ރައީސް އޮފީސް

ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމަށް ފޯނު ވެއްދުން މަނާކޮށްފި

ރައީސް އޮފީހުގެ ބައްދަލުވުންތަކަށް ބޭރުން ދާ މީހުންގެ މޮބައިލް ފޯނު އެ އޮފީހަށް ވެއްދުން މަނާކޮށްފި އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ނޫސްވެރިންނަށް ފޯނު ނުވެއްދުމުން ނޫސްވެރިން ކަންބޮޑުވުން ފާޅުކުރުމުން ފޯނު ވެއްދުމުގެ ހުއްދަ ދިނެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ނުވެއްދޭނެކަން ވަނީ އަންގާފަ އެވެ.

އެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ސެކިއުރިޓީ ޕްރޮޓޮކޯލެއްގެ ދަށުން އެ އުސޫލަށް އަމަލުކުރަމުން އަންނަތާ މިހާރު ދެ މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

މިނިސްޓަރުންނާއި ރައީސް އޮފީހުގެ މުވައްޒަފުން ނޫން އެހެން މީހުންނަށް ފޯނު ނުވެއްދޭ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން އެކަމުގެ ކަންބޮޑުވުންފާޅު ކުރުމުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ރައީސް އޮފީހުގެ ޕްރޮޓޮކޯލް ކުރިއަށް ގެންދަނީ އެމްއެންޑީއެފުން ކަމަށެވެ.

"ކުރިއަށް އޮތްތަނުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ މައްސަލަ ތަކުރާނު ނުވާނެ ގޮތަކަށް ކުރިއަށް ގެންދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ހީނާ ވިދާޅުވި އެވެ.