ދުނިޔެ

އެޕަލް އައިއޯއެސްއަށް އާޓިފިޝަލް އިންޓެލިޖެންސް

މި އަހަރު އޮންނަ އެޕަލްގެ ވޯލްޑް ވައިޑް ޑިވެލޮޕާސް ކޮންފަރެންސް (ޑަބްލިޔޫޑަބްލިޔޫޑީސީ) އަށް ތާރީޚެއް ކަނޑައަޅައިފި އެވެ. މި ކޮންފަރެންސް އޮންނާނީ ޖޫން 10 ގައެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ކޮންފަރެންސްގައި އާދަޔާ ޚިލާފު ކަމަކަށް އޮންނާނީ އައިއޯއެސް 18 ތައާރަފްކުރުމެވެ.

އެޕަލުން އައިއޯއެސް 18 އަށް ގެންނަ ބަދަލުތަކާ ހެދި މި ހަފްލާ މުޅިން ކަހަލަ ގޮތަކަށް އައިއޯއެސްއަށް ހާއްސަވުމަކީ ވެސް ވެދާނެ ކަމެކެވެ.

އެޕަލްއިން މި ފަހަރު އައިއޯއެސްގައި އާޓިފިޝަލް އިންޓެލިޖެންސް ގާއިމުކުރާނެ އެވެ. މި ފީޗާގެ ސަބަބުން އެޕަލްގެ މޮބައިލް އޮޕަރޭޓިން ސިސްޓަމް ބަދަލުވެގެން ދާނީ އަމިއްލައަށް ވިސްނައި ފަސޭހަތައް ގައިމުކޮށްދޭ މަސްނޫއީ ސިކުނޑި އަކަށެވެ.

އައިފޯނާއި އައިޕެޑް އަދި އެޕަލް ވޮޗް ހިމެނޭ ގޮތުން -- މި ޑިވައިސްތައް ލައްވައި އިންސާނުން މަސްއޫލުކުރުވާ ހުރިހާ ކަމެއް ކޮށްދެނީ އައިއޯއެސް އިންނެވެ. އެޕަލްގެ ޑިވައިސްތައް ފަސޭހަ ޑިވައިސްތަކެއް ގޮތަށް އާންމުން ބަލައިގެންފައިވަނީ ވެސް އައިއޯއެސްގެ ގާބިލުކަމުންނެވެ.

އައިއޯއެސްއަށް އާޓިފިޝަލް އިންޓެލިޖެންސް ތައާރަފްކޮށް ބޭނުންކުރާ މީހުންގެ އިހްސާސްތަކަށް ހިދުމަތްކޮށްދޭ ޑިވައިސްއަކަށް ވުމުން -- މިއީ އެޕަލްގެ ކޮމިއުނިޓީއަށް ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ އެވެ.

ދުނިޔެއަށް ނަން މަޝްހޫރު ޓެކްނޮލޮޖީ ކުންފުނިތަކުން އެ މީހުންގެ ޑިވައިސްތަކުގައި އާޓިފިޝަލް އިންޓެލިޖެންސް ގާއިމުކުރަމުން އަންނައިރު، އެޕަލުން މި ވިސްނަނީ އެ ކުންފުނީގެ އުފެއްދުންތަކުގެ ބިންގަލުގައި އާޓިފިޝަލް އިންޓެލިޖެންސް ހިމެނުމަށެވެ.

އެޕަލް އަކީ އާންމު ގޮތެއްގައި ތައާރަފުކުރަން ހުންނަ އާ ޓެކްނޮލޮޖީތަކާ ބެހޭ ގޮތުން ވާހަކަދައްކާ ކުންފުންޏެއް ނޫނެވެ. ނަމަވެސް އައިއޯއެސް 18 އަށް ގެންނަން ހުރި ކުރިއެރުންތަކާ ބެހޭ ގޮތުން އެޕަލްގެ އެގްޒެކެޓިވުން ވަނީ އެކްސްގައި ޝައުގުވެރި ވާހަކަތަކެއް ދައްކާފަ އެވެ.

އައިއޯއެސްއަށް އާޓިފިޝަލް އިންޓެލިޖެންސް ގެންނަ ވާހަކައަކީ ވެސް އެޕަލުން ދައްކައިގެން އުޅޭ ވާހަކައެއް ނޫނެވެ. އެޕަލްގައި ކަންތައް ހިނގާ ގޮތް ދަންނަ މީހުންގެ ފަރާތުން މި ކަހަލަ ވާހަކަތައް އަބަދުވެސް ލީކުވެ އެވެ. އަދި އެއީ ތެދުކަން ފަހުން -- ޑިވައިސްތައް މާކެޓަށް ނެރުމުން ކަށަވަރުވެ އެވެ.