ވަގުތު... މިޔާގެ ފަރާތުން މިކަމުގައި ބައިވެރިވާނެ މީހަކުނެތް. އަހަރެންގެ ވެސް ނެތް. ވީހާ ވެސް އާދައިގެކޮށް ކައިވެނި ކުރާން އަހަރެން ބޭނުމީ." ސީރިއަސް ރާގެއްގައި އިޒީކިއަލް ބުންޏެވެ.

ހުރިހާކަމެއް ތަފްސީލުވެގެން ދިއުމުން މިޔާ ކުރާނޭ ސުވާލެއް ނެތެވެ. އޭނާއަށް ހީކުރެވުނު ފަދައިން އިޒީކިއަލް އެވަނީ ހުރިހާ ނިންމުންތަކެއް ނިންމާފަ އެވެ. އެކަމުގައި މިޔާގެ ޚިޔާލަކަށް ފުރުޞަތެއް ނެތެވެ. އެހެންވިޔަސް އިޒީކިއަލްގެ ޚިޔާލު މިޔާއަށް ގޯހެއް ނޫނެވެ. ދެ މީހުންގެ ފަރާތުން ކައިވެނި ފަދަ ޚާއްޞަ މާތް ގުޅުމެއްގައި ބައިވެރިވާނޭ ގާތް މީހަކު ނެތްއިރު ބޮޑު ޙަފުލާއެއްގެ ބޭނުމެއް އޮތްކަމަށް މިޔާއަކަށް ވެސް ނުފެނެ އެވެ. ޚަރަދާއި ވަގުތާމެދު އިޒީކިއަލްގެ ވިސްނުން ހަރުދަނާކަމުގައި މިޔާއަށް ޤަބޫލުކުރެވުނެވެ. ދުރަށް ވިސްނާ ފިކުރު ހިންގުމަކީ މިޔާއަށް ކަމުދާ ސިފައެކެވެ. ދިރިއުޅުން ކުރިޔަށް ގެންދެވޭނީ ލަނޑުދަނޑިތަކެއް ކަނޑައަޅައިގެން ކަމުގައި މިޔާއަށް ޤަބޫލު ކުރެވެ އެވެ. ކަންކަން ހާޞިލް ކުރުވޭނީ ކުރިމަތިލާން ކެރޭ ރޭވުންތެރި ސިކުނޑިއަކަށްކަން މިޔާއަށް ވިސްނެ އެވެ. އެހާ އަވަހަށް އޭނާއަށް އިޒީކިއަލް ކަމުދާން މެދުވެރިވީ އޭނާގެ ފުށުން ފާޅުވާ ހަރުދަނާ ސިފަތައްކަމުގައި ބެލެވެ އެވެ.

"ކައިފިންތަ؟." އިޒީކިއަލް އަހާލި އެވެ. އެއާއެކު މިޔާ ދެ ފަރާތަށް ބޯހޫރާލި އެވެ.

"ރެޑީވެލަންވީނު. ބޭރުން މިރޭ ކާނީ." އިޒީކިއަލް ބުންޏެވެ.

މިޔާގެ ދެ ލޯ ވިދައިގަތްއިރު ތުންފަތް ދެމިލައިފި އެވެ. އޭނާ ތައްޔާރުވެލަން ދާން މޭޒުދޮށުން ތެދުވި އެވެ. އެއާއެކު އިޒީކިއަލް ވެސް އޭނާއާއެކު ތެދުވެއްޖެ އެވެ. ކޮޓަރިއަށް އެނބުރިވަނީ ދެ ޒުވާނުން އެކުގަ އެވެ. އިޒީކިއަލް މަޑެއް ނުކުރި އެވެ. މިޔާ ކައިރީ ތައްޔާރުވެލައިގެން ތިރިއަށް ފޭބުމަށް ބުނެ އެ ކޮޓަރިން އިޒީކިއަލް ނުކުތީ އެވެ. މިޔާ އަތްމަތި އަވަސްކޮށްލި އެވެ. ދުވެފައި ފާޚާނާއަށް ވަނެވެ. ދެ މީހަކު ބޭނުންކުރަމަށް ތައްޔާރުކޮށްފައިވާ ފާޚާނާއެކެވެ. ބިތުގައިވާ ބޮޑު ލޯގަނޑުން މިޔާގެ ސޫރައަށް ބަލާލި އެވެ. ކަނާއަތްތިލަ އަނގަޔާ ކައިރިކޮށްލައި އަނގައިން ނުބައިވަސް ދުވާތޯ ބަލާލި އެވެ. ވަހެއް ނުދިވީ ނަމަވެސް އޭނާ ނިކަން އަވަހަށް ދަތް އުނގުޅާލި އެވެ. އަދި މޫނު ދޮވެލައިގެން ނުކުތެވެ. އެކި ކުލަކުލައިގެ ތަފާތު ހެދުންތަކުގެ ތެރެއިން މިޔާ ނެގީ ފެހި ކުލައިގެ ހެދުމެކެވެ. އޭނާއަށް ބޭނުންވާނޭ ހުރިހާ އެއްޗެއްހެން އެ ކޮޓަރީގައި އެބަހުއްޓެވެ. އެންމެ ހައިރާންވަނީ މިޔާއާ ދިމާވިތާ ދެތިން ދުވަހުގެ ތެރޭ އިޒީކިއަލް ހުރިހާކަމެއް ހަމަޖެއްސި ގޮތަކާމެދު އެވެ. ފުރަތަމަ ފެނިލުމުން އިޒީކިއަލް ގޮތް ނިންމީ ކަހަލަ އެވެ. މިޔާއަށް ޤަބޫލުކުރެވެނީ އެފަދައިންނެވެ.

އެރޭ މިޔާ ގޮވައިގެން އިޒީކިއަލް އުޅުނީ ކާރުގަ އެވެ. މާލޭގައި އޭނާ އުޅޭ ކާރަށްވުރެ ހައިބަތުން ކުޑަ ކާރެކެވެ. އަދި ޑްރައިވަރު ސީޓުގައި ކާރު ދުއްވަން އިނީ ވެސް ޚުދު އިޒީކިއަލް އެވެ. އޭނާއާ ޖެހިގެން ކުރީ ސީޓުގައި މިޔާ އިނެވެ. މިޔާ ގޮވައިގެން ރެސްޓޯރެންޓަކަށް ގޮސް ކައިގެން އޭނާ ގޮވައިގެން ރަށު ތެރޭގައި ދުއްވާލަން އިޒީކިއަލް ދިޔަ އެވެ. ދެމެދުގައި މާގިނަ ވާހަކައެއް ނުދެކެވުނަސް އިޒީކިއަލް އެ ހުރިހާކަމެއް އެ ކުރަނީ މިޔާއަށް ޓަކައިކަން ޚުދު މިޔާއަށް އިޙްސާސް ކުރެވެ އެވެ. އިޒީކިއަލްގެ ކޮންމެ ކަމެއް އޭނާގެ ހިތް ބަލައިގަންނަނީ ރުހުމާއެކު އެވެ. ގެއިން ނުކުމެވުނީތީ މިޔާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ.

ރޭގަނޑު ދިހައެއް ޖަހަންވީއިރު މިޔާ ގޮވައިގެން އިޒީކިއަލް އެނބުރި ގެއަށް އަތުވެއްޖެ އެވެ. އުނދޯލީގައި މަޑުކޮށްލަން އިޒީކިއަލް ހިނގައިގަތް އިރު މިޔާ އޭނާއާއެކު އައެވެ. ނަމަވެސް މިޔާގެ ހިތާއި ސިކުނޑީގައިވީ ޚިޔާލުތައް ވިއްސިވިހާލިކޮށްލީ އިޒީކިއަލް ދެއްކި ވާހަކަ އެވެ.

"މިޔާ ދޭ އެތެރެއަށް. އަހަރެން ތަންކޮޅެއް ފަހުން ކޮޓަރިއަށް ވަދެލާނަން. އަހަރެންގެ އެއްޗެހި ހުންނާނީ އެ ކޮޓަރީގައި." އުނދޯލި ކައިރީ ހުއްޓިލުމާއެކު މިޔާއަށް ބަލަން ހުރެ އިޒީކިއަލް ބުންޏެވެ.

އިޒީކިއަލްއާއެކު އުނދޯލީގައި މަޑުކޮށްލާ ހިތްވެފައި ހުރި މިޔާ ކަރު އެލުވާލީ މާޔޫސްކަމާއެކީ އެވެ. މަޑު ހިނގުމެއްގައި އޭނާ އައިސް ގޭތެރެއަށް ވަނެވެ. ސިޓިންރޫމު ސޯފާގައި ނަފީޒާ އިނެވެ. މިޔާ ވަނުމުން އޭނާ ބަލާލީ ފޫހިކަމުގެ ބެލުމަކުންނެވެ. އޭނާގެ މައްސަލައަކީ ކޮބާކަމެއް މިޔާއަށް ދެނެގަންނާކަށް ނޭނގެ އެވެ. ޔަގީނުން ވެސް ނަފީޒާ އޭނާއާމެދު ގަޔާނުވާކަން ފާޅުކޮށް އެނގެ އެވެ.

އެނދުމަތީ އޮތް އިޒީކިއަލް ގެނެސްދިން ހަދިޔާއަށް ބަލަން މިޔާ ހުއްޓެވެ. ރަބަރު ކަވަރަކަށް ލާފައި އޮތުމުން އޭގެ ތެރޭގައިވާ ހެދުން އޮތީ ފޮރުވިފަ އެވެ. ޒިބު ކަހާލުމާއެކު ކަވަރުގެ ތެރެއިން މިޔާ ހެދުން ނެގި އެވެ. ހުދުކުލައިގެ ހެދުމެކެވެ. ލޭސްފޮތީގެ ކުޑަ ދެއަތްކޮޅު ލާފައި ހުރި ކަކުލުން ތިރިއަށް ހުންނަ ވަރުގެ "އޭ ލައިން" ބައްޓަމުގެ ހެދުމެކެވެ. ވަރަށް ވެސް އާދައިގެ ހެދުމެއްކަން މިޔާއަށް ފާހަގަކުރެވުނެވެ.

"މީތަ އަހަރެންގެ ވެޑިން ޑްރެސްއަކީ." އާންމުކޮށް މުނާސަބާތަކަށް ލާއުޅޭ ފަދަ ހަވީރީ ހެދުމެކޭ ތަފާތެއްނެތޭ މިޔާގެ ޟަމީރު ބުނެލި އެވެ. އޭނާގެ ހިތަށް އެކަމުން ދަތިކަން ލިބިގެން ދިޔަ އެވެ. އޭނާގެ ތަސައްވުރުގައި ކުރެހިފައިވާ ކައިވެނީގެ ހެދުމާ ކައިރިކުރާވަރު ނުވީ އެވެ. މާޔޫސްވީ އެހެންވެކަން ޔަގީނެވެ. ބައެއްފަހަރު މާބޮޑަށް ކަމަކަށް އުންމީދު ކުރުމަކީ ވެސް ހެދޭ ގޯހެއްކަން މިޔާއަށް ވިސްނުނެވެ. އެނދުގައި އޮތް ކަވަރުގެ ތެރެއަށް ހެދުން ލާފައި އެ ގެންގޮސް އަލަމާރި ހަދާފައިވާ ބައިގެ ތެރޭގައި އަޅުވައިފި އެވެ. އޭގެ ބޭނުން ހިފަންވީ ވަގުތު ނުޖެހެނީސް އިތުރަށް ބަލާލަން ވެސް މިޔާ ބޭނުންނުވާ ކަހަލަ އެވެ.

* * * * *

ދަންވަރުގެ ވަގުތެވެ. އެކެއް ޖަހައި ހިނގައްޖެ އެވެ. ކޮޓަރީގެ ދޮރު ހުޅުވުނުކަން މިޔާ ދެނަހުއްޓެވެ. އޭނާ އެ އޮންނަނީ އިޒީކިއަލް އަންނާނޭ ބުނީއްސުރެ އިންތިޒާރުގަ އެވެ. ނަމަވެސް ބާރަ ޖަހައި ދިއުމުން އޭނާ އަތުވެދާނޭކަމުގެ ޚިޔާލު މިޔާ ދޫކޮށްލީ އެވެ. އެކަމަކު މިހާރު ކޮޓަރިއަށް އެ ވަނީ އިޒީކިއަލް އެވެ. އެނދުގައި އޮތް މިޔާ ސިއްރުން ބަލާލުމަށްފަހު އަލުން ލޯ މަރާލައިގެން އޮތީ ނިދާފައި ކަމަށް ހެދިގެންނެވެ. އެހެންނަމަވެސް އޭނާގެ ހިތާއި ސިކުނޑީގައި ޚިޔާލުތައް އުތުރި އަރަމުންދިޔައިރު ކުލަގަދަ ބޮކިފައްޗެއް ދިއްލެމުން ދާ ފަދަ އެވެ. އެހާ ދަންގަޑިއެއްގައި އިޒީކިއަލް ކޮޓަރިއަށް އައީތީ ހިސާބެއްގެ ޖެހިލުންވުމެއް މިޔާގެ ހިތުގައި އުފެދެން ފެށި އެވެ. ލޯ މަރައިގެން ނޯވެވިގެން އޭނާ ކުޑަކޮށް އެސްފިޔަތައް ދުރުކޮށްލައިފި އެވެ. އެ ހިމަ ދާއިރާއިން އީޒިކިއަލްގެ ހަރަކާތްތަކަށް އޭނާ ސިއްރުން ބަލަން ފެށި އެވެ.

ސިއްރުން އުޅޭ މީހަކު ފަދައިން އިޒީކިއަލް ދޮރު ލައްޕާލައި ހިނގައިގަތެވެ. ކޮޓަރި ތެރެ ހުރަސްކޮށް ފާޚާނާއާ ގުޅިފައިވާ "ވޯކިން ވޯޑްރޯބް"އާ ދިމާއަށް އޭނާ އައީ ގަމީހުގެ ބެގީ ނައްޓަމުންނެވެ. އެނދާ ދިމާއަށް އޭނާގެ ނަޒަރު އެއްފަހަރު ވެސް ނުހުއްޓުނެވެ. އޭނާ ހެދުން ބަދަލުކުރުމާއެކު ވަނީ ފާޚާނާއަށެވެ. އޭގެ އިރުކޮޅެއް ފަހުން އޭނާ ނުކުތީ ފެންވަރައިގެންނެވެ. އެއިން އެއްވެސް މަންޒަރެއް މިޔާ ނުދެކެ އެވެ. އަދި އޭނާ ހޭލާ އޮތްކަމެއް ވެސް އިޒީކިއަލް ނުދެނަ ހުއްޓެވެ. ޓީޝަޓަކާއި ދުވަން ލާ ފަދަ ދޫ ހަރުވާޅެއް ލައިގެން އިޒީކިއަލް ކޮޓަރިއަށް ނުކުތެވެ. އެހިނދު ފިނިކުރެވިފައިވާ އެ ކޮޓަރީގައި ފިރިހެންވަންތަ ލުއިލުއި މީރު ވަހަކުން ހުވަނދު ލެވުނު ފަދަ އެވެ. މިޔާއަށް ނޭފަތް އެތެރެއަށް ދަމާލެވުނެވެ. ނަމަވެސް ކުއްލިއަކަށް އޭނާއަށް ހަރުކަށިކަމެއް ވެރިވީ އިޒީކިއަލް އެނދާ ދިމާއަށް ބަލަން ހުރީތީ އެވެ. އެގޮތުގައި އިރުކޮޅަކު ހުރުމަށް އިޒީކިއަލް މަޑުމަޑުން އެނދު ކައިރިއަށް އަންނަން ފެށި އެވެ. އެނދުގެ ފައިލާ ކޮޅުގައި އޭނާ މަޑުކޮށްލި އެވެ. ދެން އަނެއްކާވެސް އައިސް މިޔާ އޮތް ފަޅިން އެނދުގެ އަރިމަތީ މަޑުކޮށްލައިފި އެވެ. ހަރުވާޅުގެ ދެ އަރިމަތީ ޖީބަށް ދެ އަތްތިލަ ކޮށްޕާލައިގެން ހުރެ މިޔާއަށް އިޒީކިއަލް ބަލަން ފެށީ ފަރުވާތެރިކަމާއެކު އެވެ. އޭރު ލޯ މަރައިގެން އެހަނަސް ހޭލާ އޮތް މިޔާއަށް އެ ބެލުމުގެ ހޫނުކަން އިޙްސާސް ކުރެވޭ ކަހަލަ އެވެ. ހަށިގަނޑުގެ އެކި ދިމާއިން އިޒީކިއަލްގެ ނަޒަރު ދަތުރުކުރާ ވަރަކަށް ހަމުގައި ޒާތެއްގެ ހިރުވުމެއް އުފެދެމުން ދިޔަ ކަހަލަ އެވެ. ފުދޭވަރަކަށް ގިނައިރު ވަންދެން އިޒީކިއަލް އެގޮތަށް ބަލަން ހުއްޓެވެ. ހޭލާ އޮތްކަން އިޒީކިއަލްއަށް ޝައްކުވާން ވެސް ނޭދޭތީ މިޔާއަށް ލޯ ހުޅުވާލާކަށް ނުކެރުނެވެ. އޭނާގެ ނޭވާ ތާށިވީ ރަޖާމަތީ އޮތް އޭނާގެ ވައަތްތިލައި އިޒީކިއަލް ހިފާލުމުންނެވެ. އެސްފިޔަތައް ދުރުކޮށްލެވުނު ހިނދު ފެނުނީ އޭނާގެ ގާތަށް އިޒީކިއަލް ގުދުވެލި ތަނެވެ.

(ނުނިމޭ)