އިޒުރޭލު ސިފައިން ރަފާހްއަށް އަރައިގަތުމާ މުޅި ދުނިޔެ ދެކޮޅު ހަދަނިކޮށް އެއްވެސް އިހުތިރާމެއް ނެތި ތިމާމެންނަށް ފެންނަހާ ގޮތަކަށް ކަންކުރުމުން ގައުމުތަކުގެ މެދުގައި އިޒުރޭލަށް އޮންނާނީ ނިކަމެތިކަމާއި ބަލިކަށިކަން ކަމަށް އެމެރިކާ އިން ބުނެފި އެވެ.
ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތް ނައްތާލުމަށް ކަމަށް ބުނެ އިޒުރޭލުގެ އަސްކަރިއްޔާއިން ޣައްޒާގައި ހިންގަމުންގެންދާ އޮޕަރޭޝަންތައް ހުއްޓާލައި ސުލްހައިގެ މޭޒު ދޮށަށް ދިއުމަށް އެމެރިކާ ވެސް އޮތީ ގޮވާލާފަ އެވެ.
ހާމާސް އަކީ ފަލަސްތީންގެ ސިޔާސީ މަންޒަރުގެ ބަޔަކަށް ވާތީ އިޒުރޭލަށް ވެސް އޮތް އެންމެ ރަނގަޅު ގޮތަކީ އެ ޖަމާއަތާ އެކު ސިޔާސީ ހައްލެއް ހޯދުން ކަމަށް މުޅި ދުނިޔެ ކަހަލަ ގޮތަށް ދެކެ އެވެ.
ނަމަވެސް ތިމަންނަމެންނަށް ވުރެ ބާރުގަދަ ބަޔަކު ނެތް ކަމަށް ދެކެ، ފަލަސްތީންގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް އިޒުރޭލުގެ އަސްކަރިއްޔާ އިން ހިންގަމުން ގެންދާ ޖަރީމާތަކުގެ ސަބަބުން އިޒުރޭލުގެ ވެރިން މިހާރު ވަނީ ހަނގުރާމައިގެ ކުށްވެރިންނަށް ވެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެކަށީގެންވާ ރަނގަޅު ވަގުތެއްގައި އަދި އިޒުރޭލުގެ ވެރިންގެ ގޮތުގައި މިހާރު ތިބި މީހުންގެ ކިބައިން އެ ބާރުތައް ނިއުޅިގެންދާ ދުވަހެއްގައި، އެ ހުރިހާ އެންމެންނާ މެދު ޝަރީއަތް ކުރެވޭނެ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން މެތޫ މިލާ ވިދާޅުވި ގޮތުގައި ރަފާހްއަށް އަރައިގަތުމުގައި އިޒުރޭލުގެ ބާރުވެރިކަން މިހާރު ފެންނަން އޮތަސް ދުރު ރާސްތާގައި ލިބޭނީ ގެއްލުމާއި ބަދުނާމެވެ.
ރަފާހްއަށް ވަދެގަތުމުގައި އިޒުރޭލަށް އެއްވެސް މޮޅެއް ނެތް ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
މެދުއިރުމަތީގައި މިހާރު ހަރަކާތްތެރިވާ ހަމާސް އާއި ހިޒްބުﷲ އަދި ހޫސީންނަކީ ނައްތާލެވޭނެ ގުރޫޕްތަކެއް ނޫން ކަމަށް މެތޫ މިލާ ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ.
އިޒުރޭލުގެ އަސްކަރިއްޔާއިން ހަމާސްއަށް މިހާރު ދެމުންދާ ހަމަލާތަކުން ހަމާސްއަށް ވަގުތީ ދެރައެއް ދެވުނު ނަމަވެސް އެ މީހުން އަދިވެސް ތެދުވާނެ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަމާސްގެ އަތްދަށުގައި ތިބި އިޒުރޭލުގެ ރައްޔިތުން ހޯދުމަކީ ވެސް މަޝްވަރާކުރުމެއް ނެތި ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
މަޝްވަރާކުރުމުގެ ތެރެއިން އެއްބަސްވުމަކާ ދާދި ގާތްވެފައި އޮއްވައި ރަފާހްއަށް އަރައިގަތުމަކީ އިޒުރޭލަށް ކުރެވޭ ވަރަށް ދެރަކަމެއް ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.