ރައީސް އޮފީސް

މިނިސްޓަރު ރަމީޒާއި ޝަމްނާޒު ސަސްޕެންޑްކޮށްފި

ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ އިތުރުން އޭނާގެ ކުރީގެ އަނބިކަނބަލުން އަދި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް މަގާމުން ސަސްޕެންޑްކޮށްފި އެވެ.

އާދަމް ރަމީޒު އާއި ޝަމްނާޒް ސަސްޕެންޑްކޮށްފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އަވަސް އަށް ކަށަވަރުކޮށްދެއްވާފަ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ހީނާ ވަލީދު މިއަދު ވިދާޅުވި ގޮތުގައި އާދަމް ރަމީޒު އާއި ޝަމްނާޒް ސަސްޕެންޑްކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.

އާދަމް ރަމީޒަކީ މާލޭގެ މޭޔަރެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވިއިރު މާލޭ ސިޓީ ކައުންސިލްގައި ރައީސް މުއިއްޒުގެ އެންމެ އަރިސް ދެ ކައުންސިލަރުންގެ ގޮތުގައި މަސައްކަތް ކުރެއްވި ދެ ބޭފުޅުންނެވެ. ނަމަވެސް ރަމީޒުވެސް މިހާރު ހުންނެވީ ރައީސްއާ ކައިރި ނުވެވޭ ގޮތަށް ދުރުކޮށްފަ އެވެ. އެހެންވެ ރައީސްއާ އެކު ރަމީޒު ނުފެންނަތާ ދުވަސްކޮޅެއްވެސް ވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައި ޝަމްނާޒް އެންމެ ފުރަތަމަ އައްޔަންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދިރިއުޅުއްވާ މުލިއާގޭގެ އިސް މަގާމަކަށެވެ. ނަމަވެސް މިދިޔަ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ޝަމްނާޒް ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރައްވާފަ އެވެ.

ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައެއްގައި މިމަހުގެ 23 ވަނަ ދުވަހު ޝަމްނާޒްއާއި އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން އިއްޔެ ޔަގީންކޮށްދިން ނަމަވެސް ތަހުގީގު ކުރާ މައްސަލައާއި ގުޅޭގޮތުން ފުލުހުން އެއްވެސް އެއްޗެއް ނުބުނެ އެވެ.