މޯލްޑިވް ގޭސް

މާނުގެ މައްޗަށް ހަތް ދައުވާއެއް އުފުލަން އެދިއްޖެ

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫނުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީ އިން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.

މިމައްސަލަ ބަލައި ތަހުގީގުކުރީ އޭސީސީގެ އަމިއްލަ އިސްނެގުމަށް ބެލި މައްސަލައެއްގެ ގޮތުގައެވެ.

އެސީސީ އިން ބުނީ މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި މައުމޫން ހުންނެވި ދުވަސްވަރު އެކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި މައުމޫނު ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން ޖުމްލަ 3,106,189.38 ރުފިޔާ ނަގާފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

މި ފައިސާ މައުމޫނާ ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވޭ އަދި އޭނާގެ އާއިލީ ބައެއް ބޭފުޅުންނާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް ޖަމާކޮށްފައިވާ ކަމަށްވެސް އޭސީސީ އިން ބުންޏެވެ.

ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން އޭސީސީ އިން އެދިފައިވަނީ މައުމޫންގެ މައްޗަށް ހަތް ދައުވާއެއް ކޮށްދިނުމަށެވެ.

އޭސީސީ އިން ކުރަން އެދޭ ދައުވާތައް

  • ދައުލަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ
  • މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ
  • ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ކުށެއް ކުރަން އެދުމުގެ ދައުވާ
  • ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ
  • ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ
  • ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ

އޭސީސީ އިން ބުނީ މި މައްސަލައިގައި ހިމެނޭ 3,106,189.38 ރުފިޔާ އަނބުރާ ހޯދުމަށްވެސް ނިންމާފައިވާ ކަމަށެވެ.