ޗައިނާގައި ސަރުކާރު މުވައްޒަފުން ރަސްމީ ބޭނުންތަކުގައި -- ގައުމުން ބޭރު ކުންފުނިތަކުން އުފައްދާ ސްމާޓްފޯން ބޭނުންކުރުން މަނާކޮށްފި އެވެ. މީގެ ތެރޭގައި އެޕަލްގެ މަޝްހޫރު އައިފޯން ވެސް ހިމެނެ އެވެ.
އެމެރިކާގެ މަޝްހޫރު ވޯލް ސްޓްރީޓް ޖާނަލުން ބުނާ ގޮތުން ޗައިނާގެ މި އަމުރަށް ސަރުކާރު މުވައްޒަފުން ތަބާވާން ޖެހެނީ ގައުމީ ރައްކާތެރި ކަމަށްޓަކަ އެވެ.
ޗައިނާ ސަރުކާރުގެ ސިއްރުތައް ވީހާވެސް ބޮޑަކަށް ގައުމުގައި ހިފެހެއްޓުމަށް ބާރުއެޅުމަށް މިފަދަ ނިންމުމެއް ނިންމަން ޖެހުނީ ކަމަށް ސަރުކާރު ސީނިއާ އޮފިޝަލުން ވޯލް ސްޓްރީޓް ޖާނަލަށް މައުލޫމާތު ދިން ކަމަށް އެ ނޫހުން ބުނެ އެވެ.
ދުނިޔޭގެ ސިޔާސާސަތު ބައްޓަންކުރަން ވަކި ބަޔަކަށް ކޮންޓްރޯލް ދިނުމަކީ ޗައިނާ ދެކޭ ގޮތުގައި މޮޔަ ކަމެކެވެ. މިހެން ކަން އޮތުމުން ޗައިނާގެ ވިސްނުމަކި ގައުމުން ބޭރު ޓެކްނޮލޮޖީއަށް ބަރޯސާނުކުރުމެވެ.
ބޭރުގެ ޓެކްނޮލޮޖީ އުފެއްދުންތައް ކޮންޓްރޯލްކުރަން ޖެހޭ ސަބަބެއް ކަމަށް އޮފިޝަލުން ބުނަނީ ސައިބާ ސެކިއުރިޓީ ވަރުގަދަކުރުމެވެ.
ގައުމުން ބޭރުގައި ޑިޒައިންކުރާ ޓެކްނޮލޮޖީގެ ސަބަބުން ސަރުކާރުގެ ނާޒުކު ސިއްރުތައް ވާދަވެރިންނަށް ފޯރާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ޗައިނާގައި ބޭރުގެ ޓެކްނޮލޮޖީ ބޭނުންކުރުން މަނާކުރި ނަމަވެސް، މިކަމާ ގުޅިގެން ސަރުކާރު ވުޒާރާއަކުން ބަޔާނެއް ނެރެ ވަކި ކުންފުންޏަކަށް އަމާޒުކޮށްފައެއް ނުވެ އެވެ. އަޑުއިވެނީ ދޭދޭ މީހުން ދައްކާ ވާހަކަ އެވެ. ސަރުކާރު އޮފީސްތަކުގައި އައިފޯން ބޭނުންކުރުން މަނާ ކަމަށް ބުނާ އަޑުތަކެވެ.
އެޕަލުން ޗައިނާގައި ކުރާ އައިފޯން ވިޔަފާރިން ވަރަށް ބޮޑު މަންފާއެއް ހޯދަ އެވެ. އެޕަލްއަށް ވަންނަ ޖުމުލަ އާމްދަނީގެ 19 ޕަސެންޓަކީ ޗައިނާގައި އައިފޯން ވިއްކައިގެން ލިބޭ އަދަދެކެވެ.
ޗައިނާގެ މި ނިންމުމަކީ އެމެރިކާއިން ޗައިނާއާ ދެކޮޅަށް އަޅާފައި ހުރި ފިޔަވަޅުތަކަށް ދިން ރައްދެކެވެ. ޗައިނާގެ ވާވޭ ޓެކްނޮލޮޖީޒް ހިމެނޭ ގޮތުން ސްމާޓްފޯން އުފައްދާ ބައެއް ކުންފުނިތަކަށް އެމެރިކާއިން އޮތީ ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ.
ވާވޭ ސްމާޓްފޯންތަކާއި ނެޓްވޯކިން އާލާތްތައް އަދި ސީސީޓީވީ ކެމެރާތައް އެމެރިކާގައި ބޭނުންކުރުމަކީ މަނާކަމެވެ.