ދުނިޔެ

އައިފޯން ސެޓެލައިޓަށް ފައްކާކުރަން 1.5 ބިލިއަން ހޭދަކުރަނީ

އައިފޯން ސެޓެލައިޓް ފީޗާތައް ބަރާބަރުކުރަން 1.5 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ތައްޔާރުވަމުން އަންނަ ކަމަށް އެޕަލް ކުންފުނިން ބުނެފި އެވެ.

ސެޓެލައިޓް މެދުވެރިކޮށް އައިފޯނުން ދޭނެ ހިދުމަތްތަކުގެ ތެރޭގައި އެމެޖެންސީ ހާލަތެއްގައި ވަކި މީހަކަށް މެސެޖުކުރުން ހިމެނެ އެވެ. މިއީ އާންމު މޯބައިލް ނެޓްވޯކުތައް ބޭނުން ނުކޮށް ދެވޭ ހިދުމަތެކެވެ.

އެޕަލް އިން އިންވެސްޓްކުރާ 1.5 ބިލިއަން ޑޮލަރު ބައިތަކަކަށް ބަހާނެ އެވެ. މި ގޮތުން ސެޓެލައިޓް ހިދުމަތް ހޯދުމަށް އެކުގައި މަސައްކަތްކުރަން އެޕަލުން ކަނޑައަޅާފައިވާ ގްލޯބަލް ސްޓާއަށް ނަގުދު ފައިސާގެ ގޮތުގައި 1.1 ބިލިއަން ޑޮލަރު ދޭނެ އެވެ. އަދި އެ ކުންފުނީގެ ދަރަނި ދެއްކުމަށް 232 މިލިއަން ޑޮލަރު ހޭދަކުރާނެ އެވެ.

ގްލޯބަލްސްޓާއާ އެކު އެޕަލުން ހަދާ ޑީލްގައި -- އެޕަލުން ކުރާ ހޭދައަށް ގްލޯބަލްސްޓާ ހިއްސާގެ 20 ޕަސެންޓް އެޕަލްއަށް ލިބޭނެ އެވެ.

އެޕަލުން އިންވެސްޓް ކުރާ އަދަދުގެ ބޮޑުބައި ހޭދަރާނެ ކަމަށް ވަނީ ގްލޯބަލްސްޓާއަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށެވެ. މި ވަސީލަތްތަކުގެ އެހީގައި އައިފޯނަށް ބޭނުންޖެހިފައި ހުރި ހިދުަމަތްތައް ފޯރުކޮށްދިނުމަށް ދެ ކުންފުނިން އޮތީ ރާވާފަ އެވެ.

ގްލޯބަސްސްޓާއާ ގުޅިގެން އެޕަލުން މަސައްކަތްކުރަން ފަށާފައިވަނީ 2022 ވަނަ އަހަރު އެވެ. ގްލޯބަލްސްޓާގެ ހިދުމަތްތައް މިހާރުވެސް އައިފޯނުން ލިބެ އެވެ.