ދުނިޔެ

ފޮކްސްކޮން އިންޑިއާގައި ޗިޕް އުފައްދަނީ

ހޮން ހައި ޓެކްނޮލޮޖީ ގްރޫޕްގެ ފަރާތުން ފޮކްސްކޮން އިންޑިއާގައި ވެޑާންޓާއާ ގުޅިގެން ސިލިކަން ޗިޕްސް އުފައްދަން އެއްބަސްވެއްޖެ އެވެ.

އެޕަލް ކުންފުންޏަށް އައިފޯން އުފައްދައިދޭ ފޮކްސްކޮންގެ ހެޑްކުއާޓަރު ހުންނަނީ ޓައިވާންގެ ވެރިކަންކުރާ ސިޓީ، ޓައިޕޭގަ އެވެ. ފޮކްސްކޮންގެ ފެކްޓަރީތައް ޗައިނާ އާއި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ހުރެ އެވެ.

އިންޑިއާގައި މައިކްރޮޗިޕް އުފެއްދުމުގެ އިތުރުން އިންޑިއާ މާކެޓަށް އަމާޒުކޮށް އިލެކްޓްރޯނި އާލާތައް އުފައްދާނެ ކަމަށް ވެސް ފޮކްސްކޮން ބުނެ އެވެ.

އެޕަލް އިން އައިފޯން އުފައްދަން ފޮކްސްކޮންއާ ހަވާލު ކުރުމުން ފޮކްސްކޮންއަށް ވަރަށް ބޮޑު މަޝްހޫރު ކަމެއް ލިބުނެވެ. ފޮކްސްކޮންގެ އާމްދަނީ ވަރަށް ބޮޑުތަން އިތުރުވި ސަބަބަކަށް ވެސް އެޕަލްއިން ހަވާލުކުރި ޕްރޮޖެކްޓައް ހިމެނެ އެވެ.

ފޮކްސްކޮންއިން އިންޑިއާގައި ޗިޕް އުފައްދަން މަސައްކަތް ކުރަމުން ގެންދާއިރު ސައުތު އެފްރިކާގައި ވެސް ފޮކްސްކޮން ފެކްޓަރިތައް އިރުތުކުރުން އޮތީ ވިސްނާފަ އެވެ.

އިންޑިއާގައި އިލެކްޓްރޯނިކްސް އުފެއްދުމަކީ އިންޑިއާ ސަރުކާރުން ވެސް އެދޭ ކަމެކެވެ. އިންޑިއާއަށް ޗިޕް މާކެޓް ގެނައުމަށް ވެސް ސަރުކާރުން އޮތީ ގޮވާލާފަ އެވެ.

އިންޑިއާއިން މިހާރު ވިސްނަމުން ގެންދަނީ އިލެކްޓްރޯނިކްސް މާކެޓްގައި ޗައިނާއާ ވާދަކުރެވޭ ވަރުގެ އިގުތިސޯދަކަށް ވުމަށެވެ. އިންޑިއާގައި ދުވަހަކު ވެސް އުފައްދާފައި ނުވާ ބްރޭންޑްތަކާއި މޮޑެލްތަކަށް މަރުހަބާ ކިޔާ ގޮތަށް އިންޑިއާގެ ވިޔަފާރި ގަވާއިދު ވެސް ވަނީ ބަދަލުކޮށްފަ އެވެ.

ބައްރުތަކުގައި ޗިޕް އުފައްދަން ފެށުމަކީ ފޮކްސްކޮންއިން ދުރާލައި ރާވާފައި އޮތް ރޭވުމެވެ. މައިގަޑު ބޭނުމަކީ މާކެޓަށް، ސްމާޓް އާލާތްތައް އުފައްދާ ކުންފުނިތަކަށް ޗިޕް ލިއްބައި ދިނުމުގައި ފަސޭހަކޮށްދިނުމެވެ.