ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ރާއްޖެ-ޗައިނާ 20 އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު 20 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިއެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު މިއަދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.

ރައީސް މުއިއްޒުގެ ޗައިނާގެ ދަތުރުފުޅަކީ ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަން އެންޑް ބްލޫ ޕާޓްނަޝިޕް އެއްބަސްވުމާއި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ އެއްބަސްވުމާއި، ބްލޫ އިކޮނޮމިކް ކޯޕަރޭޝަން އެއްބަސްވުމާއި، ކާރިސާތައް މަދުކުރުމަށް ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ އެއްބަސްވުމާއި، ގްރީން ޑިވެލޮޕްމެެންޓް އަދި ކާބަން މަދުކުރުމާ ގުޅޭ އެއްބަސްވުމާއި، ޑިޖިޓަލް ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުމާއި މީޑިއާގެ ދާއިރާ ތަރައްގީކުރުމާ ގުޅޭ އެއްބަސްވުމެއްވެސް ހިމެނެއެވެ.

މި ހުރިހާ އެއްބަސްވުންތަކުގެ ތަފްސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

ރައީސް މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ވަނީ އެ ގައުމުގެ ވިޔަފާރިވެރިންނާ އެކު "އިންވެސްޓު މޯލްޑިވްސް"ގެ ނަމުގައި ފޯރަމެއް ވެސް ބާއްވާފަ އެވެ. މިފޯރަމްގައި ވާހަކަދައްކަވަމުން ރައީސް ވަނީ ޗައިނާގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓް ކުރުން އިތުރުކުރުމަށް އެދިވަޑައިގެންފަ އެވެ.

މި ދަތުރުފުޅުގައި ރައީސް ޗައިނާއަށް ފުރާވަޑައިގެންފައިވަނީ މި މަހުގެ ހަތްވަނަ ދުވަހު އެވެ. ރައީސްގެ އަރިހުގައި މިދަތުރުފުޅުގައި އެމަނިކުފާނުގެ އަނިބިކަނބަލުން ސާޖިދާ މުހައްމަދާއި ގިނަ އަދަދެއްގެ ވަޒީރުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އެންމެ އިސްވެރިންނާއި އަދި ރައީސްގެ ބައެއް އެޑްވައިޒަރުންވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. މިދަތުރުފުޅަށްފަހު ރައީސް މުއިއްޒު ރާއްޖެ ވަޑައިގަންނަވަނީ ކުރިއަށް އޮތް ހުކުރު ދުވަހު އެވެ.