ދުނިޔެ

ޔޫއޭއީ އާއި މިސްރުން ޣައްޒާއަށް ބޮޑެތި އެހީތަކެއް

ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި މިސްރު ގުޅިގެން 90 ޓަނުގެ އެހީ -- ކާބޯތަކެއްޗާއި ބޭސް ފަރުވާ، ތިން މަތިންދާބޯޓުގައި ވައިގެ މަގުން ޣައްޒާއަށް އޮއްސާލައިފި އެވެ.

މިއީ މިފަހުން ޣައްޒާއަށް މިހާ ގިނައި އެހީތެރިކަން ފޯރުކޮށްދިން ފުރަތަމަ ފަހަރު ކަމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދިފާއީ ވުޒާރާއިން ބުންޏެވެ.

މިސްރުގެ ވައިގެ ސިފައިންނާއި ޔޫއޭއީގެ ވައިގެ ސިފައިން ގުޅިގެން ހިންގި މި ޕްރޮގްރާމްގައި އުތުރު ޣައްޒާއަށް ބޭނުންޖެހިފައި ހުރި ތަކެތި ފޯރުކޮށްދެވިފައި ވާނެ ކަމަށް މި ދެ ގައުމުން ބުންޏެވެ.

އިޒުރޭލު ސިފައިން ޣައްޒާއަށް އަރައިގަނެ ދެމުންދާ ހަމަލާތަކުގެ ސަބަބުން، އެހީއަށް ބޭނުންޖެހި އަދި މިހާރު ބަނޑަށްޖެހޭ މީހުން ޣައްޒާގެ އެކި ސަރަހައްދުގައި އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

އެއްގަމު މަގުން އެހީ ފޯރުކޮށްދޭ ލޮރީތަކަށް އިޒުރޭލު ސިފައިން ހަމަލާދޭތީ ޣައްޒާއަށް އެހީފޯރުކޮށްދިނުން ވަނީ ދަތި ކަމަކަށް ވެފަ އެވެ.

އިޒުރޭލުން ހުއްދަ ހޯދައިގެން އެހީ ފޯރުކޮށްދޭ މަސައްކަތްކުރާ ލޮރީތަކަށް ވެސް އިޒުރޭލުން ހަމަލާދެ އެވެ. އަދި އެހީ ހޯދަން ނުކުންނަ އާންމު ރައްޔިތުންނަށް ހަމަލާދީ އެތައް ބަޔަކު މިހާރުވެސް ވަނީ މަރާފަ އެވެ.

މިސްރާއި ޔޫއޭއީ އިން ފޯރުކޮށްދިން މި އެހީއާ އެކު ޣައްޒާއަށް ފޯރުކޮށްދެވުނު އެހީގެ އަދަދު 664 ޓަނަށް އެރީ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތަކުން ފެށިގެން ޒަޔަނިސްޓުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި 32،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި 75،000 އަށް ވުރެ ގިނަ މީހުން ވަނީ އަނިޔާ ލިބިގެން ފަރުވާ ހޯދާފަ އެވެ.

ޣައްޒާއަށް ހަމަލާަދޭން ފެށުމާ އެކު ރައްކާތެރިވުމުގެ ގޮތުން ޣައްޒާގެ އެތައް މިތަނަށް މީހުންތައް ވަނީ ބެހިގެން ގޮސްފަ އެވެ. މި ގޮތުން ޣައްޒާ އާބާދީގެ 85 ޕަސެންޓް މީހުން ވަނީ އަމިއްލަ ވަޒަން ދޫކޮށް ޣައްޒާ ތެރޭގައި ރެފިއުޖީންނަށް ވެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޣައްޒާ ކުރިން އޮތް ފެންވަރަށް ގެނައުމަށް ވަރަށް ބޮޑަށް ހޭދައެއް ކުރަން ޖެހޭނެ އެވެ. އަދި އުމްރާނީ ތަރައްގީ -- ހަނގުރާމައިގެ ކުރިން އޮތް ފެންވަރަށް ގެނައުމަށް ޒަމާންތަކެއް ނަގާނެ އެވެ.