ޑރ. އަލީ ހައިދަރު އަހުމަދު

ހައުސިން ސްކީމުތަކަށް މަސްވެރިންނަށް ހުށައެޅޭނެ: ހައިދަރު

ހައުސިން ލޯން ސްކީމް ތަކަށް މަސްވެރިންނަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވަމުން ހައިދަރު ވިދާޅުވީ ސަރުކާރުން ލޯނު ސްކީމުގެ ދަށުން ހިންގާ ހުރިހާ ދާއިރާއަކަށް ހުށަހެޅުމުގެ ފުރުސަތު މަސްވެރިކަން ކުރާ ފަރާތްތަކަށްވެސް ހުޅުވާލާފައިވާ ކަމަށެވެ. މިފުރުސަތު ހުޅުވާލީ އިގްތިސާދީ މަސައްކަތް ކުރާ ހުރިހާ މީހުންނަކީވެސް ބޯހިޔާވަހިކަން ލިބެންޖެހޭ ބައެއް ކަމަށް ފެންނާތީ ކަމަށްވެސް ވިދާޅުވި އެވެ.

ހައިދަރު ވިދާޅުވީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް ކުރިއަށް އޮތް ދުވަސްތަކުގައި ހައުސިން ލޯނުތަކަށް ހުށަހެޅޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެން ދާއިރާތަކަށްވެސް ހައުސިން ލޯނުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ ފާހަގަކުރެއްވި އެވެ.

"ކުރިއަށް އޮތް ތަނުގައި ދަފްތަރު ކުރެވިފައިވާ ތިބޭ މީހުން ބައިވެރިކުރުމަކީ ހަމަަޖައްސާފައި އޮތް ކަމެއް. އެގޮތުން ފަތުރުރުވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގެ މީހުން ބައިވެރި ކުރުމަށް އޮތީ ކަނޑައަޅާފައި،" ހައިދަރު ވިދާޅުވި އެވެ.

މަސްވެރިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ފިޝަރީޒް މިނިސްޓްރީން ގިނަ މަސައްކަތް ތަކެއް ކުރަމުންދާ ކަމަށް އެމިނިސްޓްރީންވެސް ބުނެ އެވެ. އެގޮތުން މިއަހަރު ފެބުރުއަރީ މަހު މަސްވެރިންގެ ދަފްތަރެއް ހުޅުވާލަފައިވާއިރު މަސްވެރިންގެ ގައުމީ ދަފްތަރުގައި ނޮވެންބަރު މަހާ ހަމައަށް 305 އުޅަނދު ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.

މަސްވެރިންގެ ދަފްތަރެއް އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.