ޓައިވާންގައި ރިޔާސީ އިންތިހާބެއް ހަމަ އެ ނިމުނީ އެވެ. ރަތްޔިތުން ވަނީ އާ ރައީސަކު ހޮވައި ދައުލަތުގެ ހުރިހާ ޒިންމާއެއް އޭނާއަށް ހަވާލުކުރަން އިއްތިހާދުވެފަ އެވެ.
ޓައިވާންގެ ރައިސް ކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ވިލިއަމް ލާއީ ޗިންޓާ އަކީ ޗައިނާއާ އެހާ ގާތް ބޭފުޅެއް ނޫނެވެ. ވެރިކަން ކުރާ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީ (ޑީޕީޕީ) އިންތިހާބުވެ ވަޑައިގެންނެވުގެ ކުރިން ވެސް -- ކެމްޕޭން އެއްވުންތަކުގައި ވެސް އޭނާ ވަނީ ޗައިނާއަށް ހޫނު ބަސްތަކެއް ރައްދުކުރައްވާފަ އެވެ.
ވިލިއަމް ލާއީ ވިދާޅުވި ގޮތުގައި ޓައިވާން މިނިވަންވާން ޖެހެ އެވެ. ޗައިނާއިން ދައްކާހާ ބިރަކަށް ސިހިވަޑައި ނުގެން މިނިވަންކަމަށް ވަކާލާތުކުރައްވައި ގާތް އެކުވެރިންނާ އެކު މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ގާތް އެކުވެރިންގެ ގޮތުގައި އޭނާ ސިފަކުރެއްވި އެމެރިކާއާ ޔޫރަޕް އެވެ.
ވިލިއަމް ލާއީގެ މި ވާހަކަތަކަށް ރައްދުދެއްވައި ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ވިދާޅުވީ ޓައިވާން މިނިވަންވާން ކުރާ ކޮންމެ ކަމަކަށް ހުރަސްއަޅުއްވާނެ ކަމަށެެވެ.
ޓައިވާނަކީ އެއްވެސް އިރެއްގައި ގައުމެއް ނޫން ކަމަށް ވެސް ވާންގް ޔީ ވިދާޅުވި އެވެ. މީގެ ކުރިން އަދި މީގެ ފަހުން ވެސް ގައުމަކަށް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓައިވާން އަކީ މިނިވަން ދައުލަތެއް ނޫން ކަމަށާއި މިނިވަން ދައުލަތަކަށް ވުމަށް މީގެ ކުރިން ކުރިހާ ކަމެއް ފޭލިވެފައި ވާއިރު މިނިވަންވުމަށް ކުރާ ހުރިހާ ކަމެއް ވެސް ފޭލިކޮށްލާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
ވާންގް ޔީ މިހާރު ހުންނެވީ މިސްރުގަ އެވެ. މިސްރުގެ ވެރިރަށް ގާހިރާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވަޒީރު ވިދާޅުވީ ޓައިވާންގެ ސަބަބުން ޗައިނާގެ މިނިވަންކަމަށާއި އިސްތިގުލާލަށް ބުރުއަރާ ނަމަ އެކަމަކަށް ޗައިނާ އޮތީ ތައްޔާރަށް ކަމަށެވެ.
ޓައިވާންގެ ވެރިކަން ބަދަލުވުމަކުން ޗައިނާގެ ވިސްނުމަށް ބަދަލެއް ނާންނާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. ޓައިވާން އަކީ ޗައިނާގެ ބައެއް ކަމަށާއި ބެއިޖީންގެ ވިސްނުން އޮންނާނީ އެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދުނިޔެ އޮތީ "ވަން ޗައިނާ ޕޮލިސީ" ބަލައިގެންފައި ކަމަށާއި، މި ސިޔާސަތާ ހިލާފަށް ބައިނަލްއަގުވާމީ މަސްރަހުގައި ވާކާލާތުކުރާ ކޮންމެ ބަޔަކު ޗައިނާގެ އަމިއްލަވަންތަ ކަމަށް ގޯނާކޮށްފި ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
ޗައިނާ ދެކޭ ގޮތުގައި ޓައިވާންގައި ވަކި ވެރިކަމެއް އޮތުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު އޮންނަން ޖެހޭނީ މައި ސަރުކާރުގެ ބެލުމުގެ ދަށުގައި -- ބޭރުގެ ނުފޫޒުން އެއްކިބާވެގެންނެވެ.