މިނިސްޓްރީ އޮފް ހެލްތު

ތެލަސީމިއާއަށް ހޭލުންތެރި ކުރަން ގައުމީ ކެމްޕޭނެއް ފަށައިފި

ތެލަސީމިއާއަށް ހޭލުންތެރި ކުރުމަށް ގައުމީ ކެމްޕޭނެއް މިއަދު ފަށައިފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކެމްޕޭން ލޯންޗްކޮށްދެއްވީ މިނިސްޓާ އޮފް ހެލްތު ޑރ. އަބްދުﷲ ޚަލީލް އެވެ.

މިކެމްޕޭންގެ މަގުސަދަކީ ތެލެސީމިއާ އާއި ގުޅިގެން ލޭއަޅާކުދިން އުފަންވާ ނިސްބަތް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 50 އިންސައްތައަށް ދަށްކުރުމެވެ.

މީގެ އިތުރުން ގައުމީ ފެންވަރުގައި އާއި ފަރުދީ ފެންވަރުގައި ގިނަ ބަޔަކަށް ތެލަސީމިއާ ބެހޭ މައުލޫމާތު ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުމާއި، މި ނިޒާމުގެ ދަށުން ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކަށް ތެލެސީމިއާ އާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ސާނަވީ ތައުލީމު ނިންމާ ހުރިހާ ދަރިވަރުން ތެލެސީމިއާއަށް ޓެސްޓްކުރުން ހިމެނެ އެވެ.

މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ކުރިއަށް ގެންދާ މިކެމްޕޭންގެ ދަށުން ހުރިހާ މިނިސްޓްރީތަކާއި އޮފީސްތަކަށް ހޭލުންތެރިކުރުމުގެ ސެޝަން ކުރިއަށް ގެންދާނެ އެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ގުޅިގެން ސުކޫލުތަކުގައި ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންނާއި ބެލެނިވެރިން ތެލަސީމިއާއަށް ހޭލުންތެރި ކުރުމާއި ދަރިވަރުން ތެލަސީމިއާ އަށް ޓެސްޓްކުރުމަށްވެސް ހަމަޖެހިފައިވެ އެވެ. އެގޮތުން އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައި، އެ ސްކޫލްގެ ގްރޭޑް 10 ގައި ކިޔާވާ ދަރިވަރުން ތެލަސީމިއާ އަށް ޓެސްޓްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ގްރޭޓާ މާލޭ ސަރަހައްދުގެ ގްރޭޑް 10ގެ ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވެ އެވެ.

ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަމުންދާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.