ދިރާގާއި މަމްސް އެއިޑް ގުޅިގެން "ރަމަޟާން އެއިޑް" ކެމްޕޭންގެ ދަށުން، މި އަހަރުގެ ރަމަޟާން މަހު އެހީ ބޭނުންވެފައިވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.
މަމްސް އެއިޑަކީ އަންހެނުން، ހާއްސަކޮށް މަންމައިން، ބާރުވެރިކުރުވައި އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި މަސައްކަތްކުރާ ޖަމިއްޔާ އެކެވެ. އެގޮތުން 'ރަމަޟާން އެއިޑް' އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދެވޭ މުހިއްމު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު އޮންނަނީ އާންމުންނަށްވެސް ހުޅުވާލާފަ އެވެ.
މަމްސް އެއިޑްގެ އެގްޒެކްޓިވް ޑިރެކްޓަރު އަދި ޖެނެރަލް ސެކެޓްރީ ފާތިމަތު ރިޔާސާ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ޖަމިއްޔާގެ ބެލުމުގެ ދަށުގައި ތިބި 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީ 'ރަމަޟާން އެއިޑް' ކެމްޕޭނަށް ދިރާގުން ވެދިން އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"ދިރާގުގެ އެހީތެރިކަމުގެ ސަބަބުން މި ބަރަކާތްތެރި ރަމަޟާން މަހަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ހިމެނޭ ކެއަ ޕެކޭޖްތައް އެކަނިވެރި މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިން އަޅާލާ މައިންނަށް ފޯރުކޮށްދެވުނު،" ރިޔާސާ ވިދާޅުވި އެވެ.
ދިރާގުގެ މެނޭޖަ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ ރަމަމަޟާ މަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަން ބޭނުންވެފައިވާ ތިބި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަމްސް އެއިޑްއަށް އެއްބާރުލުންދީ މި މުހިއްމު މަގުސަދުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ކުރަމުންދާ އަގުހުރި މަސައްކަތުގެ އަގު ވަޒަންކޮށް އެ ޖަމިއްޔާއަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން،" ބިޝާރާ ހަމީދު ވިދާޅުވި އެވެ.
ދިރާގުން ދަނީ އަންހެނުން ބާރުވެރިކުރުމަށާއި މުޖުތަމައުއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު ގިނަ ކަންކކުރަމުންނެވެ.