ހީނާ ވަލީދު

ފުށިދިއްގަރުފަޅު މަޝްރޫއު ނުހުއްޓޭ: ހީނާ

ފުށިދިއްގަރުފަޅު -- ރަސްމާލެ މަޝްރޫއު ނުހުއްޓި ކުރިއަށްދާ ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ނުފެނުނު ނަމަވެސް މަސައްކަތް ކުރިއަށްދާ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތަށް އެ މަޝްރޫއު ކުރިއަށްދާނެ ކަމަށެވެ.

އެ މަޝްރޫއާ ގުޅިގެން ކުރަންޖެހޭ އިދާރީ ކަންކަމާއި އީއައިއޭ ކަންކަން މިހާރުވެސް ކުރިއަށްދާ ކަމަށް ހީނާ ވިދާޅުވި އެވެ.

ފުށިދިއްގަރުފަޅު ހިއްކައިގެން އެ ތަނުގައި "ރަސްމާލެ"ގެ ނަމުގައި އެންމެ ޒަމާނީ ފެންވަރުގެ އިކޯސިޓީ ތަރައްގީކުރުމަށްޓަކައި ފުށިދިއްގަރުފަޅު ހިއްކަން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު 18 ވަނަ ދުވަހު އެވެ.

ރަސްމާލެއިން 1،150 ހެކްޓަރުގެ ބިން ހިއްކަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް ޖުމްލަ 70 ހެކްޓަރުގެ ބިން ދިގު މުއްދަތަށް ދީގެންނެވެ. އެ މަޝްރޫއަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުކުރާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ސީއެމްސީސީއަށް ބިން ދެނީ ހުޅުމާލެ ދެވަނަ ފިޔަވަހިންނާއި ރަސްމާލެ އިންނެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހިން 10 ހެކްޓަރުގެ ބިން ދީފައިވާއިރު ރަސްމާލެ ހިއްކާ ނިމުމުން އެތަނުން 60 ހެކްޓަރުގެ ބިން ދޭން ވަނީ ނިންމާފަ އެވެ.