އިންޑިއާ

އިންޑިއާއިން ރާއްޖެ ހިފުމަށް ގޮވާލައިފި

އިންޑިއާއިން ރާއްޖެ ހިފުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރު އަދި ވަޒީރުކަންވެސް ކުރައްވާފައިވާ ސިޔާސީ ގޮތުން ނުފޫޒުގަދަ ބޭފުޅެއް ކަމަށްވާ ސުބްރަމާނިޔަމް ސްވާމީ ގޮވާލައްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ މާޗް މަހުގެ 15 ވަނަ ދުވަހުގެ ކުރި އިންޑިއާ ސިފައިން ބޭލުމަށެވެ.

ދިވެހި ސަރުކާރުގެ ނިންމުމަށް ރައްދުދެއްވާ ސުބްރަމާނިޔަމް ސްވާމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުއިއްޒު އަންގަވާފައިވާ ތާރީހުގައި އިންޑިއާ ސިފައިން ނުފަބައިފިނަމަ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރުވެސް ދީފައިވާ ކަމަށެވެ.

"ރާއްޖެއިން އިންޑިއާގެ މޫނު މައްޗަށް އުކި ކިސަޑު ސާފު ކުރާނީބާ؟ ނޫނީ މީގެކުރިން ރާޖީވް ގާންދީ ހެދިހެން އިންޑިއާގެ ސިފައިންގެ ފައުޖެއް، އިތުބާރު ގެއްލިފައިވާ ރާއްޖެއަށް ފޮނުވާ، ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލާނީތޯ؟ ނުވަތަ އިންޑިއާގެ އެއްގަމު ސިފައިން ފޮނުވައިގެން މުއިއްޒުގެ ސަރުކާރު ބަދަލު ކުރާނީތޯ؟" ސުބްރަމާނިޔަމް ސްވާމީ ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް މުހުލުތަެއް ދީފައިވަނީ ދެ ގައުމުގެ އިސްވެރިންގެ މެދުގައި އެކުލަވާލާފައިވާ ޓެކްނިކަލް ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އަދި ރާއްޖޭގެ ބައެއް ކަންކަން ވަކިން ހާއްސަކޮށް އަސާސީ ކާބޯތަކެއްޗާއި ސިއްހީ ކަންކަން އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައިވެސް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި ބައެއް އަސާސީ މުދާ ތުރުކީ އިން ރާއްޖެއަށް އެތެރެކުރުމަށްޓަކައި ތުރުކީ ސަރުކާރާ އެކު ދިވެހި ސަރުކާރުން މިހާރު ވަނީ އެއް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި ރައީސް މުއިއްޒު ވަނީ އާސަންދަ އިން ބޭސް ފަރުވާ ކުރުމުގެ ހިދުމަތް ތައިލެންޑް އަދި ޔޫއޭއީ އަށް ފުޅާކުރަން ނިންމާފަ އެވެ.