އެއާ އެމްބިއުލާންސްގެ ފުރަތަމަ ދަތުރު ހދ. ކުޅުދުއްފުއްޓަށް ކޮށްފި އެވެ.
ދިވެހި ސަރުކާރުގެ އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިިދުމަތް ރަސްމީކޮށް ފަށާފައިވަނީ އިއްޔެ އެވެ.
އެއާ އެމްބިއުލާންސްގެ ފުރަތަމަ ދަތުރުގައި ހދ. ކުޅުދުއްފުށިން ބަލި މީހަކު މާލެ ގެނެސްފައިވަނީ ރޭ ދަންވަރު އެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ބޭނުންކުރަނީ މޯލްޑިވިއަންގެ ޑޭޝް 8-200 މަރުކާގެ ބޯޓަކާއި ސީޕްލޭނެކެވެ. މި ދެ ބޯޓުގައި ވަނީ އެމަޖެންސީ ހާލަތުގައި ބަލި މީހަކަށް ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ގާއިމުކޮށްފަ އެވެ.
މި ހިދުމަތް 24 ގަޑިއިރު ދިނުމަށް ހަމަޖެހިފައިވާއިރު ކުއްލި ހާލަތްތަކުގައި ފަރުވާ ބޭނުންވާ މީހާއަށް ފުރަތަމަ އަވަސް ފަރުވާ ދިނުމަށް ހަމަޖެހިފައިވަނީ ބަލި މީހާ އެވަގުތު އޮތް ހިސާބާ އެންމެ ގާތުގައި ހުންނަ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ގެންގޮސްގެންނެވެ.
ހެލްތު މިނިސްޓްރީން ބުނީ މިއަދު ހިދުމަތް ދޭން ފެށި އެއާ އެމްބިއުލާންސްގައި ހިދުމަތް ދިނުމަށް 15 މީހަކު ތަމްރީންކޮށްފައިވާ ކަމަށެވެ. މީގެތެރޭގައި ހިމެނެނީ ފަސް ޑޮކްޓަރަކާއި ފަސް ނަރުހަކާއި މެޑިކަލް ޓެކްނީޝަނުންނެވެ.
ހެލްތު މިނިސްޓްރީ އާއި އެންސްޕާ އަދި އައިލެންޑް އޭވިއޭޝަން ގުޅިގެން ދިނުމަށް ހަމަޖެހިފައިވާ މިހިދުމަތް މިހާރު ވަނީ މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސް ނިޒާމުގެ ތެރޭގައި ހިމަނާފަ އެވެ.