ދިރާގު

ދިރާގު އީއޭއެފްސީ މިނީ ސީރީޒް 1 ނިންމާލައިފި

ދިރާގުގެ އެންމެ ފަހުގެ އީސްޕޯޓްސް އިވެންޓް، ދިރާގު އީއޭއެފްސީ މިނީ ސީރީޒް 1 ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ފަސްސަތޭކައަށް ވުރެ ގިނަ ކުޅުންތެރިންނާ އެކު އީއޭއެފްސީ މިނީ ސީރީޒް 1 ކުރިއަށް ގެންދިޔައީ ދިރާގު ހެޑް އޮފީހުގައި ތިން ދުވަހުގެ ފިޒިކަލް އިވެންޓެއްގެ ގޮތުގައި ސަޕޯޓަރުންނާއި އާންމުންނަށް މެޗުތައް ލައިވްކޮށް ބަލާލެވޭ ގޮތަށެވެ.

އީއޭއެފްސީ 24ގެ އިތުރުން ދިރާގުން ވަނީ ޓެކްކެން އޯޕަން މުބާރާތަކާއި އީއޭއެފްސީ ޑުއޯސް އަދި މޯޓަލް ކޮމްބަޓް ޗެލެންޖްތައްވެސް މި އިވެންޓުގައި ކުރިއަށް ގެންގޮސްފަ އެވެ. އޮގުތުން މި އިވެންޓުގައި ޖުމްލަ ޕަރައިޒް ޕޫލަކީ 40،000 ރުފިޔާ އެވެ.

އީއޭއެފްސީ 24 މިނީ ސީރީޒް 1 މުބާރާތަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތަފާތު ކުޅިވަރުތަކާ އެކު މުޅި އަހަރަށް ބަހާލައިގެން ދިރާގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އީސްޕޯޓްސް މުބާރާތްތަކުގެ ބައެކެވެ.

ދިރާގުން ބުނީ މިއިވެންޓަށް ދިވެހި ގޭމިން ކޮމިއުނިޓީގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި ކުޅުންތެރިންގެ ހުނަރާއި ގާބިލުކަން ކުރިއެރުވުމަށާއި އެކި އެކި ގޭމިން ކޮމިއުނިޓީތައް އާންމުންނަށް އިތުރަށް އެނގުމަށް މިފަދަ މުބާރާތްތަކުގެ މުހިންމުކަން ގިނަ ގޭމަރުން ފާހަގަކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

ވަރުގަދަ މެޗުތަކަކަށް ފަހު ދިރާގު އީއޭއެފްސީ މިނީ ސީރީޒް 1ގެ ޗެމްޕިއަންކަން ޓީމަކަށް ހޮވުނީ ޔުނިފައިޑް ނިއު ޖެނެރޭޝަން އެވެ. ރަނަ-އަޕްގެ މަގާމު ޕީއެންޑީ އެކްސްއެމްއެލް އިން ހޯދިއިރު ތިންވަނަ ހޯދާފައިވަނީ ޓީމް ޔުނިފައިޑް ސްޕޯޓްސް ކްލަބް އެވެ.

ޓެކްކެން އޯޕަން ޓޯނަމަންޓްގެ ޗެމްޕިއަންކަން ނެގީ މުހައްމަދު އަޝްވާން އެވެ. އަދި ރަނަރ-އަޕްކަން ނަގާފައިވަނީ އަހްމަދު ތާބިޝް އެވެ.

ދިރާގުން ގެންދަނީ ރާއްޖޭގެ އެކި ދާއިރާތަށް އިތުރަށް ތަރައްގީކޮށް، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މުސްތަގުބަލު މުއްސަނދިކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށާއި އިނީޝިއޭޓިވްތަކަށް އެއްބާރުލުންދެމުންނެވެ.