ދުނިޔެ

ޣާއްޒާ ހަނގުރަމާއާ ހެދި އިޒުރޭލުގެ ޓޫރިޒަމް ދަށަށް

ޣައްޒާއާ ހަނގުރަމާކުރަން ހަދައިގެން އިޒުރޭލަށް އެތެރެވާ މީހުންގެ އަދަދު އިންތިހާއަށް ދަށްވެ ޓޫރިޒަމް ވަރަށް ބޮޑަށް ހީނަރުވެއްޖެ އެވެ.

އިޒުރޭލުގެ ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރި ހިސާބުތައް ދައްކާ ގޮތުން 2022 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ހަމައެކަނި ފަތުރުވެރިންގެ ގޮތުގައި 930،000 މީހުން އެ ގައުމަށް ވަނީ އެތެރެވެފަ އެވެ.

ފަތުރުވެރިންގެ އަދަދު 2023 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި 180،000 އަށް ވެއްޓިފައިވާ ކަމަށްވެސް ހިސާބުތަކުއް ދައްކަ އެވެ.

ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރި ހިސާބުތައް ދައްކާ ގޮތުން، ޣައްޒާ ހަނގުރާމައަށްފަހު ފަތުރުވެރިންގެ އަދަދު މަހުން މަހަށް ވަނީ ދަށްވެފަ އެވެ.

ޣައްޒާ ހަނގުރާމަ ޔަހޫދީން ބޭނުންވާ ގޮތަށް ކުރިއަށް ގެންދާނަމަ، އިޒުރޭލު ބަލާލަން އެ ގައުމަށް ޒިޔާރަތްކުރާ މީހުން އަދިވެސް ދަށްވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިޒުރޭލުގެ އިގުތިސާދުގެ ދުޅަހެޔޮކަން މިހާރު އޮތީ ކެނޑިފަ އެވެ. އިޒުރޭލަށް ހިއްސާ އޮންނަ ބައެއް ކުންފުނިތަކާ ދެކޮޅަށް ގައުމުތަކުން ދަތިކުރުމުގެ ސަބަބުންވެސް ސިނާއީ ބައެއް މަސައްކަތްތައް ހުއްޓުމުގެ ބިރު އޮތް ކަމަށް ހަބަރުތައް ބުނެ އެވެ.

ޣައްޒާ ހަނގުރާމަ ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް ޔަހޫދީ ސަރުކާރުން ކިތަންމެ ވަރަކަށް ބުންޏަސް، ހަނގުރާމަ ހުއްޓާނުލައިފިނަމަ އިޒުރޭލަށްވެސް ބޮޑެތި ގެއްލުންތަކެއް ވާނެ އެވެ.