ދުނިޔެ

ލުބްނާންގައި ސުލްހަ ބަލަހައްޓާ އދ ގެ ފައުޖަށް އިޒުރޭލުން ހަމަލާދީފި

ލުބްނާންގައި ސުލްހަ ބަހަލައްޓާ "ޔޫއެން އިންޓެރިމް ފޯސް އިން ލުބްނާން" (ޔުނިފިލް)ގެ ފައުޖަކަށް އިޒުރޭލުން ހަމަލާދީ ތިން ސިފައިންނާއި އާންމުގެ މީހަކު ޒަހަމްކޮށްލައިފި އެވެ.

ލުބްނާންގެ ވަގުތީ ބޮޑުވަޒީރު ނަޖީބް މީގާތީ ވިދާޅުވި ގޮތުގައި އދގެ ސަލާމަތީ މަޖިލީހަށް ޝަކުވާ ހުށަހަޅުއްވައި މިވަރުގެ ކަމެއް ދޫކޮށް ނުލައްވާނެ އެވެ.

ލުބްނާންގެ ހާރިޖީ ވުޒާރާއިން ބުނީ ޒަހަމްވި މީހުންގެ ތެރޭގައި ވަރަށް ހާލު ދެރަ މީހުން ތިބި ކަމަށެވެ. އިޒުރޭލުން މިފަދަ އަމަލެއް ހިންގައި، ނުކުރާ ކަމަކަށް ހަދައިގެން ނުތިބެވޭނެ ކަމަށް ވެސް ބުންޏެވެ.

އިޒުރޭލުގެ މި އަމަލަކީ ދުނިޔޭގެ ގާނޫނުތަކަށް ވުރެ މަތީގައި އެ މީހުން ތިބިކަން ދައްކުވައިދޭ އަމަލެއް ކަމަށް ހާރިޖީ ވުޒާރާއިން ބުންޏެވެ.

ޔަހޫދީންގެ ބޯހަރުކަމާއި އެ މީހުންނަށް ވުރެ ބާރުގަދަ ބަޔަކު ނެތް ކަމަށް ދެއްކުމަށް ކުށެއް ނެތް އަދި ބައިނަލްއަގްވާމީ ޒިންމާތައް އުފުލާ އެޖެންސީތަކަށް ހަމަލާދިނުމަކީ ބޮޑު ކުށެއް ކަމަށްވެސް ލުބްނާންގެ ހާރިޖީ ވުޒާރާއިން ވަނީ ބުނެފަ އެވެ.

ބޮޑުވަޒީރު ނަޖީބު މީގާތީ ވިދާޅުވީ އދގެ ސަލާމަތީ މަޖިލީހަށް މި މައްސަލަ ވެއްދުމުގައި ލުބްނާނުން ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމަށެވެ. އަދި މި މައްސަލަ ބެލޭނެ ގޮތްތައް ހޯދައި ބައިނަލްއަގްވާމީ އިދާރާތަކަށް ހުށަހެޅުމަށްވެސް ބޮޑުވަޒީރު ވަނީ އިރުޝާދު ދެއްވާފަ އެވެ.

އިޒުރޭލުގެ މި ހަމަލާ އަކީ ގަސްދުގައި ދިން ހަމަލާއެއް ކަމަށް ލުބްނާނުން ބުނެ އެވެ. އިޒުރޭލަށް ބިރަކަށް ނުވާ ބަޔަކަށް އަދި އިޒުރޭލާ ގުޅުމެއް ނުވެސް ނެތް ހިސާބުގައި ހަރަކާތްތެރިވި ބަޔަކަށް ހަމަލާދިނުމަކީ ކުށެއް ކަމަށް އދ އިން އިއުލާންކުރަން ޖެހޭނެ ކަމަށްވެސް ލުބްނާން ދެކެ އެވެ.

މި މައްސަލައާ މެދު އޮތް ކަންބޮޑުވުން ފާޅުކޮށް ލުބްނާނުން ކުރި ޝަކުވާއަށް ރައްދުދީ އިޒުރޭލުން ބުނީ އދއާ ގުޅުން ހުރި އެއްވެސް ބަޔަކަށް ހަމަލާ ނުދޭ ކަމަށެވެ.

އދގެ ސަލާމަތީ ފައުޖުތަކަށް ހަމަލާދިނުމަކީ ޔަހޫދީ ސިފައިންގެ ވިސްނުމެއް ނޫން ކަމަށްވެސް ވަނީ ބުނެފަ އެވެ.