ދުނިޔެ

ކޮންމެ ހަތް އައިފޯނަކުން އެއް އައިފޯނު މިހާރު އުފައްދަނީ އިންޑިއާގައި

ކޮންމެ ހަތް އައިފޯނެއްގެ ތެރޭގައި އިންޑިއާގައި އުފެއްދި އައިފޯނެއް މިހާރު އޮންނާނެ ކަމަށް އެމެރިކާގެ އޮންލައިން ނޫސް ބްލޫމްބާގުން ބުނެފި އެވެ.

އެމެރިކާގެ ކުންފުނިތައް ޗައިނާ ދޫކޮށް އެހެން ގައުމުތަކުގައި އިންވެސްޓްކުރުމަށް އެމެރިކާ ސަރުކާރުން ގޮވާލާފައި އޮތް ގޮވާލުމަށް އިޖާބަދީ އެޕަލުން ވެސް ވަނީ ޗައިނާގައި ކުރިން ކުރި ބައެއް މަސައްކަތްތައް އިންޑިއާ އާއި ދެކުނު އެފްރިކާއަށް ބަދަލުކުރަން ފަށާފަ އެވެ.

އެމެރިކާ ސަރުކާރުން ޗައިނާއަށް ދަތިކޮށް އިގުތިސާދީ ގޮތުން އެމެިރކާއާ ވާދަނުކުރެވޭ ވަރުކުރުމަށް ކުރާ މަސައްކަތްތަކުގައި -- އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކުގެ އެހީތެރިކަން އެ ގައުމުގެ ސަރުކާރަށް ބޭނުންވާނެ ކަމަށް ދައުލަތުން އޮތީ ބުނެފަ އެވެ.

އެޕަލުން އިންޑިއާގައި ކޮށްފައި ހުރި އިންވެސްޓްތައް މާލީ އަހަރުތަކަކަށް ބަހާލައިގެން ހިސާބުތައް އާންމުކުރަމުން ދާއިރު ފާއިތުވި އަހަރު 14 ބިލިއަން ޑޮލަރުގެ އައިފޯނު އިންޑިއާގައި އުފައްދާފައިވާ ކަމަށް ބްލޫމްބާގުން ބުނެ އެވެ.

އިންޑިއާގައި އެމެރިކާގެ އިންވެސްޓްމަންޓްތައް ގިނަވަމުން އަންނައިރު މިއީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަރަށް އުފާވެރި ސިފަކުރެއްވުމަކަށް ވާނެ އެވެ.

އިންޑިއާގެ އިގުތިސާދު ދުނިޔެއާ ވާދަކުރެވޭ ވަރު ކުރެއްވުމަކީ މޯޑީގެ އިސްނެންގެވުމެކެވެ.

އެޕަލްގެ އިންވެސްޓްމަންޓްތަކާ އެކު އިންޑިއާގައި ވަޒީފާގެ ފުރުސަތު އިތުރުވެ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުވެސް ބޮޑު ތަނުން ކުރިއަރާނެ ކަމަށް ބެލެވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާގައި އައިފޯން އުފައްދަން ފެށުމާ އެކު 150،000 ވަޒީފާ މުޅިން އަލަށް ވަނީ އުފެދިފަ އެވެ.

އެމެރިކާގެ ކުންފުނިތަކުގެ ތެރެއިން އިންޑިއާގައި ދެން އިންވެސްޓްކުރާނެ ކަމަށް ބެލެވެނީ މަޝްހޫރު ވިޔަފާރިވެރިޔާ އީލޮން މަސްކްގެ ކަރަންޓް ކާރު ކުންފުނި -- ޓެސްލާއިންނެވެ.

އިންޑިއާގައި ކަރަންޓް ކާރު އުފެއްދުމަށްޓަކައި ބޭނުންވާ ހުއްދަތައް ހޯއްދެވުމުގައި އުޅުއްވާ ކަމަށް މަސްކް ވަނީ މިދާކަށް ދުވަހު ވެސް ވިދާޅުވެފަ އެވެ.

ޓެސްލާއިން މިހާރު ވެސް އިންޑިއާގައި ވިޔަފާރި މުއާމަލާތްތައް ކުރެ އެވެ.