ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

130 މިލިއަން ޑޮލަރު ދިނީ ސަރުކާރުގެ މަޝްރޫއުތަކަށް: ޗައިނާ ސަފީރު

ޗއިނާ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭން ނިންމާފައިވާ 130 މިލިއަން ޑޮލަރަކީ ސަރުކާރުގެ އެކި މަޝްރޫއުތައް ހިންގުމަށް ދީފައިވާ ފައިސާ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވާންގް ލީޝިން ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ލީޝިން ވިދާޅުވީ ހިލޭ އެހީގެ ގޮތުގައި ދޭން ނިންމި 130 މިލިއަން ޑޮލަރަކީ ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއުތަކަކަށް ދޭން ނިންމާފައިވާ ހަދިޔާއެއް ކަމަށެވެ.

"އެ ފައިސާ ދިނީ މަޝްރޫއުތައް ހިންގަން. އެ މަޝްރޫއެއް ނޫނީ މަޝްރޫއުތަކެއް ކަނޑައަޅާނީ ދިވެހި ސަރުކާރުން،" ލީޝިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސްގެ ދަތުރުފުޅުގައި މި ފައިސާ ހަރަދުކުރުމަށް ނިންމާނީ ކިހިނެއްތޯ މަޝްވަރާ ކުރުމަށް ވަގުތު ނުުލިބުނު ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން ދިވެހި ސަރުކާރާ އެކު މަޝްވަރާތައް ކުރަމުން މިދަނީ މި މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ ތަފްސީލުތަކަށް ދިއުމުގެ ގޮތުން، މި މަޝްރޫއުތަކަށް ޗައިނާގެ ކުންފުނިތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި،" ލީޝިން ވިދާޅުވި އެވެ.

ދެ ސަރުކާރުގެ ދެމެދުގައި ސޮއިކުރި 20 އެއްބަސްވުމުގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމަށް ކުރިއަށް އޮތް ތަނުގައި ބުރަ މަސައްކަތްތަކެއް ކުރާނެ ކަމަށްވެސް ލީޝިން ވިދާޅުވި އެވެ. އަދި ޗައިނާގެ ކަމާ ގުޅޭ އިދާރާތަކުގެ ޓީމުތައް ރާއްޖެ އައިސް މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ޗައިނާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ ހިލޭ އެހީގެ ގޮތުގައި ޗައިނާ ދިން ފައިސާގެ ބޮޑު ބައި ހަރަދުކުރާނީ މާލޭގެ މަގުތައް ހެދުމަށް ކަމަށެވެ.