ގައުމީ އެއާލައިން، މޯލްޑިވިއަން އިން އިންޑިއާގެ ބެންގަލޫރަށް ޝެޑިއުލް ދަތުރުތައް ފަށަށް ތައްޔާރުވެއްޖެ އެވެ.
މޯލްޑިވިއަން އިން ފުރަތަމަ ފަހަރަށް ބެންގަލޫރަށް ކުރާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު އެވެ.
އެ އެއާލައިނުން ބުނީ ދަތުރުތައް ފެށުމަށްފަހު ހަފުތާއަކު ދެ ދުވަހު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ދަތުރުތައް ކުރާނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ.
ދަތުރުތައް ހަފުތާ ބަންދަށް ޝެޑިއުލްކުރީ ޗުއްޓީ އާއި ވިޔަފާރި ދަތުރުތަކުގައި ބެންގަލޫރަށް ދަތުރުކުރާ މީހުންނަށް ފަސޭހަކުރުމުގެ ގޮތުން ކަމަށް މޯލްޑިވިއަން އިން ބުނެ އެވެ.
މޯލްޑިވިއަން އިން ބެންގަލޫރަށް ކުރާ ދަތުރުތަކުގެ ޓިކެޓު މިއަދުން ފެށިގެން ބުކްކުރެވޭނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ.
އެ އެއާލައިނުން އަންނަނީ އިންޑިއާގެ ޓްރިވެންޑްރަމް އާއި ކޮޗިންގެ އިތުރުން ބަންގްލަދޭޝްގެ ޑާކާއަށް ދަތުރުކުރަމުންނެވެ.
މޯލްޑިވިއަން އިން އިންޑިއާގެ އިތުރު މަންޒިލަކަށް ދަތުރުތައް ފަށާއިރު އެ ގައުމަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމެވެ.