ދުނިޔެ

އެޕަލްގެ ޑިވައިސްތައް މަނާކުރަން ޖެހިދާނެ: އީލޮން މަސްކް

އޯޕަންއޭއައި އާއެކު އެޕަލްއިން ހެދި އެއްބަސްވުން އެގޮތުގައި ކުރިއަށް ގެންދަން އެޕަލްގެ މެނޭޖްމަންޓުން ނިންމައިފިނަމަ އޭނާގެ އެއްވެސް ކުންފުންޏެއްގައި އެޕަލްގެ އެއްވެސް ޑިވައިސްއެއް -- އައިފޯން، އައިޕެޑް އަދި މެކްބުކް ފަދަ އާލާތެއް ބޭނުން ނުކުރެވޭނެ ކަމަށް އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.

އޯޕަންއޭއައި އަކީ އެމެރިކާގެ ރިސާޗް އޮގަނައިޒޭޝަނެކެވެ.

މި އޮގަނައިޒޭޝަނަށް މިފަހުން އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ ޗެޓްޖީޕީޓީ އުފެއްދުމުގެ ސަބަބުންނެވެ. މި މީހުންގެ މައިގަނޑު މަސައްކަތަކީ މަސްނޫއީ ވިސްނުން -- އާޓިފިޝަލް އިންޓެލިޖެންސް ތަރައްގީކުރުމެވެ.

އީލޮން މަސްކް އަކީ ސްޕޭސްއެކްސް އަދި ސްޓާލިންކްގެ ވެރިޔާ އެވެ.

ޓެސްލާ ކަރަންޓް ކާރުތަކަކީ ވެސް އޭނާގެ އަމިއްލަ ވިޔަފާރި އެކެވެ. އަދި ޓްވިޓާގެ ނަމުގައި ކުރިން އޮތް މައިކްރޮބްލޮގިން ނެޓްވޯކް އަމިއްލަކޮށް އޭގެ ނަން އެކްސްއަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.

އެޕަލްގެ އޮޕަރޭޓިން ސިސްޓަމްތަކުގައި އޯޕަންއޭއައި ގާއިމުކޮށްފިނަމަ، އީލޮން މަސްކް ވިދާޅުވީ އޭނާއަށް އިތުރު އިޚުތިޔާރެއް -- އެޕަލްގެ އުފެއްދުންތައް މަނާކުރުން ފިޔަވައި، ނޯންނާނެ ކަމަށެވެ.

މަސްކް ދެކެވަޑައިގަންނަވާ ގޮތުގައި އޯޕަންއޭއައި ގާއިމުކުރުމަކީ ސަލާމަތީ ގޮތުން އެޕަލްގެ ޑިވައިސްއަށް ކުރިމަތި ވާނެ ވަރަށް ބޮޑު ނުރައްކަލެކެވެ. އޭގެ ނުރައްކާ އެންމެ ބޮޑުވާނީ -- އޭނާ ވިދާޅުވި ގޮތުގައި އެ އާލާތްތައް ބޭނުންކުރާ މީހުންނަށެވެ.

އޭނާގެ މުވައްޒަފުންގެ އިތުރުން ކުންފުންޏަށް ދާ މީހެއްގެ އަތުގައި އެޕަލް ޑިވައިސްއެއް އޮތް ނަމަވެސް ވަނުމުގެ ކުރިން ފޮއްޓަކަށް ލައި ބަންދުކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.

އެޕަލްގެ ޑިވައިސްތަކުގައި ޗެޓްޖީޕީޓީ ޓެކްނޮލޮޖީ ބޭނުންކުރުމަށްޓަކައި ދިރާސާކުރަމުންދާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެޕަލުން ކުރާ މަސައްކަތަކީ ސިރީގައި ޗެޓްޖީޕީޓީ ގާއިމުކުރުމެވެ.

މަސްކް ވިދާޅުވި ގޮތުގައި އެޕަލްގެ ޑިވައިސްތައް އޭނާ ބޭނުންކުރައްވަނީ އެޕަލްއަށް އިތުބާރެއްގެ ސަބަބުން ކަމަށެވެ. އެކަމަކު އޯޕަންއޭއައި އަށް އެ އިތުބާރު ނެތް ކަމަށެވެ.

އޯޕަންއޭއައި އަށް މީހެއްގެ ޒާތީ މައުލޫމާތު ހިއްސާކުރުމަށްފަހު ދެން ވާނެ ގޮތް އެޕަލްއަށް ވެސް ނޭނގޭނެ ކަމަށް މަސްކް ވިދާޅުވި އެވެ.