އިންޑިއާ ކަނޑުގައި ދަތުރުކުރާ އިޒުރޭލު އުޅަނދުތަކަށް ހޫސީ ޖަމާއަތުން ހުރަސްއަޅާނެ ކަމަށް އެ ޖަމާއަތުގެ ލީޑަރު އަބްދުލް މާލިކް އަލްހޫސީ ވިދާޅުވެއްޖެ އެވެ.
އަބްދުލް މާލިކް ވިދާޅުވި ގޮތުގައި ހޫސީންގެ ފަރާތުން މި ފެށުނީ އާ މަރުހަލާ އެކެވެ. ރަތް ކަނޑު ހުރަސްކޮށް އިޒުރޭލަށް މުދާއުފުލާ ކޮންޓޭނަރު ބޯޓުތައް އެ ކަނޑުއޮޅި ދޫކޮށް އަދި އެފްރިކާ ވަށާލައި ދަތުރުކުރި ނަމަވެސް ހޫސީ ހަނގުރާމަވެރިން ހަމަލާދޭނެ އެވެ.
ހޫސީން ރަތް ކަނޑަށް ނުކުތީ ހަމައެކަނި އިޒުރޭލަށް ދަތިކުރަން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އިޒުރޭލު އުޅަނދުތައް ރަތް ކަނޑާއި، އަރަބި ކަނޑު، އިންޑިއާ ކަނޑު އަދި އަދަން ކަނޑުއޮޅިން ދަތުރުކުރި ނަމަވެސް ހަމަލާދޭނެ ކަމަށް ހޫސީންގެ ލީޑަރު ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އީރާންގެ މަދަދާ އެކު ޔަމަންގައި ހަރަކާތްތެރިވާ ހޫސީ ހަނގުރާމަވެރިންގެ އަތުގައި ހައިޕާސޮނިކް މިސައިލް ވެސް އެބަހުއްޓެވެ.
ދިގު ރާސްތާ މިސައިލްތަކާއި ބާރުގަދަ އަސްކަރީ އާލާތްތައް ހޫސީންގެ އަތުގައި ހުރިކަމުގެ ހެކިތައް ވަނީ ފެނިފަ އެވެ.
ހޫސީ ޖަމާއަތުން ބުނާ ގޮތުން އެ މީހުންގެ މި ހަމަލާތަކަކީ އިޒުރޭލުން ފަލަސްތީންގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް ބަދަލުހިފުމަށް ދޭ ހަމަލާތަކެކެވެ.
ޔަހޫދީން ޣައްޒާއަށް އަރައިގަނެ ޖަރީމާތައް ހިންގާހާ ހިނދަކު ހޫސީންގެ ހަމަލާތައް ހުއްޓައި ނުލާނެ ކަމަށް އެ ޖަމާއަތުން ބުނެ އެވެ.
އަބްދުލް މާލިލް ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ހޫސީން ފަށައިގަތް ހަމަލާތައް ހުއްޓުވުމަށް އެމެރިކާއާ ގުޅިފައި އޮތް އަސްކަރީ ބާރުތަކުން ރަތް ކަނޑަށް ނުކުމެ ދިން ހަމަލާތަކުގައި ހޫސީންގެ 34 ހަނގުރާމަވެރިން މަރުވެފައިވާ ކަމަށެވެ.
ހޫސީން ރަތް ކަނޑަށް ހަމަލާދޭން ފެށުމުން އެ މަގުން ކުރިން ދަތުރުކުރި ގިނަ ބޯޓުތައް މިހާރު ދަތުރުކުރަނީ އެފްރިކާ ވަށާލައި، ދިގު މަގަކުންނެވެ. މުދާއުފުލާ ބޯޓުތަކަށް މަގު ބަދަލުކުރަން ޖެހުމުން ގައުމުތަކަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުން ވަނީ ދަތިވެފަ އެެވެ.
ދުނިޔެއަށް ކާބޯތަކެތި ސަޕްލައިކުރުމަށް އައި މި ލަސްކަމާ ހެދި ތަކެތީގެ އަގު އުފުލި ނިޒާމީ ބޮޑެތި ހުރަސްތައް ވިޔަފާރިވެރިންނަށް ވަނީ ކުރިމަތިވެފަ އެވެ. އާންމުކޮށް ބޭނުންކުރާ ތަކެތި ހުސްވެ އަދި ލިބޭނެ ދުވަހެއްވެސް ބައެއް ވިޔަފާރިތަކަށް ސާފެއް ނޫނެވެ.
ހޫސީން ބުނާ ގޮތުން އެ މީހުން ހަމަލާދޭނީ ހަމައެކަނި އިޒުރޭލަށް މުދާ އުފުލާ އުޅަނދުތަކަށެވެ.
އިޒުރޭލާ ގުޅުމެއް ނެތްކަން ސާބިތުކުރުމަށްފަހު ރަތް ކަނޑުން ކޮންމެ އުޅަނދަކަށްވެސް ދަތުރުކުރެވޭނެ ކަމަށް އެ ޖަމާއަތުން ތަކުރާރުކޮށް ވަނީ ބުނެފަ އެވެ. ނަމަވެސް ހަމަލާއެއް އަރާފާނެ ކަމަށް ބިރަށް ގިނަ ބޯޓުތައް މިހާރު ދަތުރުކުރަނީ ހަފްތާތަކަކަށް ދިގުދެމިގެންދާ ދަތުރެއްގައި -- އެފްރިކާ ވަށާލައި ދިގުމަގުންނެވެ.