ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

މުއިއްޒު ބެއިޖިންގައި، ޝީގެ ބައްދަލުވުން މާދަމާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ވެރިރަށް ބެއިޖިންއަށް ވަޑައިގެންފި އެވެ.

ޗައިނާގެ ވެރިރަށުން ރައީސްއަށް ކިޔާފައިވަނީ ރަތް ދޫލައިގެ އެންމެ މަތީ މަރުހަބާ އެކެވެ.

ރައީސްގެ ދެކަނބަލުން ބެއިޖިންއަށް ވަޑައިގަތުމުން އެ ދެކަނބަލުންގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންސްޕެކްޓް ކޮށްދެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

ރައީސް މުއިއްޒާއި ޗައިނާގެ ރައީސް ޝީ މާދަމާ ބައްދަލުކުރައްވާ ރަސްމީ މަޝްވަރާތައްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

ރައީސް މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް މުއިއްޒު ޗައިނާ ދަތުރުފުޅު ފެއްޓެވީ މިމަހުގެ ހަތްވަނަ ދުވަހު އެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.