ދިވެހި އިންޑިއާގެ ގުޅުން

ރާއްޖޭގެ އެހީތެރިކަމާ އެކު އިންޑިއާގައި ފެށި ސީޕްލޭން ދަތުރުތައް ހުއްޓާލައިފި

ދިވެހި ސަރުކާރުގެ އެހީތެރިކަމާ އެކު އިންޑިއާގެ ގުޖުރާތުގައި ފެށި ސީޕްލޭން ދަތުރުތައް ހުއްޓާލައިފި އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ގުޖުރާތުގެ އަހްމަދު އާބާދު ސިޓީގައި ފެށި މިދަތުރުތައް ހުއްޓާލީ ކުރިން ލަފާކުރެވިފައި އޮތް ވަރަށް ވުރެ ހަރަދު ބޮޑުވުމުންނެވެ.

އަހްމަދުއާބާދުގެ ސަބަރުމަތީ ވޯޓާ ފްރަންޓާއި ކެވަޑިއާގެ ސްޓެޗޫ އޮފް ޔުނިޓީއާ ދެމެދު ކުރިއަށް ދިޔަ ދަތުރުތައް ފެށުމަށް ސަރަަހައްދީ ސަރުކާރުން ވަނީ 1.6 މިލިއަން ޑޮލަރު ނުވަތަ 25 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

ސީޕްލޭންގެ ހިދުމަތަކީ އިންޑިއާ އަށް މުޅިން އާ ހިދުމަތަކަށް ވެފައި ސީޕްލޭންގެ ހިދުމަތުގައި ރާއްޖޭގެ ތަޖުރިބާ ބޮޑު ކަމުން މިދަތުރުތައް އިންޑިއާގައި ފެށީ ރާއްޖޭގެ ފަންނީ ލަފައާއި އިރުޝާދުގެ ބޭނުން ހިފައި ދިވެހި ޕައިލެޓުންނާއި ކްރޫން ބޭނުންކޮށްގެންނެވެ.

އިންޑިއާގައި ސީޕްލޭންގެ ހިދުމަތް 2020 ވަނަ އަހަރު ފައްޓަވައިދެއްވެވީވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.

ސްޕައިސް ޖެޓާ ގުޅިގެން ކުރިއަށް ގެންދިޔަ ދަތުރުތަކުގައި ހިދުމަތް ދިނުމަށް ބޭނުންކުރީ 19 ސީޓުގެ ސީޕްލޭނެކެވެ.

އިންޑިއާގައި ސީޕްލޭން ދަތުރުތައް ހުއްޓާލާފައި މިވަނީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުން ގޯސްވެފައިވާ ވަގުތެއްގައެވެ.