ރައީސް އޮފީސް

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މެންބަރުން އައްޔަންކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭފުޅުން އައްޔަންކުރައްވައިފި އެވެ.

މިބޭފުޅުން މަގާމަށް އައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ރައީސްކަމުގެ މަގާމަށް އައްޔަންކުރެއްވީ ޏ. ފުވައްމުލައް، ދަޑިމަގު. ގްލޯރީގެ އަލްއުސްތާޒް އިސްހާގު ހުސައިން އެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ނައިބު ރައީސްކަމަށް އައްޔަންކުރައްވާފައި ވަނީ ޅ. ހިންނަވަރު، ހިޔާވަހި އަލްއުސްތާޒާ ފާތިމަތު މަހީރާ މުހައްމަދެވެ.

ޓްރައިބިއުނަލްގެ މެންބަރު ކަމަށް އައްޔަންކުރައްވާފައިވަނީ ހުޅުމާލެ ހިޔާ 04-21-8 އަލްއުސްތާޒާ ޝަހީމާ ސަލީމާއި ގއ. ގެމަނަފުށި، ފެހިކުރި އަލްއުސްތާޒާ އިޝާރާ ޢަބްދުލްއަޒީޒު އަދި ދަފްތަރު. ނަންބަރު ދރ 265 އަލްއުސްތާޒާ ސައުސަން އަލީ އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލާދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒް ޢަލީ ރަޝީދު ހުސައިނެވެ.