މޯލްޑިވިއަން

އިންޑިއާއަށް ދަތުރުކުރާއިރު އީ-ސިނގެރޭޓާއި ވޭޕު ނުގެންދިއުމަށް އިލްތިމާސްކޮށްފި

އިންޑިއާއަށް ދަތުރުކުރާ ދިވެހިން ވޭޕު އަދި އީ-ސިނގެރޭޓް ނުގެންދިއުމަށް އިލްތިމާސްކޮށްފި އެވެ.

މިކަމަށް އިލްތިމާސްކޮށްފައިވަނީ ގައުމީ އެއާލައިން -- މޯލްޑިވިއަން އިން ސޯޝަލްމީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައެވެ.

މޯލްޑިވިއަން އިން ބުނީ އިންޑިއާގެ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާއިން އާންމުކޮށްފައިވާ ގަވައިދުގެ ދަށުން އީ-ސިނގެރޭޓް އަދި ވޭޕު ކުރަން ބޭނުންކުރާ އެއްވެސް ބާވަތެއް އިންޑިއާއަށް އެތެރެކުރުމާއި ބޭރުކުރުމަކީ މަނާ ކަމެއް ކަމަށެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިންޑިއާއަށް ދަތުރުކުރާ ދިވެހިން ވޭޕު އަދި އީ-ސިނގެރޭޓް ގެންދިއުން ވަރަށް އާންމު ކަމަށާއި ސޯޝަލްމީޑިއާގައި ޕޯސްޓެއް އާންމުކުރީ އެކަމަށް ސަމާލުވުމަށް ހަނދާންކޮށްދިނުމުގެ ގޮތުން ކަމަށެވެ.

"މިއީ ގަސްދުކުރާ ކަމެއް ކަމަކަށް އަޅުގަނޑުމެން ނުބުނަން. އެހެންނަމަވެސް މިކަމަށް ރައްކާތެރިވާން އެބަޖެހޭ،" އޭނާ ވިދާޅުވި އެވެ.

އިންޑިއާގައި އީ-ސިނގެރޭޓާއި ވޭޕު ބޭނުންކުރުން މަނާކުރީ 2019 ގައެވެ. އަދި އެގައުމަށް އީ-ސިނގެރޭޓާއި ވޭޕްކުރަން ބޭނުންކުރާ އެއްވެސް ބާވަތެއް އެތެރެކުރުން މަނާކުރީ 2020 ވަނަ އަހަރު އެވެ.