ރައްޔިތުންގެ މަޖިލިސް

ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމާބެހޭ ބިލު މަޖިލީހަށް

ރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމުގެ މިންގަނޑުތައް ބަޔާންކުރާ ބިލް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ތައާރަފު ކުރުމަށް ވަނީ އެޖެންޑާކޮށްފަ އެވެ. ނަމަވެސް ކޯރަމް ހަމަނުވުމުން ޖަލްސާ ބޭއްވިފައިނުވެ އެވެ.

މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދޭ ފަރާތްތަކަށް ލައިސަންސް ދިނުމުގެ އުސޫލުތަކާއި އެފަދަ ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމުގެ މިންގަނޑުތައް ބަޔާންކޮށް އެ ހިދުމަތާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ރެގިއުލޭޓްކޮށް މޮނިޓާކުރުމުގެ ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލަވާލައި ތަންފީޒުކުރުން ހިމެނެ އެވެ.

މި ބިލުގައިވާ ގޮތުން ރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދެވޭނީ މި ގާނޫނުގެ ދަށުން ދޫކުރާ ޓުއާ އޮޕަރޭޓާ ލައިސަންސް ލިބިފައިވާ ފަރާތްތަކަށެވެ.

އެ ގޮތުން ލައިސަންސް ދޫކުރެވޭ ފަރާތުގެ ޝަރުތުތައް މި ބިލުގައި ވަނީ ހިމަނާފަ އެވެ.

ކޮންމެ ޓުއާ އޮޕަރޭޓަރަކުވެސް ޓުއާ އޮޕަރޭޓާސް ލަޔަބިލިޓީ އިންޝުއަރެންސް ސްކީމެއްގެ ދަށުން އިންޝުއާކުރަން މި ބިލުގައި ވަނީ ލާޒިމުކޮށްފަ އެވެ.

ބިލުގައިވާ ގޮތުން އެއާޕޯޓުން ހިދުމަތް ދިނުމަށް އެތަނުގައި ތިބޭ ޓުއާ އޮޕަރޭޓަރުންގެ ރެޕްރެޒެންޓޭޓިވުންގެ ގޮތުގައި މަސައްކަތް ކުރެވޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ ދިވެހިންނަށެވެ.

ގާނޫނުގެ ދަށުން ލައިސަންސެއް ހޯދުމަކާ ނުލައި ނުވަތަ ލައިސަންސް އާ ކުރުމަކާ ނުލައި ދަތުރު ރާވައި ހިންގުމުގެ ހިންގުމުގެ ހިދުމަތް ދީފިނަމަ އެ ހިދުމަތް ދިން ފަރާތެއް 100،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމަށް ބިލުގައި ހިމަނާފައިވެ އެވެ.

މީގެ އިތުރުން ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމަށް މި ގާނޫނުގެ ދަށުން ދޫކޮށްފައިވާ ލައިސަންސްގެ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޓޫއާ އޮޕަރޭޓަރު ފުރިހަމަކުރަންޖެހޭ ކަމެއް ނުކޮށްފިނަމަ ނުވަތަ މި ގާނޫނާއި މި ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ހިދުމަތް ދިނުމުގެ ހަމަތަކާ ހިލާފަށް ޓުއާ އޮޕަރޭޓަރު ހިދުމަތް ދީފިނަމަ އެ ފަރާތެއް އެއް ލައްކަ ރުފިޔާ އާޢި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ގޮތަށް ހިމަނާފައިވެ އެވެ.