ދުނިޔެ

ޗައިނާގެ ކިބައިން ސަލާމަތްވާނަން: ޓައިވާން

ޓައިވާންގައި އިއްޔެ އޮތް ރިޔާސީ އިންތިޚާބު، ސަރުކާރު ހިންގާ ޕާޓީ -- ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީ (ޑީޕީޕީ) ގެ ކެންޑިޑޭޓް، ލާއި ޗިންޓާ ކާމިޔާބު ކުރައްވައިފި އެވެ. ލާއީ އާންމުކޮށް މީހުން ދަންނަނީ އޭނާގެ އިނގިރޭސި ނަން -- ވިލިއަމްގެ ނަމުންނެވެ.

ލާއީ އަކީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. އޭނާ ޗައިނާއަށް ފާޑުވިދާޅުވަނީ ޓައިވާން އަކީ ޗައިނާގެ ބައެއް ކަމަށް ބެއިޖީން އިން ބުނާތީ އެވެ.

ބެއިޖީން ބުނާ ގޮތުން ޓައިވާން އަކި ވަކިން އޮންނަ ޗައިނާގެ އަވަށެވެ. ވަކި ސަރުކާރަކުން ޓައިވާން ހިންގި ނަމަވެސް އޮންނަން ޖެހޭނީ މައި ސަރުކާރުގެ ބާރުގެ ދަށުގަ އެވެ. މި ނޫން ގޮތެއް ޓައިވާންއިން އިޚުތިޔާރުކުރަން އުޅެފި ނަމަ ބާރުގެ ބޭނުންކޮށްގެން ނަމަވެސް ޗައިނާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެންދާނެ އެވެ.

ނަމަވެސް، ވެރިކަމަށް ވަޑައިގަތުމަށް ކެމްޕޭން ކުރެއްވި އިރުވެސް ލާއީގެ ވައުދަކަށް ވެފައި އޮތީ ޗައިނާގެ ކިބައިން ޓައިވާން މިނިވަން ކުރެއްވުމެވެ.

އިއްޔެ އޮތް އިންތިޚާބުން ބޮޑު ތަފާތަކުން ކާމިޔާބުކުރައްވައި ދެއްކެވި ވާހަކަތަކުގައި ވެސް ޗައިނާއަށް ހަމަލާދެއްވި އެވެ.

ލާއީ ވިދާޅުވީ ޗައިނާ ދައްކާހާ ބިރަކަށް ބެއްލެވުމެއް ނެތި އަމިއްލަ ފައިމައްޗަށް ގައުމު ކޮޅަށް ޖައްސަވާނެ ކަމަށެވެ. އަދި އަސްކަރިއްޔާ ބާރުގަދަ ކުރައްވައި ޓައިވާން މިނިވަން ކަމަށް ވަކާލާތުކުރައްވާނެ ކަމަށެވެ.

ޓައިވާން އަކީ މިނިވަން ދައުލަތެއް ކަމަށް އދ ގެ ގުނަވަންތަކުން ވެސް ގަބޫލެއް ނުކުރެ އެވެ. އެމެރިކާގެ ރައީސް، ޖޯ ބައިޑަން ވިދާޅުވި ގޮތުގައި، ޓައިވާން މިނިވަންކަން އެމެރިކާ ގަބޫލެއް ނުކުރާނެ އެވެ.

ލާއީ މީގެ ކުރިން ހުންނެވީ ނައިބު ރައީސްގެ މަގާމުގަ އެވެ. އިންތިޚާބު ކާމިޔާބުރެއްވި ނަމަވެސް ރައީސް ކަމުގެ ހުވައިކުރެއްވުން އޮންނާނީ މެއި 20، 2024 ގަ އެވެ.

ޗައިނާ ގަބޫލުކުރާ ގޮތުގައި ލާއީ އަކީ ޓައިވާނަށް ހުރި ނުރައްކަލެކެވެ. އޭނާގެ ޒައާމަތުގައި ޓައިވާނަށް ރައްކާތެރިކަން ކަށަވަރުކުރަން ދަތިވާނެ ކަމަށް ބެއިޖީން އިން ވަނީ ބުނެފަ އެވެ.

ޓައިވާން މިނިވަން ވާން ކުރާ އެއްވެސް މަސައްކަތަކަށް ޗައިނާ ގަބޫލުނުވާނެ ކަމަށް ވެސް ބެއިޖީން އިން ބުނެ އެވެ. އެ ފަދަ ކަމެއް ކުރަން އުޅެފި ނަމަ ޗައިނާގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށް ވެސް ބެއިޖީން އިން ބުންޏެވެ.

ލާއީ ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ވިދާޅުވީ ޗައިނާއާ މަޝްވަރާކުރައްވާނެ ކަމަށެވެ. އެކަމަކު ޓައިވާންގެ މިނިވަންކަން ގެއްލޭ ގޮތަކަށް ނޫން ކަމަށެވެ.