ދިރާގު

ދަ މާކެޓާސް ސަމިޓްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ދަ މާކެޓާސް ސަމިޓް 2024ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.

މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 އިން 24ގެ ނިޔަލަށް މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)ގެ ސީއޭ އޯޑިޓޯރިއަމް ގައެވެ. މިއީ މި އިވެންޓްގެ ދެވަނަ އެޑިޝަނެވެ.

ގްލޯޓެބް އިންވެސްޓްމަންޓުން އިންތިޒާމުކޮށްގެން ބާއްވާ މި އިވެންޓް ވެގެންދާނީ ރާއްޖޭގެ މާކެޓިން ދާއިރާއަށް ހާއްސަކޮށްގެން ބާއްވާ އެންމެ އުއްމީދީ އެއް ހަރަކާތަށެވެ. އެގޮތުން މި އިވެންޓްގައި މި ސިނާއަތުގެ އިސްވެރިންނާއި މާކެޓިން ޕްރޮފެޝަނަލުންނާއި އުއްމީދީ ހުނަރުވެރިން އެއް ތަނަކަށް އެއްކޮށް، މާކެޓިން ދާއިރާގެ މުސްތަގުބަލު ބައްޓަންކުރާނެ ކަމަށް ލަފާކުރެވޭ އެންމެ ފަހުގެ ޓްރެންޑްތަކާއި ސްޓްރެޓެޖީތަކާއި ޓެކްނޮލޮޖީތައް ދެނެގަންނާނެ އެވެ.

މި އަހަރުގެ ދަ މާކެޓާސް ސަމިޓްގައި މައިގަނޑު ގޮތަކަށް އަލިއަޅުވާލާނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި މި އައު އިޖާދީ ޓެކްނޮލޮޖީގެ ސަބަބުން މާކެޓިން ޓްރެންޑްސް އަދި ޑައިނަމިކްސްއަށް ކުރާ އަސަރުގެ މައްޗަށެވެ. މިގޮތުން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސަމިޓުގައި ދިވެހި އަދި ބައިނަލްއަގްވާމީ ކަމާބެހޭ ފަރާތްތައް ތަފާތު މައުޟޫއުތަކާ ބެހޭ ގޮތުން އެބޭފުޅުންގެ ވިސްނުމާއި އުކުޅުތައް ބައިވެރިންނާ ހިއްސާކުރާނެ އެވެ.

ދިރާގުން ދަނީ ދިވެހިރާއްޖޭގެ އެކި ދާއިރާތަށް އިތުރަށް ތަރައްގީކޮށް، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މުސްތަގުބަލު މުއްސަނދި ކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށާއި އިނީޝިއޭޓިވްތަކަށް އެއްބާރުލުން ދެމުންނެވެ.