ދިރާގު

ދިރާގުން އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ އެސް 24ގެ މޮޑެލްތައް ރާއްޖޭގައި ލޯންޗުކޮށްފި

ދިރާގުން ސެމްސަންގް ގެލެކްސީ އެސް 24، އެސް 24 ޕްލަސް އަދި އެސް 24 އަލްޓްރާ ރާއްޖޭގައި ލޯންޗުކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި ރޭ ބޭއްވި ހާއްސަ އިވެންޓެއްގައި ސެމްސަންގްގެ މި ފޯނުތައް ޕްރީ-އޯޑަ ކުރި ކަސްޓަމަރުންނަށް ވަނީ ހަވާލުކޮށްފަ އެވެ.

ސެމްސަންގް ގެލެކްސީގެ އެންމެ ފަހުގެ ފޯނުތައް ލޯންޗުކޮށްފައިވަނީ ސެމްސަންގް ސްރީލަންކާ އަދި ދިވެހިރާއްޖޭގެ މެނޭޖިން ޑިރެކްޓަރު ސެންގްވާ ސޯންގް އަދި ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން އެވެ.

މި އިވެންޓްގައި ވާހަކަދައްކަވަމުން ސެންގްވާ ސޯންގް ވަނީ 2015 ވަނަ އަހަރުން ފެށިގެން ސެމްސަންގާއި ދިރާގާ ދެމެދު ގާއިމުކުރެވިފައިވާ ޕާޓްނާޝިޕާ ގުޅޭގޮތުން ވާހަކަދައްކާފަ އެވެ. މީގެ އިތުރުން ސެމްސަންގްގެ ކަސްޓަމަރުން ރާއްޖޭގައި އިތުރުވަމުންދާކަން ފާހަގަކުރައްވައި އެންމެ ފަހުގެ ސެމްސަންގް ސްމާޓްފޯންތައް ރާއްޖެއަށް ގެނައުމަކީ ސެމްސަންގްއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައި ވިދާޅުވި އެވެ.

މިރްޝާން ހަސަން ވިދާޅުވި ގޮތުގައި ސެމްސަންގާއެކު ގާއިމުކުރެވިފައިވާ ޕާޓްނާޝިޕަކީ ކަސްޓަމަރުންނަށް އެންމެ ރަނގަޅު ސްމާޓް ޓެކްނޮލޮޖީ ފޯރުކޮށްދީ، ޑިޖިޓަލް މުސަތަގުބަލުގައި އެފަރާތްތައް ކުރިއަށް އެރުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ މުހިއްމު ބައެކެވެ.

މި އައު ގެލެކްސީ އެސް 24 ސީރީޒްއާ އެކު ސެމްސަންގުން ވަނީ "ގެލެކްސީ އޭއައި" ތައާރަފުކޮށްފަ އެވެ. އެގޮތުން މިއާ އެކު ކަސްޓަމަރުންނަށް ތަފާތު ޒަމާނީ ޑިޒައިންއެއްގެ ފޯނެއްގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ ޒަރިއްޔާ އިން މުޅިން އައު ތަޖުރިބާއެއް ލިބިގެންދާނެ އެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ދިރާގުން ވަނީ ހާއްސަ އޮފާއަކާ އެކު ސެމްސަންގް ގެލެކްސީ ފޯނުތަކުގެ ޕްރީ-އޯޑަރަށް ހުޅުވާލާފަ އެވެ. އެގޮތުން ދިރާގުން ގަންނަ ކޮންމެ ފޯނަކާ އެކު ކަސްޓަމަރުންނަށް 12 މަސް ދުވަހުގެ ނިޔަލަށް ކޮންމެ މަހަކު ފަސް ޖީބީ ހިލޭ ބޯނަސް ޑޭޓާ ލިބެ އެވެ. މީގެ އިތުރުން ދިރާގު ކަސްޓަމަރުންނަށް ގެލެކްސީ އެސް 24 ޕްލަސް އަދި އެސް 24 އަލްޓްރާއާ އެކު ހިލޭ ގެލެކްސީ ވޮޗް 6 ކްލަސިކްއެއް އަދި އެސް 24 އާ އެކު ހިލޭ ގެލެކްސީ ވޮޗްއެއް ލިބޭނެ އެވެ.

ދިރާގުން އަބަދުވެސް ދަނީ އެންމެ ފަހުގެ ސްމާޓްފޯން ޑިވައިސްތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީ މިހާރަށް ވުރެ ރަނގަޅު އަދި ފަސޭހަ ގޮތަކަށް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުން ގުޅުވާލަދިނުމަށް މަސައްކަތްކުރަމުން ކަމަށް އެ ކުންފުނިން ބުނެ އެވެ.