އޫކްލާގެ "ރާއްޖޭގެ އެންމެ ހަލުވި މޯބައިލް ނެޓްވާކް"ގެ އެވޯޑު ދިރާގަށް އަނެއްކާވެސް ލިބިއްޖެ އެވެ.
މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުން ފެށިގެން ހަތަރުވަނަ ކުއާޓަރުގެ ޕާފޯމަންސަށް ބަލައި ލިބުނު މި އެވޯޑަކީ ދިރާގަށް މި ޝަރަފުވެރި މަގާމު ޖެހިޖެހިގެން ލިބުނު ތިންވަނަ އަހަރެވެ.
އޫކްލާ އިން މި އެވޯޑް ދިރާގާއި ހަވާލުކޮށްފައިވަނީ މިހާރު ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދާ މޯބައިލް ވާލްޑް ކޮންގްރެސް 2023 ގައެވެ.
ދިރާގުގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީީލް ރަޝީދެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު ސްޕީޑް ޓެސްޓު ހަދާ ކުންފުނި ކަމަށްވާ އޫކްލާގެ ނެޓްވާކް ޓެސްޓިން ޕްލެޓްފޯމް ކަމަށްވާ ސްޕީޑްޓެސްޓުން ދުވާލެއްގެ މައްޗަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނެޓްވާކްތަކުގެ ފެންވަރު ބަލައި، އެތައް ސަތޭކަ މިލިއަން ޑޭޓާ އެއްކޮށް ދިރާސާ ކުރެ އެވެ. އެގޮތުން އޫކްލާގެ އެންމެ ފަހުގެ ސްޕީޑް ޓެސްޓު ރީޕޯޓްއިން ދައްކާ ގޮތުގައި ދިރާގުން ވަނީ މިދިޔަ އަހަރުގެ ތިންވަނަ އަދި ހަތަރުވަނަ ކުއާޓަރުގައި އެންމެ ހަލުވި މޯބައިލް ސްޕީޑް ހޯދައި ރައްޖޭގެ މޯބައިލް މާކެޓް ލީޑަރުގެ މަގާމު ހޯދާފަ އެވެ.
މިއެވޯޑް ލިބުމާ ގުޅިގެން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިސްމާއީލް ރަޝީދު ވިދާޅުވީ ޖެހިޖެހިގެން ތިން ވަނަ އަހަރުވެސް އޫކްލާއިން ދިރާގަށް ދިވެހިރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކް އެވޯޑް ލިބުމުގެ އުފާވެރި ހަބަރު ކަސްޓަމަރުންނާ ހިއްސާކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މިކަމުން ދައްކުވައިދެނީ އެންމެ ފުރިހަމަ ހިދުމަތާއި ފެންވަރު ރަނގަޅު ތަޖުރިބާ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ ޓީމުން ކުރާ މަސައްކަތާ ދޭ ހާއްސަ އަހައްމިއްޔަތު. ރާއްޖޭގެ އެންމެ ހަލުވި މޯބައިލް ނެޓްވާކްގައި އަޅުގަނޑުމެންނާ އެކު ދެމިތިއްބެވި ކަމަށްޓަކައި ދިރާގު ކަސްޓަމަރުންނަށް މަރުހަބާ ކިޔަން އަދި ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" އިސްމާއީލް ރަޝީދު ވިދާޅުވި އެވެ.
ޒިފް ޑޭވިސްގެ ޑިވިޝަނެއް ކަމަށްވާ އޫކްލާގެ ޕްރެސިޑެންޓް އަދި ސީއީއޯ ސްޓެފަން ބައި ވިދާޅުވީ އޫކްލާ ސްޕީޑްޓެސްޓް އެވޯޑްސްއިން ރާއްޖޭގެ އެންމެ ހަލުވި މޯބައިލް ނެޓްވޯކްގެ އެވޯޑް ދިރާގަށް ލިބުނީ ސްޕީޑްޓެސްޓްގެ ތަފްސީލީ ދިރާސާއަކަށް ފަހު ކަމަށެވެ.
"މި އެވޯޑަކީ 2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުން ފެށިގެން ހަތަރުވަނަ ކުއާޓަރުގައި މާކެޓުގެ އެހެނިހެން ބޮޑެތި މޮބައިލް ނެޓްވަރކްތަކާ އަޅާބަލާއިރު އާދަޔާޚިލާފު ސްޕީޑާއި ޕަރފޯމަންސް ދައްކާ މޮބައިލް ނެޓްވަރކް އޮޕަރޭޓަރުންނަށް ދޭ އެވޯޑެއް. އެގޮތުން މި އެވޯޑް ދިރާގާ ހަވާލުކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި މިއީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމަށް ދިރާގުން މިދިޔަ އަހަރު ކުރި މަސައްކަތުގެ އަލިގަދަ ހެއްކެއް،" ސްޓެފަން ވިދާޅުވި އެވެ.
ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަކީ ދިރާގެވެ. އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި 100 އިންސައްތަ މޯބައިލް 4ޖީ ކަވަރޭޖް ދިރާގުން ފޯރުކޮށްދެ އެވެ. މީގެ އިތުރުން އެކުންފުނިން ވަނީ މިހާރު 5ޖީގެ ހިދުމަތް އާބާދީގެ 50 އިންސައްތައަށް ފޯރުކޮށްދީފަ އެވެ.
ދިރާގުގެ 35ވަނަ އަހަރު ފާހަގަކުރަމުންދާއިރު އެކުންފުނިން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެ، ކަސްޓަމަރުންނަށް އެންމެ ރަނގަޅު ފެންވަރުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.