މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ

ރަސްމާލެ މަޝްރޫއު މާބޮޑު ޕްލޭނެއް ނެތި ފެށުމުން ހުއްޓިފައި!

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ" މަޝްރޫއުގެ ބިން ހިއްކަން ފެށީ އެ މަސައްކަތަށް ބޭނުންވާ ވަރަށް ވެލި ނުހޯދައި ކަމަށް މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އިބްރާހީމް މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރާ ނެދަލެންޑްސްގެ ބޮސްކާލިސްއާ ގުޅިފައިވާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އިން މަސައްކަތް ފެށީ ވެލި ހޯދުމަށް މާބޮޑު ދިރާސާއެއް ނުކޮށް، މަސައްކަތް ފެށުމަށްފަހު ވެލި ހޯދާ ގޮތަށް ކަމަށެވެ.

"[މަޝްރޫއު] ކުރިއަށް ގެންދާވަރަށް ވެލި ނެތީމައި އެ ބޭފުޅުން [މިހާރު] ބޭނުންވޭ ތަންކޮޅެއް އެކްސްޓެންޝަންކޮށް ސޭންޑް ސާޗް ކެމްޕޭނެއް ކުރިއަށް ގެންދަން،" މުއްތަލިބް ވިދާޅުވި އެވެ.

ރަސްމާލެ މަސައްކަތް ހިއްކުމުގެ މަސައްކަތް މިވަގުތު ހުއްޓިފައިވީ ނަމަވެސް މި މަޝްރޫއާ ގުޅޭ ބައެއް އެހެން މަސައްކަތްތައް ކުރިއަށްދާތީ ރަސްމާލެ މަޝްރޫއު ހުއްޓިފައިވާ ކަމަކަށް މިނިސްޓަރު ގަބޫލެއް ނުކުރައްވަ އެވެ. ރަސްމާލެ ހިއްކުމުގެ މަސައްކަތް ދެން ފެށޭނީ ގުޅިފަޅު ހިއްކުމަށް ބޮސްކާލިސް އިން ގެންގުޅޭ ހަމައެކަނި ޑްރެޖަރު ލިބުމުން ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރަސްމާލެ މަޝްރޫއަކީ ދައުލަތުން އެއްވެސް ފައިސާ ހަރަދު ނުކުރާ މަޝްރޫއަކަށް ވާތީ މަޝްރޫއުގެ ކޮންޓްރެކްޓަރަށްވެސް އެންމެ ހަރަދު ކުޑަކޮށް އެކަން ކުރެވޭނެ ގޮތެއް އެ ފަރާތުން ބަލާނެ ކަމަށެވެ. އެކަމަކު ވީހާވެސް އަވަހަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ބާރުއަޅާނެ ކަމުގައި ވިދާޅުވި އެވެ.

ސީއެމްސީސީ އިން ފުށިދިއްގަރު ފަޅު ހިއްކަނީ އެތަނުން 70 ހެކްޓަރު އަދި ހުޅުމާލެ އިން 10 ހެކްޓަރުގެ ބިން އެ ކުންފުންޏަށް 99 އަހަރަށް ލިބޭ ގޮތަށެވެ. އޭރުން މިމަޝްރޫއަށް ދައުލަތުންވެސް އާބަންކޯ އިންވެސް އެއްވެސް ހަރަދެއް ކުރާކަށް ނުޖެހެ އެވެ. ސަރުކާރުން މިވިސްނުމުގައި ރަސްމާލެ މަޝްރޫއު ފެށީ ފުށިދިއްގަރުފަޅު ހިއްކުމަށް މިއަހަރުގެ ބަޖެޓްގައި ސަރުކާރުން ހިމެނި 400 މިލިއަން ރުފިޔާ އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން އުނިކުރުމުންނެވެ.

ފުށިދިއްގަރުފަޅު މިދިޔަ ޑިސެމްބަރު 18 ވަނަ ދުވަހު ހިއްކަން ފެށީ މަސައްކަތް ފަށާތާ އަށްމަސް ދުވަހުގެ ތެރޭގައި 1،150 ހެކްޓަރުގެ ބިން ހިއްކާ ނިންމާ ގޮތަށެވެ. އަދި އެ ސަރަހައްދު ހިއްކާ 11،900 ގޯއްޗާއި، 65،000 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވެ އެވެ. ރަސްމާލޭގައި 30،000 ހައުސިން ޔުނިޓް އެޅުމަށް ޗައިނާގެ ކުންފުންޏަކާ މިހާރު ވަނީ ހަވާލުވެސް ކޮށްފަ އެވެ.