ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ހިލޭ އެހީގެ ގޮތުގައި ޗައިނާ އިން 130 މިލިއަން ޑޮލަރު ދެނީ

ޗައިނާއިން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް 130 މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޗައިނާ އިން ހިލޭ އެހީގެ ގޮތުގައި 920 މިލިއަން ޔުއާން -- 130 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ޗައިނާ ދޭން ނިންމާފައިވާ ފައިސާ ހަރަދުކުރާނީ ރާއްޖޭގެ ތަރައްގީއަށްޓަކައި ސަރުކާރުން އެކުލަވާލާފައިވާ މަޝްރޫއުތައް ހަގީގަތަކަށް ހެދުމަށް ކަމަށެވެ.

"މީގެތެރެއިން އެންމެ ބޮޑު ހަރަދު ކުރުމަށް ކަނޑައެޅިފައިވަނީ މާލޭގެ މަގުތައް ހެދުމަށް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ޗައިނާގެ ހިލޭ އެހީގައި މާލޭގެ މަގުތައް ހެދުމުގެ އިތުރުން އެހެން ބައެއް މަޝްރޫއުތައްވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުުރުފުޅުގައި ވަނީ ޗައިނާ ސަރުކާރާ އެކު 20 އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.