ދިރާގު މޮބައިލް ލެޖެންޑްސް މިނީ ސީރީޒް މިހާރު އެކުންފުނިން އެބަ ކުރިއަށް ގެންދެ އެވެ. މި މުބާރާތަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތަފާތު ކުޅިވަރުތަކާއެކު މުޅި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އީސްޕޯޓްސް މުބާރާތްތަކުގެ ސިލްސިލާ ފެށުމެވެ.
މޮބައިލް ލެޖެންޑްސް މިނީ ސީރީޒް 1 އަށް އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ މިދިޔަ ހަފުތާގައި ދިރާގު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ހުޅުވާލާފަ އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ގޭމަރުންގެ ފަރާތުން ވަނީ މި މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ.
އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށްދާ މި މުބާރާތުގެ ހުރިހާ މެޗުތަކެއްވެސް ދިރާގުގެ ޔޫޓިއުބް އަދި ފޭސްބުކް ޕޭޖުން ލައިވް ސްޓްރީމް ކުރާނެ އެވެ.
ދިރާގުގެ މެނޭޖަރ، ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވީ ދިރާގުން ގަބޫލުކުރާ ގޮތުގައި އީސްޕޯޓްސްއަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހިންގޭނެ ކުޅިވަރެއް ކަމަށެވެ.
"އެގޮތުން މި މުބާރާތަކީ ދިވެހި ގޭމަރުންނަށް އެފަރާތްތަކުގެ ހުނަރު ދައްކާލުމުގެ ފުރުސަތު ދިނުމުގެ އިތުރުން ކުޅިވަރެއްގެ ގޮތުގައި ގޭމިން ކުރިއެރުވުމަށް މަގުފަހިކޮށްދީ، ތަފާތު އޮންލައިން ގޭމްތަކަށް އެކި ގޭމިން ކޮމިއުނިޓީތައް ބިނާކުރުމަށް ކުރެވޭ މުހިންމު ކަމެއް،" ނާޔާ ވިދާޅުވި އެވެ.
މޮބައިލް ލެޖެންޑްސްއަކީ މޮބައިލް ގޭމިންގެ ދުނިޔޭގައި މަގުބޫލު މަލްޓިޕްލޭޔާ އޮންލައިން ބެޓްލް އެރީނާ (އެމްއޯބީއޭ) ގޭމެކެވެ. އެގޮތުން ވޭދުވެދިޔަ އަހަރު ދިރާގުން ވަނީ 'މޮބައިލް ލެޖެންޑްސް ކޮންކުއެސްޓް 2023'ގެ ނަމުގައި 100،000 ރުފިޔާގެ ޕަރައިޒް ޕޫލަކާއެކު ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު އެއް އީސްޕޯޓްސް މުބާރަތް ބާއްވާފަ އެވެ.
ދިރާގުގެ މަގުސަދަކީ ރާއްޖޭގެ އީސްޕޯޓްސް އިތުރަށް ތަރައްގީކޮށް ކުރިއަރުވާ، ދިވެހި އީސްޕޯޓްސް އިތުރު ހަރުފަތަކަށް ގެންދިއުމަށް ރާއްޖޭގެ ގޭމިން ކޮމިއުނިޓީއާ ގުޅިގެން މަސައްކަތް ކުރުން ކަމަށް އެ ކުންފުނިން ބުނެ އެވެ.