ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ޗައިނާއަށް ދައްކަންޖެހޭ ލޯނުތަކަށް ލުއި ދެނީ

ޗައިނާއިން ރާއްޖެއަށް ދޫކޮށްފައިވާ ޑައިރެކްޓް ލޯނުތަކަށް ލުއި ދިނުމަށް ނިންމައިފި އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މިކަން އިއުލާންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ޑައިރެކްޓް ލޯނުތަކަށް ފައިސާ ދެއްކުމަށް ލުއިތަކެއް ހޯދުމަށް ޗައިނާ ސަރުކާރާ އެކު މަޝްވަރާކުރެވުނު ކަމަށެވެ. ޗައިނާގެ ލޯނުތަކަށް ލުއި ލިބޭނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޗައިނާގެ ކަމާ ގުޅޭ ޓެކްނިކަލް ޓީމެއް މިކަަމަށް ރާއްޖެއަށް ފޮނުވަންވެސް ޗައިނާ އިން ނިންމާފައިވާ ކަމަށެވެ.

"ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހިފައިވާ ފައިސާ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގައި ވީހާވެސް ބޮޑަށް ގްރޭސް ޕީރިއެޑެއްލައި، މުއްދަތު ދިގު ދަންމާލައި ފަސް އަހަރު ދުވަސް ތެރޭގައި ލުއި ގޮތަށް އެ ލޯނުތައް ދެއްކޭނެ ގޮތެއް ދިރާސާކޮށް ދެއްކޭނެ ގޮތްތަކެއް ކަނޑައެޅި ހަމަޖެހޭނެ ގޮތެއް ހެދުމަށް ޗައިނާގެ ފައިނޭންސް ދާއިރާގެ ޓެކްނިކަލް ޓީމެއް ފޮނުއްވަވާނެ" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ލޯންތަކަށް ލުއި ދޭން ޗައިނާ ސަރުކާރުން ނިންމުމުން ލޯނު ދެއްކުމުގައި ވަރަށް ބޮޑު ލުއިތަކެއް ލިބޭނެ ކަމަށެވެ. އަދި ލޯން ދެއްކުމުގައި ލުއި ދިނުމަކީ މިހާރު ހަމަޖެހި ނިމިފައިވާ ކަންކަމުގެ ތެރެއިން ކަމެއް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

ރާއްޖެ އިން ދައްކަންޖެހޭ ލޯންތަކުގެ ތެރެއިން ދެވަނަ އަށް އެންމެ ގިނަ ލޯން ދައްކަންޖެހިފައިވަނީ ޗައިނާ އަށެވެ.