މޯލްޑިވިއަން

މޯލްޑިވިއަންގެ ބޯޓަށް މައްސަލަ ދިމާވުމުން ދިވެހިންތަކެއް އިންޑިއާގައި ތާށިވެއްޖެ

މޯލްޑިވިއަން އެއާލައިން އިން ދަތުތުކުރަން ހަމަޖެހިފައި ތިބި ބައެއް ޕެސެންޖަރުން އިންޑިއާގެ ތިން ހިސާބެއްގައި ފުރޭނެ ގޮތެއް ނެތި ތާށިވުމުގެ ސަބަބުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އިންޑިއާގެ ޓްރިވެންޑްރަމް، ބެންގަލޫރު އަދި ކޮޗިންގައި މޯލްޑިވިއަންގެ ބައެއް ޕެސެންޖަރުން ތާށިވެފައިވަނީ އިންޑިއާއަށް ދާން އޮތް މޯލްޑިވިއަން އެއާލައިންގެ އެއާބަސް A320ގެ ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އިއްޔެ އަނބުރާ ވެލާނާ އިންތަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އެ ބޯޓު ޖެއްސުމުން ބޯޓު އިންޑިއާއަށް ނުދެވުމުގެ ސަބަބުންނެވެ.

މި ބޯޓު ވަނީ ވީއައިއޭ އިން އިންޑިއާއަށް ފުރިތާ ކުޑައިރުކޮޅެއް ތެރޭގައި އަނބުރާ ވީއައިއޭ އަށް ޖައްސާފަ އެވެ.

މިހާދިސާގައި އެއްވެސް ޕެސެންޖަރަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް މޯލްޑިވިއަން އިން ބުނެ އެވެ. އަދި ޕެސެންޖަރުން މިވަގުތަށް ގެއަށް ދިއުމަށް އަންގާފައިވާނެ ކަމަށްވެސް އިއްުޔެ މޯލްޑިވިއަން އިން މައުލޫމާތު ދީފައިވެ އެވެ.

މޯލްޑިވިއަން އިން ދަތުރުކުރަން ހަަމަޖެހިފައިވާ ޕެސެންޖަރެއް އިންޑިއާގައި ހުރެގެން އަވަސް އަށް ބުނީ ނުފުރޭނެ ކަން އެނގިފައިވަނީ އެއާޕޯޓަށް ރޭ ފަތިހު ދިއުމުން ކަމަށެވެ. އަދި ހޮޓާތަކަށް ފޮނުވި ޕެސެންޖަރުން ކާންޖެހުނީ ހެނދުނުގެ ނާސްތާ ފިޔަވާ އަމިއްލަ ހަރަދުގައި ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ބުންޏެވެ.

"މޯލްޑިވިއަންގެ ލަގެޖް ކިލޯއަށް ބަރޯސާވެގެން އައި މީހުން ލަގެޖު ބަރުވެގެން ލަގެޖަށް ފައިސާ ދައްކަން ޖެހުނުއިރު މޯލްޑިވިއަންގެ ފަރާތުން އެއްވެސް އެހީތެރިކަމެއްވެސް ނުލިބޭ،" މޯލްޑިވިއަންގައި ރާއްޖެއަށް އާދެވޭނެ އިރެއް ނޭގޭތީ އިންޑިގޯއިން ރާއްޖެ އައުމަށް ޓިކެޓު ހޯދި ޕެސެންޖަރަކު ބުންޏެވެ.

އުމުރުން ދުވަސްވީ މީހުންނާއި އެކި ކަހަލަ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުން އެއާޕޯޓުގައި ތިބެން ޖެހުނުއިރު، އެތަނުގައި ވާނުވާ ނޭނގި އެތައް އިރެއް ހޭދަ ކުރަން ޖެހުނު ކަމަށްވެސް ޕެސެންޖަރު މައުލޫމާތު ދިނެވެ.

މޯލްޑިވިއަންގެ މުވައްޒަފަކު މައުލޫމާތު ދިން ގޮތުގައި އިންޑިއާ އިން އެންމެން ގެެނެވޭނެ އިރެއް ބުނާކަށް އަދި ނޭނގެ އެވެ. އަދި ބައެއް ޕެސެންޖަރުންނަށް ހޮޓާތައް ހަމަޖައްސައިދީ، ބައެއް މީހުންނަށް ރީފަންޑް އަދި ޓިކެޓު ހޯދައިދެމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.

މޯލްޑިވިއަންގެ ބޯޓުތަކަށް މިފަހުން ޓެކްނިކަލް މައްސަލަތައް ދިމާވުމުގެ ހާދިސާތައް އިތުރުވަމުންދާ ކަންވެސް ފާހަގަކުރެވެ އެވެ. ނަމަވެސް މިފަދަ މައްސަލަތަކުގެ ތަފްސީލް އެ ކުންފުނިން މަދު ފަހަރަކު ނޫނީ ހާމައެއް ނުކުރެ އެވެ.