ދިރާގު

"ހިޔަލަ ވީކެންޑް މާކެޓް"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްގެންދާ "ހިޔަލަ ވީކެންޑް މާކެޓް"ގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.

ހިޔަލަ ވީކެންޑް މާކެޓް ކުރިއަށް ދާނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ހަވީރު 4:00 އިން 11:00 އަށް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހަދާފައި ހުންނަ ކޮންޓެއިނާ ޕާކް ގައެވެ.

ޕަވާޑް ބައި ދިރާގުގެ ގޮތުގައި ކުރިއަށް ގެންދާ މި މާކެޓުގެ އަމާޒަކީ އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވައި، އެ މީހުންގެ އުފެއްދުންތައް ދައްކާލައި ވިއްކުމަށް ހާއްސަ ޕްލެޓްފޯމެއް ފޯރުކޮށްދިނުމެވެ.

ކޮންމެ ހަފުތާއަކުވެސް 18 އަންހެން ވިޔަފާރިވެރިންނަށް އެ މީހުންގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ބީސީސީ އިން ދެއެވެ. އެގޮތުން އެ ކުންފުނިން ވަނީ މިކަމަށް ޝައުގުވެރިވާ މީހުން ނަން ހުށަހަޅާ ވެއިޓްލިސްޓް ކުރުމުގެ އިންތިޒާމު ހަމަޖައްސާފަ އެވެ.

ދިރާގުގެ މެނޭޖަ ބްރޭންޑް އެންޑް އިވެންޓްސް ނާޔާ ޝަރީފް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި އަންހެނުން މާލީ ގޮތުން ބާރުވެރިކުރުވުމުގެ މަގުސަދުގައި ހިންގާ ހިޔަލަ ވީކެންޑް މާކެޓް ފަދަ އިވެންޓެއްގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަންހެނުން ބާރުވެރިކުރުވުމަކީ އަޅުގަނޑުމެންގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ފޯކަސް ދާއިރާ. އެގޮތުން މި ޕްލެޓްފޯމުގެ ސަބަބުން މުޖުތަމައުގެ ތަފާތު އަންހެން ވިޔަފާރިވެރިންނަށް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މީހުންނަށް އެނގި، އައު ފުރުސަތުތަކެއް އެފަރާތްތަކަށް މަގުފަހިވެގެން ދާނެކަމަށް އުއްމީދު ކުރަން،" ނާޔާ ޝަރީފް ވިދާޅުވި އެވެ.

ބީސީސީގެ ޑިރެކްޓާ ކޮމާޝަލް މުހައްމަދު ޖައުޝަން ވިދާޅުވީ އެ ކުންފުންޏާ އެކު ހިޔަލަ ވީކެންޑް މާކެޓްގެ ޕަރޓްނަރަކަށްވެ ދިރާގުން ދެމުންގެންދާ އެއްބާރުލުން ޝުކުރުވެރިކަމާ އެކު ފާހަގަކުރާ ކަމަށެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ ދިރާގާ އެކު މަސައްކަތްކޮށް މި ޕްލެޓްފޯމް އިތުރު އަންހެން ވިޔަފާރިވެރިންނަށް ފޯރުކޮށްދީ، އެފަރާތްތަކުގެ އުފެއްދުންތައް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި އާންމުންނާ ހަމައަށް ވާސިލްކޮށްދިނުން،" ޖައުޝަން ވިދާޅުވި އެވެ.

ދިރާގުން ދަނީ ދިވެހިރާއްޖޭގެ އެކި ދާއިރާތަށް އިތުރަށް ތަރައްގީކޮށް، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މުސްތަގުބަލް މުއްސަނދި ކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށާއި އިނީޝިއޭޓިވް ތަކަށް އެއްބާރުލުންދެމުންނެވެ.