ފްލެޓް މައްސަލަ

ފްލެޓްގެ ރަޖިސްޓްރީ މިއަދު ހަވާލުކުރަން އުޅޭ ވާހަކަ ދޮގުކޮށްފި

މާލެ ސަރަހައްދުން ފްލެޓް ލިބޭނެ ކަމަށް ލިސްޓުކޮށް ގެޒެޓްކޮށްފައިވާ މީހުންނަށް ރަޖިސްޓްރީ މިއަދު ހަވާލުކުރަން ފަށާނެ ކަމަށް ދެކެވޭ ވާހަކަތައް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް އިން ދޮގުކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދިފައިވާ މީހުންގެ ތެރެއިން ދާއިމީ ލިސްޓުގައި ހިމެނޭ މީހުންނަށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށް ބުނެ ދައުރުވަމުން އަންނަ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ނޫން ކަމަށެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލާފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މަސައްކަތް ހުއްޓާލުމަށް މިނިސްޓްރީއަށް އަންގާފައިވާތީ ކަމަށް ވިދާޅުވެފަ އެވެ.

އެކަން ފާހަގަކޮށް ހައުސިން މިނިސްޓްރީން ބުނީ ފްލެޓްތަކާ ގުޅޭ މަސައްކަތް އަލުން ފަށާނީ އޭސީސީން މައްސަލަ ބަލާ މިނިސްޓްރީއަށް ފޮނުވުމުން ކަމަށެވެ.

"މިކަމާ ގުޅޭ މަސައްކަތްތައް ދެން ފަށާނީ އޭސީސީ އިން މައްސަލަ ބެލުމަށްފަހު، މި މިނިސްޓްރީއަށް ފޮނުވުމުން،" ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓް ހަވާލުކުރުން އޭސީސީ އިން ހުއްޓުވާފައިވަނީ ނޮވެމްބަރު 15 ވަނަ ދުވަހުގެ ރޭ ގުރުއަތު ލައިގެން 4،000 ފްލެޓް ލިބޭ މީހުން ކަނޑައަޅާފައި ވަނިކޮށެވެ. މި މަސައްކަތް ހުއްޓުވާފައިވަނީ ފްލެޓް ދިނުމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ އެވެ.

މާލެ ސަރަހައްދުން ގޯތި ނުވަތަ ފްލެޓް ލިބޭނެ ކަމަށް ލިސްޓުކޮށް ގެޒެޓްކޮށްފައިވާ މީހުންނަށް ދެ ހަފުތާ ތެރޭގައި ރަޖިސްޓްރީ ހަވާލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި މަހުގެ ދެވަނަ ދުވަހު ވިދާޅުވި އެވެ.

ނަމަވެސް ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދާނީ އޭސީސީ އިން މައްސަލަ ބަލާ ނިމުމުންނެވެ.