އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގެ ޕްރޮސެކިއުޓަރު ކަރީމް ޚާނަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ. މިކަން އިއުލާންކުރީ އެ ގައުމުގެ މާލީ އިދާރާއިންނެވެ.
ކަރީމް ޚާނާ ދެކޮޅަށް އެމެރިކާގެ މާލީ އިދާރާއިން އެޅީ ފިޔަވަޅުތަކުގެ ސަބަބުން އޭނާއަށް ދެން އެމެރިކާއަކަށް ނުވަދެވޭނެ އެވެ. އެމެރިކާގައި ހުރި އޭނާގެ ހުރިހާ މުދަލެއް، ފައިސާއެއް ހިފަހައްޓާނެ ކަމަށް މާލީ އިދާރާއިން ވަނީ ބުނެފަ އެވެ.
އެމެރިކާއިން ކަރީމް ޚާނަށް ދަތިކުރުމުގެ ފިޔަޅުއެޅި ސަބަބަކީ، އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ދިފާއީ ވަޒީރު ޔޮއާވް ގަލަންޓް އަކީ ހަނގުރާމައިގެ ކުށްވެރިން ކަމަށް ކަނޑައަޅައި، ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރުކުރަން އަމުރަކަށް އެދި އައިސީސީއަށް ހުށަހެޅުމާ ގުޅިގެންނެވެ.
އެމެރިކާ އާއި އިޒުރޭލަކީ އައިސީސީގެ މެމްބަރުނެއް ނޫނެވެ. އަދި އައިސީސީން ކުރާ އަމުރުތައް ތަންފީޒުކުރުމަކީ އެމެރިކާއަށް އަދި އިޒުރޭލަށް ވެސް ލާޒިމުކަމެއް ނޫނެވެ.
ނަމަވެސް، އައިސީސީގެ އަމުރެއް އޮއްވައި، އައިސީސީގެ މެމްބަރު ގައުމަކަށް އެ މީހަކު ދަތުރުކޮށްފި ނަމަ ހައްޔަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ.
އައިސީސީއަށް މައްސަލަ ހުށަހެޅުމާ ގުޅިގެން ދުނިޔޭގެ ބައެއް ގައުމުތަކުން ވަނީ، ނަަތަންޔާހޫ އާއި ގަލަންޓް އެ ގައުމުތަކަށް ދަތުރުކޮށްފި ނަމަ ހައްޔަރުކުރާނެ ކަމަށް ބުނެ އިއުލާންކޮށްފަ އެވެ.