ދުނިޔެ

އެމެރިކާއާއި އިނގިރޭސިން ޔަމަނުން ފައިބަން ހޫސީން އަންގައިފި

ޔަމަނުގައި ހުންނަ އދގެ އޮފީސްތަކުގައި މަސައްކަތްކުރާ -- އެމެރިކާއާއި އިނގިރޭސިވިލާތަށް ނިސްބަތްވާ -- ހުރިހާ މުވައްޒަފުން، ކުރިއަށް 30 ދުވަހުގެ ތެރޭގައި ޔަމަނުން ފޭބުމަށް ހޫސީ ޖަމާއަތުން އަންގައިފި އެވެ.

އެމެރިކާއާއި އިނގިރޭސި މުވައްޒަފުން ޔަމަނުން ބޭލުމަށް ހޫސީންގެ ފަރާތުން 20 ޖެނުއަރީ ތާރީހުގައި ސިޓީއެއް ލިބިފައި އޮތް ކަމަށް އދގެ އޮފިޝަލުންވެސް ނޫސް އޭޖެންސީތަކަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި ހޫސީން ކޮންޓްރޯލްކުރާ އިދާރާތަކުން މި ސީޓީ މިހާރު އިންޓަނެޓްގައި -- ސޯޝަލް މީޑިއާ ނެޓްވޯކްތަކުގައިވެސް ވަނީ ޝާއިއުކޮށްފަ އެވެ.

ހޫސީންގެ އޮފިޝަލުން އޭއެފްޕީއަށް ބުނި ގޮތުން އެމެރިކާ އަށާއި އިނގިރޭސި މުވައްޒަފުންނަށް ޔަމަނުގައި ތިބެން ދެން ލިބޭނީ 30 ދުވަހެވެ. އެއަށް ފަހު ޔަމަނުން ފައިބަން އިންކާރުކޮށްފި މީހަކާ މެދު އެ ޖަމާއަތަށް ފެނުނު ގޮތަކަށް އަމަލުކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.

އެ މީހުން ފޭބުމަށް ދިން މުއްދަތު ހަމަވުމުގެ 24 ގަޑިއިރު ކުރިން އަދި އިތުރު އެންގުމެއް އަންގާނެ ކަމަށްވެސް ޔަމަނުގެ ވެރިރަށް ސަންއާގައި ހަރަކާތްތެވާ ހޫސީންގެ ސިޓިގައި ބުނެފައިވެ އެވެ.

ޔަމަނުގައި ހޫސީންގެ ކޮންޓްރޯލް އޮތީ ވަރަށް ކުޑަ ދާއިރާއެއްގަ އެވެ. ނަމަވެސް އެ ޖަމާއަތުގެ ނުފޫޒު އާބާދީގެ ބޮޑު ބަޔަކަށް އޮތީ ފޯރާފަ އެވެ.

އދގެ އޮފިޝަލުން ވިދާޅުވި ގޮތުން އެ މީހުންނާ މެދު އަމަލުކުރެވިގެން ހިނގައިދާނެ ގޮތަކަށް ތިބީ ތައްޔާރަށެވެ. ރަސްމީކޮށް އަދ ވަކި ގޮތެއް އދ އިން ނިންމާފައި ނުވާތީ ދެން އޮތީ ކޮން ފިޔަވަޅެއްކަން އެނގިވަޑައި ނުގަންނަވާ ކަމަށްވެސް އޮފިޝަލުން ވިދާޅުވި އެވެ.

ޔަމަނުގައި ހުރި އދގެ އޮފީސްތަކުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިވުމާއި ސިއްހީ ދާއިރާއަށާއި ތައުލީމީ ދާއިރާއަށް އެހީތެރިވުން ހިމެނެ އެވެ.

ހޫސީން މިގޮތަށް އެމެރިކާ އާއި އިނގިރޭސިންނަށް އަމުރުކުރީ ޔަމަނުގައި ހުންނަ ހޫސީންގެ އަސްކަރީ މަރުކަޒުތަކަށް އެމެރިކާއާއި އިނގިރޭސި ފައިޓަރު ޖެޓުތަކުން ހަމަލާދީ ސުންނާފަތި ކުރުމާ ގުޅިގެންނެވެ. އަދި ރަތް ކަނޑުގައި ހޫސީންގެ އުޅަނދުތަކަށް ހަމަލާދިނުމުގައި އެމެރިކާއާ އިނގިރޭސި މަނަވަރުތައް ހަރަކާތްތެރި ވާތީ އެވެ.